Roadha Mihaaru
ރޯހިތުގެ "ސާކަސް" ނިމުމަކާ ގާތަށް

ރޯހިތު ޝެޓީގެ "ސާކަސް" ނިމުމަކާ ގާތަށް

30 މާޗް 2021

ދެހާސް އަށާރައިގެ "ސިމްބާ" އަށް ފަހު ޑައިރެކްޓަރު ރޯހިތު ޝެޓީ، އެކްޓަރު ރަންވީރު ސިންގްއާ އެކު ހަދަމުން އަންނަ ކޮމެޑީ ފިލްމު "ސާކަސް" ގެ ޝޫޓިން ނިމުމަކާ ގާތަށް އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް އަށާރައިގެ "ސިމްބާ" އަށް ފަހު ޑައިރެކްޓަރު ރޯހިތު ޝެޓީ، އެކްޓަރު ރަންވީރު ސިންގްއާ އެކު ހަދަމުން އަންނަ ކޮމެޑީ ފިލްމު "ސާކަސް" ގެ ޝޫޓިން ނިމުމަކާ ގާތަށް އަތުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ބުނީ މިހާތަނަށް މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ދެން އޮތީ "ސާކަސް" ގެ ފަހު ޝެޑިއުލް ކަމަށެވެ.

މީގެ ކާސްޓްގައި ރަންވީރާ އެކު ހިމެނެނީ ވަރުން ޝަރުމާ އާއި ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ އެވެ. ރަންވީރާއި ވަރުން "ސާކަސް" އިން ފެންނާނީ ޑަބަލް ރޯލްތަކުންނެވެ. ޓީ ސީރީޒްއާ ގުޅިގެން ހަދާ މި ފިލްމަކީ ޝޭކްސްޕިއާގެ ޕްލޭ "ދަ ކޮމެޑީ އޮފް އެރާޒް" އަށް ބިނާކޮށް ހަދާ އެއްޗެކެވެ.

ބޮޑު ކާސްޓަކާ އެކު ހަދާ ފިލްމުން ފެންނާނެ އިތުރު ފަންނާނުންގެ ތެރޭގައި ޖޯނީ ލީވާ، ސަންޖޭ މިޝްރާ، މުކޭޝް ތިވާރީ، ވިޖޭ ޕަޓްކަރް، ސުލްބާ އާރިއާ އަދި އަޝްވިނީ ކަލްސޭކަރް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ސާކަސް" ގެ ވަރަށް ހާއްސަ ލަވައަކުން ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯން ވެސް ފެންނާނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ އަހަރު ނިންމައިލާ ތާރީހު ކަމަށްވާ ޑިސެމްބަރު މަހުގެ 31 ގަ އެވެ.

ރަންވީރުގެ އެހެން ދެ ފިލްމެއް ވެސް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ ޖޫން 4 ގައި ގެނެސްދޭ ކްރިކެޓް ފިލްމު "83" އާއި ކޮމެޑީ އޮގަސްޓް 27 ގައި ގެނެސްދޭ ކޮމެޑީ ފިލްމު "ޖަޔޭޝްބާއީ ޖޯރުދާރު" އެވެ.

"ސާކަސް" ގެ މަސައްކަތް ރޯހިތުކުރަމުން އަންނަ އިރު، އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފާ އެކު އޭނާ ގެނެސްދޭ ފިލްމު "ސޫރިޔާވަންޝީ" އޮތީ އަންނަ މަހުގެ 30 ގައި ރިލީޒްކުރަން ތާވަލުކޮށްފަ އެވެ. އޭގެ ހާއްސަ ފެނިލުމަކުން ރަންވީރު އާއި އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ.