25 މާޗް 2021
ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގެ ހެކި ނައްތާލި ކަމަށް ބުނެ ސިފައިންގެ މީހެއްގެ ކަމަށް އަހުމަދު ތިހާމް ޖަލަށްލީ ގާނޫނާ ޚިލާފަަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގެ ހެކި ނައްތާލި ކަމަށް ބުނެ ސިފައިންގެ މީހެއްގެ ކަމަށް އަހުމަދު ތިހާމް ޖަލަށްލީ ގާނޫނާ ޚިލާފަަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސެޕްޓެމްބަރު، 2015 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ފިނިފެންމާ ލޯންޗްގައި ދަތުރު ކުރައްވަނިކޮށް ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ތަހުގީގީ އުސޫލުތަކާ ޚިލާފަށް ލޯންޗަށް އަރައި، އެތަނުން ހެކި ނަގައިގެން ގެންދިޔަ ކަމަށް ބުނެ ސ. ފޭދޫ ބުލްބުލާގޭ، ތިހާމްގެ އިތުރުން ދަފްތަރުު 617، މޫސާ ޒަމީރު ހަތަރު މަހާއި 24 ދުވަހަށް އަދި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަހުމަދު ފަޔާޒް (ޕާޕާ) ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ޒަމީރާއި ފަޔާޒްގެ ޖަލު ހުކުމް ހައި ކޯޓުން 2019 ގައި ބާތިލް ކުރިޔަސް، ތިހާމްގެ ޖަލު ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ. އޭރު އެ ތިން މީހުން ވެސް ތިބީ ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވެފަ އެވެ.
ތިހާމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހެއްކެއް ނައްތާލަން ނުވަތަ ބަދަލު ކުރަން ނުވަތަ ފޮރުވުމުގެ ގޮތުން ތިހާމް ކުރި އަމަލެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އަންގި ނުލައްވައި، ލޯންޗުގެ ތަންތަން ފާސް ކުރުމަކީ ހެކި ބަދަލުކުރުމުގެ އަމަލަކަށް ބެލިޔަސް، ކުށުގެ ނިޔަތް ދައުލަތަށް ބުނެ ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެގޮތުން ތިހާމް އެގޮތަށް އަމަލުކުރީ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، މީހަކު ހައްޔަރު ކުރަން ނުވަތަ މީހަކަށް ދައުވާއެއް ކުރަން ހުރަސް އެޅުމުގެ ގޮތުންކަން ދައުލަތަށް ބުނެ ދެވިފައިނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ތިހާމް ލޯންޗަށް އެރީ އީއޯޑީ ޓީމުގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށް ވާއިރު، އެފަދަ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތަކެއް ނުވަތަ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް އެމްއެންޑީއެފްގައި އޭރަކު ނެތެވެ. އައި އީއޯޑީ ޓީމުން އާންމުކޮށް ތަންތަން ފާސް ކުރާއިރު އަންގި ނުލައްވައި އެކަން ކުރާ ކަމަށް ހެކިން ބުނެފައި ވާއިރު، މިފަދަ ހާލަތްތަކުގައި ތަހުގީގީ އިދާރާތަކުގެ ދައުރާއި ސިފައިންގެ ދައުރު ބަޔާންކުރާ އުސޫލުތަކެއް އެމްއެންޑީއެފްގައި އޭރު ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، މިކަމުގައި އިހުމާލުވީ މަދު ބަޔަކު ކަމަށް ބުނެވެން ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
"މި މައްސަލާގައި އަންޕްރޮފެޝަނަލްކޮށް އަމަލު ކޮށްފައިވަނީ އެންމެ މީހެއް ނުވަތަ ދެ މީހެއް ކަމަށް އަހަރެންނަށް ގަބޫލެއް ނުކުރެ އެވެ. ހެކިން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ބެލުމުން މިއީ މުޅި މުއައްސަސާއާ ހަމައިން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހަމަ މަގުން ކައްސާލައިގެން ހިިނގާފައިވާ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ." ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ލިޔުއްވި ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ގޮވާ ތަކެތި ފެނުމަކީ ރާއްޖޭގައި އާންމު ކަމަކަށް ނުވިޔަސް، އެފަދަ ތަންތަނުގެ ރައްކާތެރިކަން ސިފައިން ކަށަވަރުކޮށް، ހެކި ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފް އިން ވިސްނާފައިނުވާ ކަމަށެވެ. އަދި ފިނިފެންމާ ލޯންޗުން ސާމްޕަލް ނަގައިގެން ހުޅުލެއަށް ގެންދިޔައީ އެމްއެންޑީއެފްގައި އޭރު ގެންގުޅޭ އެކްސްޕްލޯސިވް ޑިޓެކްޓާ ހަލާކުވެފައި ހުރުމުން ކަމަށް ތިހާމްގެ ފަރާތުން ބުނާއިރު އެކަމަށް ދައުލަތުން އިންކާރު ނުކުރާ ކަމަށް ހުކުމުގައިވެ އެވެ.
އެ ސާމްޕަލްތައް ނަގައިގެން ދިޔައިރު އެކަން ސިފައިންގެ ވެރިން ހުއްޓުވާފައި ނުވާ ކަމަށާއި އެކަން މައްސަލައަކަށް ވެގެން ތިހާމްގެ ބަޔާނެއް ފުލުހުން ނެގީ އޭގެ މާ ފަހުން ޑިސެމްބަރު، 2015 ގައި ކަމަށް ވެސް ހުކުމުގައިވެ އެވެ.
ތިހާމްގެ ފަރާތުން ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ބުނަމުން ދިޔައީ ލޯންޗުން ހެކި ގެންދިޔައީ އޭނާގެ އޭރުގެ ވެރިޔާ ފަޔާޒްގެ އަމުރަށް ކަމަށާއި އެހެންވެ، ޗެއިން އޮފް ކޮމާންޑްގެ ދިފާއުގެ ދަށުން އޭނާ ކުށްވެރި ނުވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ސިފައިންގެ ވެރިންނަށް އަމުރު ކުރެވޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށްވާތީ އަމުރުތައް ތަންފީޒު ކުރާ ސިފައިން އަމުރަށް ތަބާވާން ޖެހޭނީ ވެސް ގާނޫނީ އިމުގެ ތެރެއިން ކުރާ އަމުރުތަކަށް ކަމަށެވެ. އަދި ޗެއިން އޮފް ކޮމާންޑްގެ ދިފާއުއަކީ ޣައިރު ގާނޫނީ އަމުރެއް ތަންފީޒުކުރާ ސިފައިން އެކަމުން ބަރީއަވާނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
"އޭނާ އެ އަމަލުކުރީ އޭނާގެ މައްޗަށް ތިބި ވެރިން އަންގައިގެން ކަމަށް ބުނުމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުން ވެސް ބަލައިގަންނަ ދިފާއުއެއް ނޫނެވެ." ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ޗެއިން އޮފް ކޮމާންޑްގެ ދިފާއުއަކީ ޖިނާއީ ކުށްތަކުން ބަރީއަވެވޭނެ ސަބަބެއް ކަމަށް ބަލަން ފަށައިފި ނަމަ، ސިފައިން ކުރާ ޖިނާއީ ކުށްތަކަށް އެ މީހުން ޒިންމާ ކުރުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވެސް، ހަނގުރާމައިގެ ހާލަތްތަކުގައި ސިފައިން ކުރާ ކުށްތަކަށް އެ މީހުން ޒިންމާ ކުރުވޭނެ ކަމަށާއި އަދި އެ މީހުންގެ ވެރިން ވެސް އެކަމަށް ޖަވާބުދާރީ ކުރުވޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ތިހާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓާއި ދަށު ކޯޓުގައި ދައުލަތުން ވަކާލާތު ކުރިޔަސް، ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ތިހާމްގެ މައްޗަށް ކުށް ސާބިތު ނުވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނެފައިވަނީ ތިހާމާ އެކު ޖަލަށްލި މޫސާ ޒަމީރު ކުށްވެރިނުވާ ކަމަށް ހައިި ކޯޓުން ނިންމާފައި އޮތުމާއި އެ ދެ މީހުންނަށް އަމުރުކުރި ފަޔާޒްގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމާފައި އޮތުމުންނެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ތިހާމްގެ މައްސަލާގައި ދައުލަތުން ވިސްނުން ބަދަލުވި ގޮތް ހަމަނުޖެހޭ ކަމަށެވެ. އެގޮތުން ފަޔާޒަށް ތުހުމަތު ކުރި އަމަލާއި ތިހާމަށް ތުހުމަތު ކުރި އަމަލަކީ ތަފާތު ދެ ކަމެއް ކަމަށް ވާއިރު، ފަޔާޒްގެ މައްސަލާގައި ހައި ކޯޓުގެ ހުކުމް އައި ގޮތާއި މި މައްސަލައާ ގުޅޭ ގޮތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެކި މަރުހަލާތަކުގައި ދައުލަތުގެ ވިސްނުން ބަދަލުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ނަހަމަ ގޮތުގައި ބާރުތައް ބޭނުން ކުރުމަކީ ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
"މީސްމީހުންގެ މައްޗަށް ދައުލަތުން ޖިިނާއީ ދައުވާކޮޮށް، ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރާ ފަހުން ދައުލަތުގެ ވާހަކަތައް ބަދަލުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އޭގެއިން ދޭހަވަނީ މީސްމީހުންގެ މައްޗަށް ދައުވާ ކުރުމަށް ނިންމަނީ އެކަށީގެންވާ ވަރަށް މައްސަލަ ދިރާސާ ނުކޮށް ހައްގުތަކަށް ފަރުވާލެއް ނުބަހައްޓާ ކަމެވެ." ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ޒަމީރާއި ފަޔާޒްގެ މައްސަލާގައި ހައި ކޯޓުން ވަކި ގޮތަކަށް ނިންމުމަކީ ސުޕްރީމް ކޯޓުން އެ ނިންމުމާ އެއްގޮތަށް ތިހާމްގެ މައްސަލަ ނިންމަން ލާޒިމްވާނެ ސަބަބެއް ނޫނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ތިހާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
"ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ"
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
އައްމަޓީގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
"އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރާތީ ހައިރާންވޭ"
އިޖްރާއީ ގޯސްތަކުން މީހުން ދޫވުން:ދެން ދުލެއް ނުދޭނެ!
"މުލީއާގެ ކައިރީ ބޭއްވީ އައިއީޑީއެއްކަން ޔަގީނެއްނޫން"
ތިހާމް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި