Roadha Mihaaru
"މުލީއާގެ ކައިރީ ބޭއްވީ އައިއީޑީއެއްކަން ޔަގީނެއްނޫން"

މުލީއާގެ ކައިރީ ބޭއްވީ އައިއީޑީއެއްކަމާ މެދު ސުވާލު އުފެދޭތީ ހުކުމް ބާތިލްކޮށްފި

23 މެއި 2021

މުލީއާގެ ކައިރިން 2015 ވަނަ އަހަރު ފެނުނު ކަމަށް ބުނާ އައިއީޑީ އަކީ އަސްލު އެއްޗެއްކަމާ މެދު ސުވާލު އުފެދޭ ގިނަ ކަންތަންތަކެއް ހުރިކަން ސާބިތުވާތީ، މި އައިއީޑީ ބޭއްވި ކަމުގެ ކުށުގައި ޖަލަށްލި މީހުންގެ ތެރެއިން ތަލްއަތު މުހައްމަދުގެ ހުކުމް ސުޕްރީމް ބާތިލްކޮށްފި އެވެ.

މުލީއާގެ ކައިރިން 2015 ވަނަ އަހަރު ފެނުނު ކަމަށް ބުނާ އައިއީޑީ އަކީ އަސްލު އެއްޗެއްކަމާ މެދު ސުވާލު އުފެދޭ ގިނަ ކަންތަންތަކެއް ހުރިކަން ސާބިތުވާތީ، މި އައިއީޑީ ބޭއްވި ކަމުގެ ކުށުގައި ޖަލަށްލި މީހުންގެ ތެރެއިން ތަލްއަތު މުހައްމަދުގެ ހުކުމް ސުޕްރީމް ބާތިލްކޮށްފި އެވެ.

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ހިނގި ކަންކަމުގެ ތެރޭގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގޭ ކައިރިން ފެނުނު "އައިއީޑީ" އެތަނުގެ ބޭއްވި މައްސަލާގައި ތަލްއަތަކީ 17 އަހަރަށް ޖަލަށް ލުމުގެ ހުކުމެއް އައިސްފައިވާ މީހެކެވެ.

އައިއީޑީ ބޭއްވިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ހުކުމުގައި އެކަކު 20 އަހަރަށް އަދި ތިން މީހަކު 17 އަހަރަށް ޖަލަށް ލާން 2016 ވަނަ އަހަރުގެ ޖޫން މަހު ހުކުމްކުރި އެވެ.

އަމިއްލައަށް ތައްޔާރުކުރި ބޮމެއް މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި ބޭއްވި އުޅުނު މައްސަލާގައި ޖަލަށް ލާން ހުކުމްކުރީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ، އަހުމަދު ޒިހާންގެ އިތުރުން ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ. މީގެ ތެރެއިން މަމްދޫހުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، ދެން ތިބި ތިން މީހުންނަށް އިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

އިސްތިއުނާފު މަރުހަލާގައި މީގެ ތެރެއިން މަމްދޫހު ސަލާމަތްވެފައި ވާއިރު ތަލްއަތުގެ މައްސަލާގައި ވެސް މަމްދޫހުގެ މައްސަލާގައި ހުރި ކަންކަން ހަމަ އެގޮތަށް ހުރުމުން ހުކުމް ބާތިލްކުރަންޖެހޭ ކަމަށް ތަލްއަތު ވަނީ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ. ނަމަވެސް މަމްދޫހަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ކަމަށް ވާއިރު ތަލްއަތަށް ކުރީ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. އެކަމަކު ހުރީ އެއް ހެކިތަކެކެވެ.

މުލީއާގެ ކައިރީ ބޮން ބޭއްވި ކަމުގެ ކުށުގައި ޖަލަށްލި ތަލްއަތު މުހައްމަދު މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވަނީ

މުލީއާގެ ކައިރީ ބޮން ބޭއްވި ކަމުގެ ކުށުގައި ޖަލަށްލި ތަލްއަތު މުހައްމަދު މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވަނީ

މަމްދޫހު އެންމެ ފުރަތަމަ ވެސް ކުށަށް އިންކާރުކޮށް ދިފާއުގައި ހެކި ހުށަހެޅި އެވެ. ތަލްއަތު އިންކާރުކޮށްފައި އޮތީ ބޭއްވި އެއްޗަކީ އައިއީޑީއެއް ކަމަށް ބުނާ ބުނުމަށެވެ.

ދަށު ކޯޓުގައި ތަލްއަތު ވަނީ އައިއީޑީއެއް ކަމަށް ބުނާ އެއްޗަކީ އަސްލު އެއްޗެއް ނޫން ކަމަށާއި އެއީ ކުޅޭކުޅޭ އެއްޗެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ސިފައިންގެ ތެރެއިން ކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ހާޒިރުކޮށް ނެގި ބަޔާންތަކަށް ފަހު ކޯޓުން ނިންމާފައި އޮތީ އެއީ އަސްލު އެއްޗެއް ކަމަށެވެ. އަދި އެއީ ގޮވުމުގެ ގާބިލްކަން ހުރި އެއްޗެއް ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނީ ދައުވާގެ ސީޣާގައި ބުނާ ގޮތަށް، ތަލްއަތު ކުރަން އުޅުނު ކަމަކީ އާންމުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަކަށް ވާނީ އައިއީޑީ ކަމަށް ބުނާ އެއްޗަކީ އަސްލެއް ކަމަށް ވެގެން ކަމަށެވެ. ދަށު ކޯޓާއި ހައި ކޯޓުން ވެސް، އެއީ ގޮވުމުގެ ގާބިލްކަން ހުރި އަސްލު އައިއީޑީއެއް ކަމަށް އެކްސްޕާޓުން ނުވަތަ ޚަބީރުންގެ ބަހަށް ނިންމާފައި ވާތީ ސުޕްރީމް ކޯޓުން ވަނީ ޚަބީރުންނަކީ ކޮބައިކަމާއި އެ މީހުންގެ ހެކި ބަސް ޝަރީއަތަށް ބަލައިގަތުމުގައި ބަލަންޖެހޭ ކަންކަން ބަޔާންކޮށްފަ އެވެ.

ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް

އައިއީޑީގައި ބޭނުންކޮށްފައިވާ ސްވިޗާ ބެހޭ ގޮތުން އެކްސްޕާޓް ދެއްކި ވާހަކަތަކާ ބެހޭ ގޮތުން ހުކުމުގައި ބުނީ އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި އެ އައިއީޑީގައި ބޭނުންކޮށްފައިވާ ސްވިޗާ ބެހޭ ވާހަކަތާއި އެކްސްޕާޓަކަށް ހާޒިރުކުރި އަދި ރިޕޯޓްގައި ސޮއިކޮށްފައި އޮތް ވޮރަންޓް އޮފިސަރު އަހްމަދު ޚަލީލް ދެއްކި ވާހަކަ ދިމާނުވާ ކަމަށެވެ. އެ ރިޕޯޓްގައި އަހްމަދު ޚަލީލް ސޮއިކޮށްފައި އޮތަސް ރިޕޯޓް ތައްޔާރުކުރީ އެހެން ބަޔަކު އެވެ.

އައިއީޑީއެއްގައި އެންމެ މުހިންމު އެއްޗަކީ މަދަބޯޑެއް ކަމަށް އެކްސްޕާޓް އޮޕީނިއަން ރިޕޯޓްގައި އޮތަސް އަހްމަދު ޚަލީމް ބުނެފައި ވަނީ އައިއީޑީ ހަދާފައި އޮތީ ރިމޯޓުން ގޮއްވާލެވޭ ގޮތަށް ކަމަށާއި އެހެންވެ މަދަބޯޑަކީ ކޮންމެ އައިއީޑީއަކަށް އަސާސީ އެއްޗެއް ނޫން ކަމަށެވެ. އަދި އޭގައި ބޭނުންކޮށްފައިވާ ގޭސް ޓިއުބްގައި ހުރީ ކޯއްޗެއްކަން ވެސް ދިރާސާކޮށްފައި ނުވާ ކަމަށް އެކްސްޕާޓް ވަނީ ބުނެފަ އެވެ.

މެއިންޗާޖަކަށް ބޭނުންކޮށްފައި އޮތް ކަމަށް ބުނާ ސްޓިކް ޑައިނަމައިޓަކީ އަސްލު އެއްޗެއް ކަމަށް އެކްސްޕާޓް އޮޕީނިއަންގައި ނިންމާފައި އޮތީ ލޭބަަލަކަށް ބަލައިގެން ކަމަށާއި އެކަން އިތުރަށް ބަލާފައި ނުވާކަން ވެސް ޝަރީއަތުން ފާހަގަކުރި އެވެ. ބޭނުންކޮށްފައި އޮތް ސްޓިކް ޑައިނަމައިޓަކީ ސިފައިންގެ ތަމްރީންތަކުގައި ވެސް ބޭނުންކުރާ އެއްޗެއް ކަމަށް އެކްސްޕާޓް ބުނެފައި ވާއިރު ދައުވާ ލިބުނު މީހުން ޝަރީއަތުގައި ދެއްކި ވާހަކަތަކަށް މިކަމުން ލިބޭ ބާރަށް ޝަރީއަތުން ބަލާފައި ނެތްކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

އެއީ މި ކަމަކީ "ސިފައިންގެ އިސް ވެރިން ކުޅުވި ޑްރާމާއެއް" ކަމަށް، މައްސަލާގައި ދައުވާ ލިބުނު މީހުން ކޯޓުގައި ބުނަމުން ގޮސްފައިވުމުން ކަމަށް ހުކުމުގައިވެ އެވެ. އައިއީޑީ ކަމަށް ބުނާ އެތި ބޭއްވީ ސިފައިންގެ ތެރެއިން ބަޔަކު ބުނެގެން ކަމަށްވާ ނަމަ، އަދި ބޭނުންކޮށްފައިވަނީ ސިފައިންގޭގައި ގެންގުޅޭ ފާޑުގެ ސްޓިކް ޑައިނަމައިޓެއް ކަމަށް ބުނާ ބުނުން އިތުރަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އިތުރު އެހެން ކަންކަން ފާހަގަކުރަމުން، އައިއީޑީ ކަމަށް ބުނާ އެތި ގޮވައިފި ނަމަ ލިބޭނެ ގެއްލުމެއް ވަޒަންކުރި ގޮތެއް ވެސް ނޭނގޭ ކަމަށާއި އައިއީޑީ ނައްތާލުމުގައި އަމަލުކުރި ގޮތެއް ވެސް ލިޔެކިޔުމެއް ވެސް ހުށަހަޅާފައި ނެތް ކަމަށް ހުކުމުގައި ބުންޏެވެ. ސިފައިން ބުނެފައިވާ ގޮތުގައި އެ އައިއީޑީ ގޮއްވާލައިފި ނަމަ 60 ވަރަކަށް ފޫޓަށް އޭގެ އަސަރު ފޯރާނެ އެވެ. ނަމަވެސް ހުކުމުގައި ބުނީ ބޮޑު ގެއްލުމެއް ވެދާނެ އެއްޗެއް ކަމަށް ބުނި ނަމަވެސް އައިއީޑީ ކަމަށް ބުނާ އެތި ބާއްވާފައި އޮތް ހިސާބުގައި އުޅޭ އާންމުން ދުރަށް ގެންދިއުމާއި ޕާކްކޮށްފައި ހުރި ވެހިކަލްތައް ދުރަށް ގެންދިއުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

ހުށަހަޅާފައިވާ ވީޑިއޯތަކަށް ބަލާއިރު، އައިއީޑީ ކަމަށް ބުނާ އެތި، ޕިކަޕްގެ ތެޔޮ ޓޭންކް މަތިން ނަގަނީ ހަމައެކަނި އަތަށް އަންގިއެއް ލައްވައިގެން ކަމަށާއި "ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި އެއްޗެއް ނަގާފައި ބާއްވާހެން" އެ ބަލައިލައިފައި ބާއްވާތަން ފެންނަކަން ވެސް ފާހަގަކުރި އެވެ. މިއީ ނުރައްކާ އައިއީޑީއެއް ކަމަށް ބުނާ ނަމަ އެއާ މެދު އަމަލުކުރި ގޮތުން ހުކުމުގައި އެކަމަށް ވަނީ ސުވާލު އުފައްދައިފަ އެވެ.

އައިއީޑީ ގެންގޮސް ގިރިފުށީގައި ގޮއްވާލި އިރުގެ ވީޑިއޯ ކަމަށް ބުނާ ވީޑިއޯ އިން ކުޑަ ގޮވުމެއް ފެންނަ ކަމަށާއި އެ ގޮވި ތަން ކަމަށް ބުނެ ދައްކާ ތަނުގެ ބިންމަތީގައި ހުރި ރަބަރު ޕެކެޓްތަކާއި އެހެން އެއްޗެހި ވެސް ހަމަ އެ ހުރި ގޮތަށް ހުރިކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.