Roadha Mihaaru
ފަނޑިޔާރުން ރަތަށް: މިއީ ކުޅިވަރެއް ނޫން!

ދައުލަތުގެ ސްޓޭންޑް ބަދަލުވުުމުން ފަނޑިޔާރުން ރަތަށް: "މިއީ ކުޅިވަރެއް ނޫން"

14 އޮކްޓޯބަރ 2020

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލައިގައި ޖަލަށްލި ސިފައިންގެ މީހާއާ ގުޅޭ ކަންތައްތަކުގައި ސުޕްރީމް ކޯޓުގައި ދައުލަތުގެ ސްޓޭންޑް ބަދަލުވުމުން ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ކޮށް، ދައުލަތުން އަމަލުކުރާ ގޮތާ މެދު ފަނޑިޔާރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލައިގައި ޖަލަށްލި ސިފައިންގެ މީހާއާ ގުޅޭ ކަންތައްތަކުގައި ސުޕްރީމް ކޯޓުގައި ދައުލަތުގެ ސްޓޭންޑް ބަދަލުވުމުން ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ކޮށް، ދައުލަތުން އަމަލުކުރާ ގޮތާ މެދު ފަނޑިޔާރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

"ފިނިފެންމާ"ގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވައިލި މައްސަލައިގައި އެއަށް އަރައި، ތަހުގީގީި އުސޫލުތަކާ ޚިލާފަށް ލޯންޗުކޮޅުން ހެކި ނަގައިގެން ގެންދިޔަ ކަމަށް ބުނެ މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެ އަހަރަށް އަދި އެމްއެންޑީއެފްގެ ދެ މީހެއް ކަމަށްވާ ސ. ފޭދޫ ބުލްބުލާގޭ، އަހުމަދު ތިހާމާއި ދަފްތަރު 617، މޫސާ ޒަމީރު ހަތަރު މަހާއި 24 ދުުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުުކުމްކުރި އެވެ. މޫސާ ޒަމީރާއި ޕާޕާގެ ޖަލު ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލް ކުރިޔަސް، ތިހާމްގެ ޖަލު ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ.

ތިހާމްގެ ޖަލު ހުކުމް ދެމެހެއްޓި މައްސަލަ އޭނާ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވާހަކަ ދެއްކީ ހައި ކޯޓާއި ދަށު ކޯޓުގައި ވަކާލާތުކުރި ގޮތާ ޚިލާފަށް، ތިހާމްގެ ޖަލު ހުކުމް ބާތިލް ކުރުމަށެވެ. ދައުލަތުން ބުނީ ޕާޕާ އާއި ޒަމީރާއި ތިހާމްގެ މައްސަލައަކީ އެއް ހެކިތަކެއްގެ މައްޗަށް ދައުވާކޮށް، އަދި އެއްކޮޮށް ކުރިއަށް ގެންދިޔަ މައްސަލަތަކެއް ކަމަށް ވެފައި ޒަމީރުގެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް އޮތްގޮތުން ތިހާމް ވެސް ކުށްވެރިނުވާނެ ކަމަށް މިހާރު ގަބޫލު ކުރާ ކަމަށެވެ.

ދައުލަތުން ދަށު ކޯޓާއި ހައި ކޯޓުގައި ވަކާލާތުކުރީ އެގޮތަށްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، ދައުލަތުން ސުޕްރީމް ކޯޓުގައި ސްޓޭންޑް ބަދަލު ކުރަނީ ނޫން ކަމަށެވެ. އެގޮތަށް މިހާރު ވާހަކަ ދައްކަނީ ޒަމީރާއި ޕާޕާ ކުށްވެރި ނުވާ ހައި ކޯޓުން ނިންމާފައިވާތީ އެއް ހާލަތެއްގައި ތިބި ބައެއްގެ މެދުގައި ހަމަހަމަ ކަން ގާއިމު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިހާމް އަމަލުކުރީ ޕާޕާގެ އަމުރަށް ކަމަށް ވެފައި، ޕާޕާ ކުށްވެރި ނުވާތީ ތިހާމް ކުށްވެރިވެގެން ނުވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރީ ތެދު ނިޔަތެއް ނެތިތޯ އާއި "ފިނިފެންމާ" ލޯންޗުކޮޅުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެކި ނެތިގެން މިނިވަންވީ އެހެން ބަޔަކު ހެކި ފޮރުވުމުންތޯ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވި އެވެ.

"ހެކި ފޮރުވީ ކޮން ބައެއްތޯ؟. މި މީހުންތޯ ނޫނީ އެހެން ބައެއްތޯ؟. ކިހިނެއްތޯ ވެގެން މި އުޅެނީ؟،" ސުއޫދު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އަދީބުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރީ ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 ގެ އަމުރުގައި އިޖުރައާތުތަކާ ޚިލާފަށް ތަހުގީގާއި ޝަރީއަތް ހިންގި ކަމަށް ބުނެފައި އޮތުމުން ކަމަށެވެ. "ފިނިފެންމާ" ލޯންޗުކޮޅުގެ މައްސަލާގައި އަދީބު މިިނިވަންވީ ހެކި ނެތިގެން ނޫން ކަމަށް ދައުލަތުން ބުންޏެވެ.

އެހެންވެ، އެ މައްސަލަ އަލުން ތަހުގީގު ކުރިތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ ތަހުގީގު ކޮށްފައި ނުވާ ކަމަށެވެ.

ނުބައި ނިޔަތެއްގައި ދައުލަތުން ދައުވާކުރި ކަމުގެ ތުހުމަތު އެބަ ކުރެވޭ ކަމަށާއި ހެކި ނެތީސް ދައުވާކުރީ ކީއްވެގެންތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ. ނުބައި ނިޔަތުގައި މީހުންނަށް ދައުވާ ކުރުމަކީ ކުށެއް ކަން ނޭނގެނީތޯ ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

"ހެކި ނެތި ބައެއްގެ މައްޗަށް ދައުވާ ކޮށްގެން އޭތި ފޫނުބެދިގެން މިތަނަށް އައިސް އޭތި މީތި ކިޔަނީތޯއޭ؟" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އޭރު އެ މައްސަލާގައި ދައުވާކުރީ ލިބުނު ހެކިތަކަށް ރިއާޔަތްކޮށް ކަމަށެވެ. ރައްދުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީި އޭގެ ދެ ތިން އަހަރު ފަހުން ހެކިތައް ބަދަލުވި ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެއީ ދައުވާ ކުރުމުގެ އުސޫލުތަކާ މުޅިން ޚިލާފް ކަމެއް ކަމަށް ވިދާޅުވި އެވެ.

"ދައުވާ ކުރުމުގެ އުސޫލުތަކާއި އިންސާފާއި ހެކިތަކަށް ރިއާޔަތް ކޮށްގެން ދައުވާ ކުރަނީ 2016 ވިޔަސް، 2018 ވިޔަސް އަދި 2019 ވިޔަސް. ކިހިނެއް ވެގެންތޯ މި އުޅެނީ މި މައްސަލާގައި؟" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ހެކި ބަދަލުވީ ނޫން ކަމަށާއި ޕާޕާ އާއި ޒަމީރުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް އޮތްގޮތުން އެގޮތަށް ވަކާލާތު ކުރަނީ ކަމަށެވެ.

"ފިނިފެންމާ" ލޯންޗުކޮޅު ގޮއްވައިލި މައްސަލައިގައި ދައުވާ ނުކުރަން ދައުލަތުން ނިންމީތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ދައުވާ ނުކުރަން ނިންމާފައި ނުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުގެ ބައިތަކެއް ބާތިލްކޮށް، ފެބްރުއަރީ 5، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މައްސަލަތައް އަލުން ތަހުގީގު ކުރަން އަންގާފައިވާ ވިދާޅުވޭ ނޫންތޯ އަނެއްކާ ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް އަދީބާ އެކު ހަދާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީއާ ގުޅުން ނެތް މައްސަލަތައް ވެސް ހިމެނޭ ގޮތަށް އެއްބަސްވުން ހެދީ ކީއްވެގެންތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

"ކިހިނެއްތޯ ޕްލީ ބާގެއިން އެގްރިމެންޓެއްގައި ދުނިޔޭގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތަކެއް ހިިމަނަނީ؟. ޚިޔާނާތުގެ ދައުވާއެއް، ދެން މި އަންނަނީ މީހަކު މެރުމުގެ ނުވަތަ ޓެރަރިޒަމްގެ ދައުވާއެއް. އެ އެއްޗެހި ކޮމްބައިންޑް ކޮށްގެން ކިހިނެއްތޯ އަންނަނީ ޕްލީ ބާގެއިން އެގްރިމެންޓަކަށް،" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އިއުތިރާފުގެ އެއްބަސްވުން ހެދީ އެމްއެމްޕީއާރުސީގެ މައްސަލާގައި އެކަނި ކަމަށާއި ދެން ހުރި މައްސަލަތަކުގައި އަދީބާ އެކު ހަދާފައިވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ކަމަށެވެ. އަދި އެހެން މައްސަލަތަކުގައި ތަހުގީގުކޮށް، ދައުވާ ކުރުމަށް ހުރަހެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ފަނޑިޔާރު ދެން ސުވާލު ކުރެއްވީ ފިނިފެންމާ ލޯންޗުކޮޅުގެ މައްސަލާގައި ޕާޕާ އާއި ތިިހާމާއި ޒަމީރުގެ މައްޗަށް ދައުލަތުން ތުހުމަތުކުރީ އެކި އަމަލުތަކަކަށް ކަމަށް ވެފައި، ޕާޕާ އާއި ޒަމީރުގެ މައްސަލަ ހައި ކޯޓުން ނިންމި ގޮތަށް ތިހާމްގެ މައްސަލަ ނިންމަން ޖެހޭނެ ބުނާ ސަބަބެއް ސާފުކޮށްދިނުމަށެވެ.

"އެއް ވާގިއާތަކެއްގެ މައްޗަށް ބިނާވެފައި ނެތް މައްސަލައެއް އެއް ބާސްކެޓަކަށް ލާފައި އަޅުގަނޑުމެން ކައިރީގައި ތި ވިދާޅުވަނީ. މިއީ ޕްރޮފެޝަނަލީ ކިހިނެއްތޯ ޖަސްޓިފައި ކުރައްވާނީ؟. އަޅުގަނޑަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ ތި ވިދާޅުވާ އެއްޗެއް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ލޯންޗުކޮޅުން ހެކިތަކެއް ނަގައިގެން ގެންދިޔަ ކަމަށް ދައުލަތުން ކުރިން ބުނެފައި މިހާރު އެ އެއްޗެހި ކޮބައިތޯ އެ ތަކެތި ކޮބައިތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. އަދި މިހާރު ދައުލަތުން ވާހަކަ ދައްކަނީ މުޅިން ތަފާތުކޮށް ކަމަށާއި ދައުލަތުން ބޭނުންހާ ގޮތަކަށް އަމަލު ނުކުރެއްވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"ތި ކުރައްވާ ކަމަކީ ދައުވާ ދޫކޮށްލެއްވުން. ދައުވާ ދޫކުރެއްވޭނެ ހަމަތަކާއި އުސޫލުތަކެއް ގާނޫނުތަކުގައި އެބަހުރި. އެއީ ހުރިހާ ރައްޔިތުން ހަމަހަމަވާން ޖެހޭ ކަމެއް. މި މައްސަލާގައި ދޫކޮށްލާފައި އަނެއް މައްސަލާގައި ދޫނުކޮށް އެހެނެއް ނުހެއްދެވޭނެ،" ފަނޑިޔާރު ވިދާޅުވި އެވެ.

އަނެއްކާ ވެސް ދައުލަތުން ބުނީ ސްޓޭންޑް ބަދަލުވީ ނޫން ކަމަށާއި ހައި ކޯޓުން މައްސަލަ ނިންމި ގޮތަށް ރިއާޔަތްކޮށް އެ ވާހަކަ މިހާރު ދައްކަނީ ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި އޮތީ ޕާޕާގެ އަމުރަށް ޒަމީރު ކޮށްފައިވާ ކަންކަމަށް ދިފާއު ލިބޭނެ ކަމަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމުގެ ހައްގު ސިފައިންނާއި ފުލުހުންނަށް ލިބިގެންވާ ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ސުއޫދު ވަނީ އުސޫލާ ޚިލާފަށް ލޯންޗުން ހެކިތަކެއް ނަގަން ޕާޕާ އެންގި ކަން އެނގެން އެބައޮތްތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އުސޫލާ ޚިލާފަށް ހެކިތަކެއް ނެގި މައްސަލަ މިހާރު ކޮބައިތޯ އާއި ވަކި މީހެއްގެ މައްސަލަ ވަކި ގޮތަކަށް ނިމުމުން ދެން ހުރި މައްސަލަތައް އެހެން ނިންމަން ލާޒިމް ނުވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"އެއް ދުވަހު އައިސް ދައުވާ ކޮށްފައި. އަނެއް ދުވަހު އަނެއް ތަނަކަށް ގެންގޮސްފައި. މިހެން މިކަން ކުޅިވަރަކަށް ނުގެންދެވޭނެ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗަކުން ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.