Roadha Mihaaru

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހަދަނީ

މާލޭގެ އާޓިފިޝަލް ބީޗަށް ދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޭމްޕެއް ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހަދަނީ
އިދުހާމް ނައީމް
އިދުހާމް ނައީމް

22 މާޗް 2021

މާލޭގެ އާޓިފިޝަލް ބީޗަށް ދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޭމްޕެއް ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެމްޓީސީސީ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސެބިލިޓީ (އެމްއޭޕީޑީ) ބައިވެރިވެގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެޑައިގަތެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަަށް ގެންދާ މި މަސައްކަތާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗުގައި އަމިއްލަ އަށް އުޅެވޭ އިންތިޒާމު މިހާތަނަށް ހަމަޖެހިފައި ނެތުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މިކަން ބަދަލުވާންޖެހޭ ކަމަށާއި އެފަދަ މީހުންނަކީ ވެސް މުޖުތަމައުގައި އަމިއްލަ އަށް އުޅެވޭ ބައެއްގެ ގޮތުގައި ހެދުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެމްޓީސީސީއަކީ އަބަދުވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. މިފަދަ އިތުރު މަސައްކަތްތައް ކުރިމަގުގައި ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި އާޓިފިޝަލް ބީޗު ހަދާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ. އެހެން ނަމަވެސް މިތަން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުން ނުކުރެވޭ. އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް މި ގެންދަނީ ވަރަށް ހާއްސަ އިސްކަމެއް ދީގެން. ބައެއް ޕްރޮޖެކްޓުތައް މަޑު ޖައްސާލާފައި ވެސް މި ޕްރޮޖެކްޓު ނިންމަން ބޭނުންވާތީ،" އާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މިނިސްޓަރު މަހުލޫފު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މިނިސްޓަރު މަހުލޫފު ވިދާޅުވީ މީގެ ކުރިން މިފަދަ ކަންކަމަކީ މުހިންމު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުރިމަގުގައި ވެސް މިފަދަ ޕްރޮޖެކްޓުތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް ފެނޭ މުސްކުޅި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން މޫދަށް އެރެން އައިސް އުޅޭ ހާލަތު. ނަމަވެސް މިއަދު މި ފެށި މަސައްކަތަކީ އެފަދަ މީހުންނަށް ފަސޭހަވެ ފައިދާވާނެ މަސައްކަތެއް،" މަހުލޫފު ވިދާޅުވި އެވެ.

އެމްއޭޕީޑީގެ މަންދޫބު ޖެނިފާ ލަތީފު ވިދާޅުވިގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗުގެ މޫދަށް އެރެވޭ ގޮތެއް ނެތުމުގެ ސަބަބުން އެފަދަ މީހުންނަށް ވަރަށް ބޮޑަށް ދަތިތަކާ ދިމާވެ އެވެ. މި ފަދަ ރޭމްޕެއް ހުޅުމާލޭގެ ބީޗުގައި ވެސް ހަދައި ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

އާޓިފިޝަލް ބީޗުގައި ހަދާ ރޭމްޕުގެ މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.