13 ނޮވެމްބަރ 2016
އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމްގެ ކުންފުނި ރެޑް ވޭވް އަށް ހުޅުމާލެއިން ދޫކުރި އިމާރާތުގައި ހެދި "ރެޑް ވޭވް ކެފޭ" މިރޭ ހުޅުވައިފި އެވެ.
އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމްގެ ކުންފުނި ރެޑް ވޭވް އަށް ހުޅުމާލެއިން ދޫކުރި އިމާރާތުގައި ހެދި "ރެޑް ވޭވް ކެފޭ" މިރޭ ހުޅުވައިފި އެވެ.
މި ކެފޭ ހުޅުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުއްދަތުގައި އެކަމަށް ހެލްތު މިނިސްޓްރީން ލިބެންޖެހޭ ހުއްދަ އެންމެ ފަހު ވަގުތު ތާށިވެ، ސަލީމްގެ ވިސްނުން ރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ކޮޅަށް ކުއްލި ގޮތަކަށް ބަދަލުކުރަން ވަނީ ޖެހިފަ އެވެ. ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ސަލީމް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގަތުުމުގެ ނަތީޖާއަކީ ހެލްތު މިނިސްޓްރީގެ ހުއްދަ ވެސް ކެފޭއަށް ލިބި، އަދި ކެފޭ ހުޅުވުމުގެ މުއްދަތު މި މަހުގެ 25 ގެ ނިޔަލަށް ސަލީމަށް ލިބުމެވެ. އެޗްޑީސީން ކުރިން އަންގާފައި އޮތީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ކެފޭ ހުޅުވަން ޖެހޭނެ ކަމަށާއި އެކަން އެ މުއްދަތުގައި ނުކޮށްފި ނަމަ، ފިޔަވަޅު އަޅާނެ ކަަމަށެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި ރެޑް ވޭވް ފިހާރަ ހިންގަން ދިން އެއްބަސްވުން ބާތިލް ކުރުން ހިމެނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ހުޅުމާލޭގެ ރެޑް ވޭވް ފިހާރަ ހިންގާ އިމާރާތުގެ ފުރަތަމަ ބުރީގެ އެއްބައިގައި ހެދި ކެފޭ އަށް އެންމެ ފަހުގެ ހުއްދަ ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.
ހުޅުމާލޭގައި މިރޭ ހުޅުވި ރެޑް ވޭވް ކެފޭއިން ބަޔަކު ހިދުމަތް ހޯދަނީ.---ފޮޓޯ: ރެޑް ވޭވް
ރެޑް ވޭވް ކެފޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކެފޭ ރަސްމީކޮށް ހުޅުވައި ދެއްވީ އެޗްޑީސީގެ ޑިރެކްޓަ، މުނިސިޕަލް ސާވިސް އިސްމާއިލް ޝާން ރަޝީދެވެ.
ރެޑް ވޭވްގެ ޖެނެރަލް މެނޭޖަރު އަދި ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރެޑް ވޭވް ކެފޭގައި އެއްފަހަރާ 43 މީހަކަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ކެފޭގެ ހިދުމަތް ފުޅާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި މިރޭ ހުޅުވި ރެޑް ވޭވް ކެފޭއިން ބަޔަކު ހިދުމަތް ހޯދަނީ.---ފޮޓޯ: ރެޑް ވޭވް
"މި ކެފޭ ހެދުމަށް އެޗްޑީސީ އިން އަޅުގަނޑުމެންނަށް ދޫކުރި މައިގަނޑު ކޮންސެޕްޓަކީ ވިޔަފާރިކޮށް ނިންމައިލުމަށް ފަހު، ކެފޭ އަށް ވަދެ ކޮފީ ނުވަތަ އެއްޗެއް ކާލައިގެން މީހުންނަށް ދެވޭނެ ގޮތަށް ހެދުން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން މި ކެފޭގައި ފަހިކޮށްދޭނަން. ސޭންޑްވިޗް، ބާގާ ކަހަލަ ލުއި ބާވަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭނަން،" ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން އެ ޕާޓީއަށް ކުރިން އައްޔަންކޮށްފައިވާ ތަރުޖަމާން ޝުޖާއު ވިދާޅުވި އެވެ.
ސަލީމާ އެކު ސިޔާސީ ވިސްނުން ރައީސް ޔާމީންގެ ކޮޅަށް އަނބުރާލެއްވި ޝުޖާއު ވިދާޅުވި ގޮތުގައި ޒުވާނުންނަށް ހާއްސަކޮށްގެން އައުޓް ޑޯ ބައެއް ވެސް ކެފޭގައި ކުރިމަގުގައި ހުޅުވާނެ އެވެ.
ރެޑް ވޭވް އިން ހުޅުމާލޭގައި މިރޭ ހުޅުވި ކެފޭ.---ފޮޓޯ: ރެޑް ވޭވް
ހުޅުމާލޭގެ ވަގުތީ މިސްކިތް ކައިރިން ރެޑް ވޭވް އަށް އެޗްޑީސީން ދޫކުރި ދެބުރީގެ އިމާރާތުގައި ރެޑް ވޭވް ފިހާރަ ހުޅުވުމަށާއި ކެފޭ ހިންގުމަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލީމް ހަރަދު ކުރައްވާފައިވާ ކަމަށްވެ އެވެ. އަދި އެއީ މިހާތަނަށް އޭނާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް އެނގިފައިވެ އެވެ.
ސަލީމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ކެފޭ ހުޅުވުމުގެ ހުއްދަ އެޗްޑީސީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން އޭނާއަށް ލިބުނީ ސިޔާސީ ބޭފުޅުންނަށް "އާދޭސް ކޮށްގެން" ނެވެ. ހާއްސަކޮށް ހެލްތު މިނިސްޓްރީގެ ހުއްދަ އެންމެ ފަހު ވަގުތު ހިފެހެއްޓުމުން ސަލީމަށް "ގޮތް ހުސްވެ" މީޑިއާގައި ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ އޭރު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ކަމާއި ގުޅޭ މުވައްޒަފުން، ކެފޭ ހުޅުވުމުގެ ހުއްދައިގެ ލިޔުން ތައްޔާރުކޮށްގެން، ސިޔާސީ ބޭފުޅެއްގެ އަރިހަށް ދިއުމުން ހުއްދަ ހިފެހެއްޓީ ކަމަށެވެ. އަދި އެއީ ސިޔާސީ ނިންމުމެއް ކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ.
ތިމަރަފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މުހައްމަދު މުސްތަފާ މިއަދު ވިދާޅުވެފައި ވަނީ ސަލީމާއި ޝުޖާއު، ރައީސް ޔާމީނަށް ތާއީދު ކުރައްވަން ނިންމެވީ، އެ ދެ މެމްބަރުންނަށް އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
ރައީސް ޔާމީނާ އަލުން ގުޅިވަޑައިގަތުމަށް ފަހު ސަލީމާއި ޝުޖާއު، ރައީސް ޔާމީންގެ ފެކްޝަނުން މިދިޔަ ބުދަދުވަހު ބޭއްވި ރަސްމިއްޔާތަކަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހްއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ސަލީމުގެ ވިޔަފާރި އަށް ގެއްލުން ލިބޭ ގޮތަށް ކުރިިމަތި ކުރި ޕްރެޝަރުތަކަށް އިޝާރާތް ކުރައްވައި މުސްތަފާ ވިދާޅުވީ ރައީސް ޔާމީނާ އަލުން ގުޅިވަޑައިނުގަތް ނަމަ ސަލީމުގެ ވިޔަފާރި އަށް ކުރިމަތިކުރާނެ ގެއްލުންތައް ބުނެދޭން ވެސް ނޭނގޭނެ ކަމަށެވެ. މި ސަރުކާރަކީ ކޮންމެ ފަދަ ކަމެއް ކުރަން ވެސް ޖެހިލުންވާނެ ސަރުކާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރެޑް ވޭވް ކެފޭ ހުޅުވުމުގެ މުއްދަތު އިތުރުކޮށްދީފި
ރެޑްވޭވް ކެފޭއަށް ހެލްތުން ހުއްދައެއް ނުދިން: ސަލީމް
ރެޑްވޭވް ކެފޭ ހުޅުވަން ދިން މުއްދަތު އޮތީ ހަމަވެފައި
ރެޑްވޭވް ހުޅުމާލެ ފިހާރަ އަތުލާނެ ކަމުގެ އިންޒާރުދީފި
ދުވާރުމަތިން ގޮނޑި މޭޒު ނަގަން ފަހުގެ އެންގުން!
ހުޅުމާލޭގެ ޕޭވްމަންޓްމަތިން ގޮނޑިތައް ނަގަން އަަންގައިފި
ދެ ހުޅުމާލެ ގުޅޭ ސަރަހައްދުގައި ހަ ކެފޭ ހަދަނީ
ހުޅުމާލޭގައި ފުރަތަމަ ފްލޯގައި ވިޔަފާރިކުރަން ހުއްދަދެނީ
އެސްޖެހި ގަނޑުވަރު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ
އޯވާވޯޓާ ރެސްޓޯރެންޓަށް 2.3 މިލިއަން ރުފިޔާ