Roadha Mihaaru
ރެޑްވޭވް ހުޅުމާލެ ފިހާރަ އަތުލާނެ ކަމުގެ އިންޒާރުދީފި

ރެޑްވޭވްގެ ހުޅުމާލޭގެ ސުޕްމާޓް އަތުލާނެ ކަމުގެ އިންޒާރު އެޗްޑީސީން ދީފި

04 ނޮވެމްބަރ 2016

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުޅުމާލޭގައި 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި އަހަރުގެ ކުރީކޮޅު ހުޅުވި ސުޕަމާޓް އަތުލާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދީފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުޅުމާލޭގައި 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި އަހަރުގެ ކުރީކޮޅު ހުޅުވި ސުޕަމާޓް އަތުލާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދީފި އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ސަލީމް މިއަދު ވިދާޅުވީ އޭނާގެ ކުންފުނިން ހުޅުމާލޭގައި ހެދި ފިހާރަ އާއި ގުދަން އަތުލަން އެޗްޑީސީން ބުދަ ދުވަހު ނޯޓިސް ފޮނުވީ، ފިހާރަ އާއެކު ހުޅުވަން ނިންމާފައިވާ ކެފޭ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ނުހުޅުވައިފި ނަމަ އެވެ.

"އެ ފިހާރަ ކުއްޔަށް ހިފަން ހެދި އެގްރިމަންޓް ބުނާ ގޮތުން ކެފޭ ހުޅުވަން ޖެހެނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން. އެކަމަކު މިހާރު ނޯޓިސް ފޮނުވާފައި އޮތީ މި މަހުގެ ނުވައެއްގެ ކުރިން ހުޅުވަން. އަޅުގަނޑުމެން މިހާރު މިދަނީ ކެފޭ އެ ދުވަހުގެ ކުރިން ހުޅުވަން މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ދެފަޅިވިއިރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގައި އިސްކޮށް މަސައްކަތްކުރައްވާ ސަލީމް ވިދާޅުވީ ގެދޮރާއި މުޅި މުދާ އެއްކޮށް ސަރުކާރަށް ނެގިޔަސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.

"އަޅުގަނޑު އެތަން މި ހިންގަނީ މާލެ އަށްވުރެ ހެޔޮ އަގުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ތަކެތި ވިއްކަން ވަރަށް ބޮޑު ހޭދައެއްކޮށްގެން. އެހެން ހިންގަނިކޮށް އެއްބަސްވުމާ ހިލާފު ނުވަނީސް މި އިންޒާރުދިނީ އެތައް ހާސް ރައްޔިތުންނަށް އަނިޔާވެރިވުމަށް،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ފިހާރަ ހުންނަ ބިލްޑިންގުގައި ހުޅުވަން ޖެހޭ ކެފޭގެ ހުރިހާ ކަމެއް މިހާރު ހުރީ ނިމިފައި ކަމަށާއި އެތަނުގެ ހުއްދަތައް ހޯދަން އަންނަ ހަފުތާގައި ހުށަހަޅާނެ ކަމަށެވެ. އަދި ފިހާރައިގެ ބޭނުމަށް ދިން ގުދަނަކީ ވަކި އެގްރިމަންޓެއްގެ ދަށުން ދިން ތަނެއްކަން ސަލީމް ފާހަގަކުރެއްވި އެވެ.

ހުޅުމާލޭގައި ރެޑްވޭވުން ހިންގާ ފިހާރަ: މިތަނާއެކު ހިންގަން ޖެހޭ ކެފޭ މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ނުހުޅުވައިފި ނަމަ އެތަން ބަންދުކުރަން ވަނީ ނޯޓިސް ފޮނުވާފައި.

ހުޅުމާލޭގައި ރެޑްވޭވުން ހިންގާ ފިހާރަ: މިތަނާއެކު ހިންގަން ޖެހޭ ކެފޭ މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ނުހުޅުވައިފި ނަމަ އެތަން ބަންދުކުރަން ވަނީ ނޯޓިސް ފޮނުވާފައި.

ރެޑްވޭވުން 15 އަހަރަށް ކުއްޔަށް ހިފައިގެން ހިންގާ ފިހާރައިގެ ފުރަތަމަ ފަސް އަހަރު ކުލީގެ ގޮތުގައި 230،000ރ. މަހަކު ދައްކަން ޖެހެ އެވެ.

"އަޅުގަނޑުމެން މިދަނީ އެތަނަށް ދައްކަން ޖެހޭ ކުލި ވެސް ބަރާބަރަށް ދައްކަމުން. މިހާތަނަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައެއް ނޯންނާނެ. އެ އުޅެނީ ބަހަނާއެއް ދައްކާފައި އަޅުގަނޑުމެން އަތުން ތަން އަތުލަން،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ ޑިރެކްޓަރު ބިޒްނަސް ޑިވެލޮޕްމަންޓް ނަޝްވާ އަބްދުﷲ ސޮއިކުރައްވައި ރެޑްވޭވްއަށް މިދިޔަ މަހުގެ ދިހަވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ އެން 3 ކޮމާޝަލް ބިލްޑިންގައި ހުޅުވަން ޖެހޭ ކެފޭ އެއްބަސްވުމުގައި ސޮއިކުރާތާ ހަމަސް ދުވަހުގެ ތެރޭގައި ހުޅުވަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގައި ނުހުޅުވުމުން 15،000ރ. އިން ޖޫރިމަނާކުރުމަށް ފަހު އިތުުރު އެއްމަސް ދުވަސްދީފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީއާ ގުޅިގެން މުއްދަތު ތިން މަހަށް އިތުރުކުރުމަށް އެދި ރެޑްވޭވުން ފޮނުވި ސިޓީގެ ޖަވާބުގައި އޮކްޓޯބަރު 13 ވަނަ ދުވަހު އެޗްޑީސީން ބުނެފައި ވަނީ އެ ފަރާތުން އެދިފައިވާ ތިން މަސް ދުވަހުގެ ބަދަލުގައި ދެ މަސް ދުވަސް ދޭން ނިންމާފައިވާ ކަމަށެވެ.

އެކަމަކު އެޗްޑީސީން ފޮނުވި އެ ސިޓީގައިވާ ގޮތުން ދެ މަސް ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އެ ސިޓީގަައި ބުނެފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެ ކެފޭ ހުޅުވަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ފަހުން އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މުއްދަތުގެ ކުރިން ކެފޭ ނުހުޅުވައިފި ނަމަ ފިހާރަ އާއި ގުދަނުގެ އެއްބަސްވުން ވެސް ބާތިލުކުރާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޑީސީގެ ބަހެއް ލިބޭ ގޮތެއް އަދި ނުވި އެވެ.