Roadha Mihaaru
"17 މިލިއަނަށް ޝަރޫގެ ޑިރެކްޓަރުން ޒިންމާވާންޖެހޭ"

ޝަރޫއިން ފެނަކަ އަށް ދޭންޖެހޭ 17 މިލިއަނަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާވާން ޖެހޭނެ: ހައި ކޯޓު

21 މާޗް 2021

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ދެއްކުމުގެ ޒިންމާ އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ދެއްކުމުގެ ޒިންމާ އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެއް މިލިއަން ޑޮލަރު ގަންނަން ފެނަކަ އިން ޝަރޫ އަށް 17.8 މިލިއަން ރުފިޔާ ދެއްކިޔަސް، ޝަރޫ އިން ފެނަކަ އަށް ދިން ޑޮލަރު ޗެކްތައް ވަނީ ބައުންސްވެފަ އެވެ. އެ ފައިސާ ހޯދަން ފެނަކަ އިން ސިވިލް ކޯޓުގައި ދައުވާކުރީ ޝަރޫ ކުންފުންޏާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށެވެ. އެ ފައިސާ އަނބުރާ ފެނަކަ އަށް ދައްކަން ޝަރޫގެ މައްޗަށް ސިވިލް ކޯޓުން 2017 ގައި ހުކުމް ކުރިޔަސް، އެ ކޯޓުން ނިންމާފައި އޮތީ ޝަރޫގެ ޑިރެކްޓަރުން އެކަމަށް ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށެވެ.

ޝަރޫގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ކަނޑައެޅި ބައި ފެނަކަ އިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުންފުނިތަކަކީ ޑިރެކްޓަރުންނާ ވަކިން އޮންނަ ވަކި ގާނޫނީ ޝަހްސަކަށް ވިޔަސް، ކުންފުނިތައް ނިވައި ފަތްގަނޑަކަށް ބޭނުން ކޮށްގެން ކުރާ ކަންކަމަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެ ކަމަށް ކުންފުންޏާ ބެހޭ ގާނޫނުގައިވާ ކަމަށެވެ. ޝަރޫއަކީ ބޭރު ފައިސާ ގަނެ، ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏަކަށް ވާއިރު، ޑޮލަރު ވިއްކުމަށްޓަކައި ފައިސާ ނެގުމަށް ފަހު، ޑޮލަރު ނުލިބި އަދި ދިވެހި ފައިސާ ވެސް އަނބުރާ ފެނަކަ އަށް ނުލިބުމުގެ ޒިންމާ އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފެނަކަ އަށް ޝަރޫ އިން ދައްކަންޖެހޭ 17.8 މިލިއަން ރުފިޔާ ދެއްކުމުގެ ޒިންމާ ޝަރޫ ކުންފުނީގެ އިތުރުން އޭރު އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބިި ސަބާހް އަހުމަދާއި މުހައްމަދު މުޝްތާގުގެ އިތުރުން ޝަރުމީލާ ޒުބައިރު އުފުލަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ ފައިސާ ތިން މަސް ތެރޭގައި ކޯޓަށް ދައްކަން ޝަރޫ ކުންފުންޏާއި އެ ތިން މީހުންނަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

ފެނަކައިގެ ވެރިން ވެސް ޒިންމާ ކުރުވަންޖެހޭ

އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި އިތުރަށް ވިދާޅުވެފައިވަނީ ޝަރޫ އަކީ ބޭރު ފައިސާ ގަނެ، ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏެއް ކަން އެނގި ތިބެ ފެނަކަ ކޯޕަރޭޝަނުން އެ ކުންފުންޏަށް ފައިސާ ދޫކުރީ ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި ކަމަށެވެ. އެހެންވެ، އެކަމުގައި ބައިވެރިވި ފެނަކަ ކޯޕަރޭޝަންގެ އޭރުގެ ޑިރެކްޓަރުންނާއި އެކަމުގައި އުޅުނު ބަޔަކު ވެސް އޭގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވެފައިވެ އެވެ.

"މި ބާވަތުގެ އަމަލުތަކަށް ދެން ތިބީންނަށް އިބުރަތަކަށް ވާ ފަދަ ފިޔަވަޅުތަކެއް އެޅި، އެ ބަޔަކު ޒިންމާ ނުކުރެވި ދޫވެގެންދާ ގޮތަކަށް އޮވެއްޖެ ނަމަ މި ބާވަތުގެ ކަންކަން އަބަދުވެސް ދާނީ ދައުރުވަމުންދާ ވިޔަފާރިއަކަށެވެ. އެއީ ހުއްޓުވަން ޖެހޭ އަދި ޒިންމާ ކުރުވަންޖެހޭނެ ކަންކަމެވެ. އެހެނީ އާޚިރުގައި މިކަންކަމުގެ ހަގީގީ ގެއްލުމާއި ބުރަ ތަހައްމަލުކުރާ ބަޔަކަށް ވެގެންދާނީ ޓެކްސް ދައްކަންޖެހޭ ރައްޔިތުންނެވެ." ފަނޑިޔާރު ނިޔާޒް ލިޔުއްވާފައިވެ އެވެ.

ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.

ފެނަކައިގެ އިތުރުން ސްޓެލްކޯއަށް ޑޮލަރު ވިއްކުމަށް ވެސް ޝަރޫއިން ތިން މިލިއަން ރުފިޔާ އޭރު ހޯދި އެވެ. އެ ފައިސާ ވެސް އަނބުރާ ދައްކަން ސިވިލް ކޯޓުން އޭރު އޮތީ ހުކުމްކޮށްފަ އެވެ.