Roadha Mihaaru
ނަދީމްގެ މަރުގެ ތުހުމަތުވާ މީހުންނަށް ފެނަކައިގެ ވަޒީފާ

ނަދީމްގެ މަރުގެ ތުހުމަތުވާ ދެ މީހަކަށް ފެނަކައިން ވަޒީފާ، ފަނޑިޔާރުން ސުވާލު އުފައްދައިފި

09 އޯގަސްޓް 2023

މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާތީ ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާތީ ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދައިފި އެވެ.

ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ، މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، މައްސަލަ ނިމެންދެން އެ އެންމެން ބަންދުގައި ބޭއްތިބުމަށް ވަނީ އެދިފަ އެވެ.

އެ މައްސަލާގައި ތުހުމަތުވާ މީހުންނަކީ މުޖުތަމައަށް ނުރައްކާވާ ބައެއް ކަމަށާއި އެހެންވެ އެ މީހުން ބަންދުގައި ބޭތިއްބުމުގެ މުހިންމު ކަން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުން ފާހަގަކުރި އެވެ. ވަކީލުން ބުނީ، ކުށުގެ ރިކޯޑް ވެސް އޮތް، އެ މީހުންނާ ދެކޮޅަށް ހެކިތައް ހުރި އިރު ކުށް ކޮށްފައި ވަނީ ނުރައްކާތެރި ގޮތްތަކަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެހެންވެ، ދަށު ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު ވެސް އެންމެން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމާއި އެ ހާލަތު އަދިވެސް އެ ގޮތުގައި ދެމި އެބައޮތް ކަމަށް ވަކީލު ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ވަކީލުން އެކަން ފާހަގަކުރެއްވުމާ އެކު، މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ، ދައުވާ ލިބޭ ދެ މީހުން ކަމަށްވާ ހުސައިން ޝާމީނާއި މުހައްމަދު ކަރަމް ސުހައިލަށް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަޒީފާ ދީފައިވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވި އެވެ.

އެ ދެ މީހުންނަށް ފެނަކަ ކޯޕަރޭޝަނުން ދިނީ ސީނިއާ އޮފިސަރުންގެ މަގާމެވެ.

"މިހެންވެ ދައުލަތުގެ ސްޓޭންޑް އެބަ އޮޅޭ. ފަނޑިޔާރުން ކިހިނެއްތޯ ބަލަންވީ؟ ކޮން ގޮތެއް ތޯ ދައުލަތުން ބޭނުން ވަނީ؟ އެ މީހުން ވަޒީފާ ދީފައި ބައިތިއްބަންތޯ ނޫނީ ޖަލުގައި ބައިތިއްބަންތޯ؟" ފަނޑިޔާރު އެއްސެވި އެވެ.

ޖަވާބުގައި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ނައުޝާދު ވިދާޅުވީ، ޝާމީނާއި މުހައްމަދު ކަރަމް ސުހައިލަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. ނަމަވެސް، އެކަން އެގޮތަށް ހިނގާފައިވާ ނަމަ އެއީ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއް ކަމަށް ވިޔަސް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށް ނައުޝާދު ވިދާޅުވި އެވެ.

"ދައުލަތުގެ ޕްރޮސިކިއުޓާ ޖެނަރަލްގެ ސްޑޭންޑެއް މި ކަމުގައި ބަދަލެއް ނުވޭ، ވަޒީފާ ދޭން ނިންމާފައި އެ ވަނީ ވަރަށް ޒިންމާދާރު ކުޑަކޮށް،" ވަކީލް ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ ވަކީލުން ވަނީ ދައުވާ ލިބޭ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އެ މީހުންނަށް ސަރުކާރުގެ ޒިންމާދާރު ކުންފުންޏަކުން ވަޒީފާ ދީފައިވުމަކީ ވެސް ރިއާޔަތް ކުރަން ޖެހޭ ކަމެއް ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. ބަންދު ކުރާއިރު މީހުންގެ ދިރިއުޅުމުގެ މިހާރުގެ ހާލަތަށް ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށް ވަކީލުން ފާހަގަކުރި އެވެ.