Roadha Mihaaru
ނިމާލާއި އިތުރު ބަޔަކަށް ދައުވާ ކުރަން ޕީޖީއަށް

ޑޮލަރު ގަތުމުގެ މައްސަލާގައި ނިމާލާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

07 ޑިސެމްބަރ 2017

ފެނަކަ ކޯޕަރޭޝަނަށް ގަވާއިދާ ޚިލާފަށް ޑޮލަރު ގަތް މައްސަލާގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެތަނުގެ އިސްވެރިންތަކަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ފެނަކަ ކޯޕަރޭޝަނަށް ގަވާއިދާ ޚިލާފަށް ޑޮލަރު ގަތް މައްސަލާގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އެތަނުގެ އިސްވެރިންތަކަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ފެނަކަ އަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް 17 މިލިއަން ރުފިޔާ ދޫކޮށް، ޑޮލަރު ނުލިބުނު މައްސަލާގައި ނިމާލްގެ އިތުރުން ދައުވާކުރަން ފޮނުވީ، ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރާއި ޑެޕިއުޓީ ޑިރެކްޓަރާއި ޑިރެކްޓަރުގެ މައްޗަށެވެ. ޕީޖީ އަށް ފޮނުވީ އެ ބޭފުޅުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާކޮށް ދިނުމަށެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޑޮލަރު ގަތުމަށް އެކި ފަހަރު މަތިން ފެނަކައިން ފައިސާ ދޫކުރިއިރު، އެކަން ކުރަނީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ނުވަތަ އެފަދަ މާލީ ގާބިލް ކަމެއް ހުރިތޯ ކަށަވަރު ކޮށްފައި ނުވާ ކަމަށެވެ. އަދި ޝަރޫ ލޯންޗް ކުންފުންޏަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އެމްއެމްއޭ އިން ދީފައި ނުވާ ފަރާތަކަށް ވާއިރު، އެ މުއާމަލާތް ކުރިއަށް ގެންދަން އެންގީ އޭރުގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ނިމާލް ކަމަށް ވެސް އޭސީސީން ބުންޏެވެ.

މީގެ އިތުރުން ފުރަތަމަ ދޫކުރި ފައިސާ އަށް ވާ ޑޮލަރު ނުލިބެނީސް ދެވަނަ އަދި ތިން ވަނަ ފަހަރަށް ވެސް ޑޮލަރު ގަތުމަށް ފައިސާ ދޫކުރި ކަން ފާހަގަވެފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެ އެވެ. ފުރަތަމަ ފަހަރަށް ފައިސާ ދޫކުރި ވައުޗަރުގައި ސޮއިކުރީ ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރާއި ޑެޕިއުޓީ ޑިރެކްޓަރު ކަމަށް އޭސީސީން ބުންޏެވެ.

ދެ ވަނަ ފަހަރަ ފައިސާ ދިން ވައުޗަރުގައި ޗީފް ޓެކްނިކަލް އޮފިސަރާއި ޑިރެކްޓަރު ސޮއި ކޮށްފައިވާއިރު، ތިން ވަނަ ފަހަރަށް ފައިސާ ދޫކުރި ވައުޗަރުގައި ސޮއިކުރީ ޑިރެކްޓަރު ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެ އެވެ.

އޭސީސީން ބުނިގޮތުގައި ފެނަކަ އަށް ޑޮލަރު ބޭނުން ވެގެން ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭގައި ފެނަކައިން ކުރިން އެދިގެން ޑޮލަރު ހޯދަން މަސައްކަތް ކޮށްފައި ވިޔަސް ޝަރޫ ކުންފުންޏާ އެކު އެ މުއާމަލާތް ހިންގުމުގެ ކުރިން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޑޮލަރު ހޯދަން ފެނަކައިން އެދިފައެއް ނުވެ އެވެ.

ޑޮލަރު ގަތުމަށް ފެނަކައިން ދޫކުރި ފައިސާ އެ ކުންފުންޏަށް އަނބުރާ ދައްކަން ސިވިލް ކޯޓުން ކުރިން ވަނީ ޝަރޫ ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ.