25 ސެޕްޓެމްބަރ 2017
ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އިސް ވެރިންތަކެއް އެކި ފަރާތްތަކާ އެކު ޑީލްތައް ހަދައިގެން ޑޮލަރު ވިއްކުމާއި އެކި ޕްރޮޖެކްޓްތައް "ގާތް މީހުންނަށް" ފައިދާވާ ގޮތަށް ދޭކަމަށް ވާހަކަ ދެކެވޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަންކަން ކުރަމުން ދިޔައިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް އެތަނުގެ އެތައް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ ކޮމިޝަނުން އެއިން އެއްވެސް ކަމަކާ އަޅާލިކަމަކަށް ނުވެ އެވެ.
ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އިސް ވެރިންތަކެއް އެކި ފަރާތްތަކާ އެކު ޑީލްތައް ހަދައިގެން ޑޮލަރު ވިއްކުމާއި އެކި ޕްރޮޖެކްޓްތައް "ގާތް މީހުންނަށް" ފައިދާވާ ގޮތަށް ދޭކަމަށް ވާހަކަ ދެކެވޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަންކަން ކުރަމުން ދިޔައިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް އެތަނުގެ އެތައް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ ކޮމިޝަނުން އެއިން އެއްވެސް ކަމަކާ އަޅާލިކަމަކަށް ނުވެ އެވެ.
ދުވާލުގެ އަލިކަމުގައި އެ ކުންފުނި ބަޔަކު "ދޮވެލަމުން" ދިޔައިރު އެއިން އެއްވެސް ކަމެއް ބަލާނެ ތަހުގީގީ އިދާރާއެއް ނެތެވެ. ފެނަކައިގެ ސީނިއާ ބައެއް މުވައްޒަފުން އެކި ތަންތަނަށް އެހެލައި، މަސައްކަތުން އެކަހެރިކޮށް ބާރުތައް އަތުލި އެވެ.
އަޑިން ހިންގަމުން ދިޔަ ހިޔާނާތުގެ ކަންކަން އެނގި ހުރި ސީނިއަ މުވައްޒަފަކު ބުނީ ކުރީގެ މެނޭޖްމަންޓްގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އެ ކުންފުނި ހިންގެވީ އަމިއްލަ ކުންފުންޏެއް ހިންގަވާ އުސޫލުން އެއްވެސް މަޝްވަރާއެއް ވެސް ނެތި، އަމިއްލައަށް ކަންކަން ނިންމައިގެން ކަމަށެވެ.
"ކުއްލިއަކަށް ޖަނަރޭޓަރެއް ހޯދައިގެން ގެނެސްފާނެ ރަށަކަށް ފޮނުވަން. އަޅުގަނޑުމެންނަކަށް ނޭނގެ އެ ޖަނަރޭޓަރުތައް ގެންނަ ތަނެއް ވެސް. އެއަށް ބަޖެޓް ހޯދި ގޮތެއް ވެސް. އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް އެއްޗެއް އަހާލެވޭނެ ގޮތެއް ވެސް ނޯވޭ،" އޭނާ ބުންޏެވެ.
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް --ފައިލް ފޮޓޯ: މިހާރު
ފެނަކަ ތެރޭގައި ކުރަމުންދިޔަ ވައްކަން ރަނގަޅަށް އެނގޭ އެހެން މީހަކު ބުނީ އޭރު އެކަންތައްތައް ހިނގަމުން ދިޔައީ ސަރުކާރުގެ ވަރަށް ގިނަ އިސް ވެރިންތަކެއްގެ ވެސް ބާރު ލިބިގެން ކަމަށެވެ.
"މިތަނަކީ އެ މީހުން ދެކޭ ގޮތުގައި އެ މީހުންގެ އަމިއްލަ ކުންފުންޏެއް. ހިތަށްއެރި ބަޔަކު ކަނޑައި، އެތަން މިތަނަށް ބަދަލުކޮށް، ބޭނުން ބަޔަކަށް ވަޒީފާ ދެމުންގެން ދިޔައީ. އޭގެ އިތުރުން އިންޖީނުގެތަކަށް ބޭނުންވާ އެއްޗިއްސާއި ތަނަށް ބޭނުންވާ ޑޮލަރު ގަތުމުގައި ވެސް ޕްރޮކިއުމަންޓްގެ އެއްވެސް އުސޫލެއް، ބެލުމެއް ނޯވޭ،" އޭނާ ބުންޏެވެ.
ފެނަކަ ކޯޕަރޭޝަންގެ އިސް މުވައްޒަފުންގެ ގޮތުގައި މިހާރު ވެސް ތިބި ބައެއް މީހުން ދެކޭ ގޮތުގައި އޭރު ކަންތައްތައް ކުރަމުން ދިޔައީ ހިތުހުރި ގޮތަކަށެވެ. އެހެންވެ ސީނިއަ މެނޭޖްމަންޓްގައި ވެސް އެކަމާ ބެހޭ ގޮތުން އެއްޗެއް އަހާލަން ކެރޭވަރުގެ މީހަކު ނުހުރެ އެވެ.
"މިތަނުގައި ކުރަމުން ދިޔަ ވައްކަންތައް އޮބިނޯވެގެން ގޮސް ބޭރަށް ފަޅައިގެން ދިޔައީ މިތަނުން 17 މިލިއަން ރުފިޔާގެ ޗެކެއް ބައުންސްވި ހިސާބުން. އޭރު އޮތީ ވާނެ އެއްޗެއްވެ ނިމިފައި. ކިތަންމެ ބަޔަކު މިތަނުގެ އިސް ވެރިންތަކަކާ ގުޅިގެން އެތައް މިލިއަން ރުފިޔާއެއް އޭރު އޮތީ ކާލާފައި،" އެ މުވައްޒަފު ބުންޏެވެ.
ފެނަކަ ކޯޕަރޭޝަނުގައި ހިންގި ޖަރީމާގެ ސަބަބުން ދައުލަތަށް ގެއްލުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނޭނގެ އެވެ. ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ފެނަކައަކީ ކޮރަޕްޝަންގެ "ހާއްޔެއް"ގެ ގޮތަށް ގިނަ ބަޔަކު ސިފަކުރަމުން ދަނިކޮށް، އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިދިޔަ ހަފުތާގައި ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ ތަފުސީލްކޮށް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ޑޮލަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ތެޔޮ ގަތުމުގައި ހިންގި ކޮރަޕްޝަންގެ އިތުރުން މަޝްރޫއުތައް ހަވާލުކުރުމުގައި އެ ކުންފުނިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ މައްސަލައިގެ ކަންބޮޑުވުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު: ފެނަކަ ކޯޕަރޭޝަންގައި ކުރިން ހިންގި ކޮރަޕްޝަނެއް ބޮޑެތި މައްސަލަތަކެއް ފަޅާއަރުވާލެއްވި.
އެ ރިޕޯޓު ނެރުނު ފަހުން އޭސީސީއާ ސުވާލުކުރުމުން ބުނީ ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު އެ ރިޕޯޓުގެ މާ ކުރިން ވެސް ފަށާފައިވާ ކަމަށެވެ.
އޭސީސީން އެހެން ބުނި ނަމަވެސް މިހާތަނަށް އެއިން އެއްވެސް މައްސަލައެއް ނިމިފައެއް ނުވެ އެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައިވާ ގޮތުން ޑޮލަރު ގަނެ އެ މީހުންނަށް ކޮމިޝަނުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ޕޭމަންޓް ވައުޗާ ނެތި 12.6 މިލިއަން ރުފިޔާގެ 23 ޓްރާންސެކްޝަން ހެދި އެވެ. އިންވޮއިސް ނެތި 34 މިލިއަން ރުފިޔާގެ 14 ޓްރާންސެކްޝަން ހަދާފައިވުމާއި އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95 މިލިއަން ރުފިޔާ ދޫކުރުން ވެސް ހިމެނެ އެވެ.
ފެނަކައިގެ 2014 އަދި 2015ގެ އޮޑިޓް ރިޕޯޓް ނެރުނުއިރު، އެ ދުވަސްވަރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ނިމާލް ވަނީ އޮކްޓޯބަރު 24، 2016 ގައި ފެނަކަ އިން ވަކިކޮށްފަ އެވެ.
ނިމާލަށް ފަހު އެ މަގާމާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 26ގައި ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް ހުންނެވި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ޝަރީފެވެ.
އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން ކުއްލި އޮޑިޓެއް ހެދި ކަމަށްވެ އެވެ. އަދި އެ އޮޑިޓަށް ފަހު އެތަނުގެ ހާލަތު އޮތް ގޮތް އިތުރަށް ދެނެގަތުމަށް ހާއްސަ އޮޑިޓެއް ހަދަން ރައީސް އޮފީހުން އެންގި އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ޝަރީފް: އޮޑިޓް ރިޕޯޓްގައި ފާހަގަކުރި ކަންކަނ އިސްލާހުކުރައްވާނެ ---ފޮޓޯ: ނިޝާން އަލީ/މިހާރު
"ރައީސް ބޭނުންފުޅުވީ އަޅުގަނޑު ހަވާލުވިއިރު އެތަނުގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް. ރައީސް އޮފީހުން އަންގައިގެން ރެޕިޑް އޮޑިޓެއް ހެދި. އޭގެ ފަހުން އަޅުގަނޑާ މިތަން ހަވާލުކުރީ. އެ އޮޑިޓަށް ފަހު ބައެއް އިސްލާހުތައް ގެންނަން އެންގި. އޭރު ކުރަމުން ގެންދިޔަ ވަރަށް ގިނަ ކަންތައްތައް މިހާރު ވަނީ އިސްލާހުކޮށްފައި،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮޑިޓް އޮފީހުން ނެރުނު ރިޕޯޓަކީ ރައީސް އޮފީހުން އަންގައިގެން އޮޑިޓް އޮފީހުން ހެދި ހާއްސަ އޮޑިޓެއް ކަމަށެވެ. އަދި އެ އޮޑިޓަށް ފަހު ފާހަގަކުރި ބަދަލުތައް މިހާރު ގެންނަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޕްރޮކިއުމަންޓް ޕޮލިސީތަކަށް ބަދަލުތައް ގެންނަން އޮޑިޓް އޮފީހުން ދިން ލަފާގެ މަތިން މަސައްކަތްކުރަމުން މިދަނީ. އެއީ މިތަނުގެ ކޮންޓްރޯލް ގެއްލިފައި އޮތް ކަމެއް ކުރިން،" އޭނާ ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގިނަ މައްސަލަތައް ހައްލުކުރަން މިހާރުގެ މެނޭޖިން ޑިރެކްޓަރު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ހާއްސަކޮށް ކުރީގެ ކަންކަމުގައި ޒިންމާވާ ބަޔަކު ހޯދަން ތަހުގީގުކޮށްދޭން އެދި އޭސީސީއަށް ހުށަހަޅަން ވެސް އޭނާ ދަނީ މަސައްކަތްކުރައްވަމުންނެވެ.
"ގެއްލިފައި ހުރި ފައިސާ ހޯދުމަށް އެކަމުގައި ޒިންމާވާ ބަޔަކު ހޯދަން އޭސީސީއަށް ހުށަޅަން ވަނީ ނިންމާފައި. އޭސީސީއަށް އެކަން ހުށަހަޅަން ޖެހެނީ އެކަންތައްތައް ކުރި ބަޔަކު ނަން ރިޕޯޓުގައި ނެތުމުން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ވަނީ ކުންފުނީގައި އިންޓާނަލް ކޮންޓްރޯލްތަކެއް ގާއިމުކޮށްފައި ނެތުމުން ކަމަށެވެ.
"އޭރު އިންޓާނަލް ކޮންޓްރޯލްތަކެއް ނެތް. މިހާރު ހުންނާނެ އެ އުސޫލްތައް ބަދަލުކޮށްފައި. ކުރިން ބޯޑުން ފާސްކޮށްފައި އޮންނާނެ ފައިސާ ހަރަދުކުރާނެ އުސޫލްތަކެއް. އޭގައިވާ ގޮތުން ދިހަ މިލިއަން ރުފިޔާއާ ހަމަޔަށް ބޯޑުގެ ހުއްދައެއް ނެތި ހަރަދުކުރުމުގެ ބާރު އެމްޑީއަށް އޮވޭ. ނަމަވެސް މިހާރު ވަނީ އެ އަދަދު ދެ މިލިއަނަށް ކުޑަކޮށްފައި،" ޝަރީފް ވިދާޅުވި އެވެ.
އޭގެ އިތުރުން ކުންފުނީގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އިންޓާނަލް އޮޑިޓެއް ގާއިމުކުރަން ވެސް ނިންމާފައިވެ އެވެ.
"މިހާރު އަޅުގަނޑު އިންޓާނަލް އޮޑިޓް ވެސް އެބަ ގާއިމުކުރަން. އޭރުގެ ބޯޑު ވެސް ބަލިކަށިވީމަ މިކަހަލަ ކަންތައްތައް ކުރެވުނީ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުންޏަށް ދޭތެރެ ދޭތެރެއިން އިމަޖެންސީ ހާލަތްތައް ކުރިމަތިވާ ކަމަށެވެ. އެހެންވެ އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލެއް އޭސީސީ އާއި އޮޑިޓް ޖެނެރަލްގެ ލަފާގެ މަތިން ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ހިޔާނާތުގެ އެތައް އަމަލެއް ފެނަކައިގައި ކުރިން ހިންގާފައި ވަނީ ވަރަށް ގިނަ ބައެއްގެ ބައިވެރިވުމާއި އިހުމާލު އޮވެގެންނެވެ. އެކަންކަމުގައި ބައިވެރިވި މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅަން ޖެހެ އެވެ. އަދި އެފަދަ ކަންތައްތައް ތަކުރާރު ނުވާނެ ގޮތަކަށް ކުންފުނީގެ ކަންކަން ރާވަން ވެސް ޖެހެ އެވެ. އެހެން ނޫނީ އިވޭނީ އަނެއްކާވެސް ބަޔަކު އެ ކުންފުނި "ދޮވެލި" ވާހަކަ އެވެ.
ނިމާލާއި އިތުރު ބަޔަކަށް ދައުވާކުރަން ޕީޖީއަށް
ފެނަކައިގެ ޑޮލަރު މައްސަލައިން ނިމާލް ސަލާމަތްވެއްޖެ
ނިމާލާއި އިތުރު ބަޔަކަށް ދައުވާ ކުރަން ޕީޖީއަށް
ފެނަކަ: ހިޔާނާތުން ހުލިކުރިއިރު ތިބީ ބަލަހައްޓައިގެން!
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
ދައުލަތަށް ހޯދަން އެންގި ފައިސާ ނުލިބޭތީ ފިޔަވަޅުއަޅަނީ
ފެނަކައިން ހުށަހެޅި މައްސަލަތަކުގެ އަގަކީ ބައި ބިލިއަން
ފެނަކައިގެ ގަރާރު ބަލައިގަނެ، އިންތިހާބީ ނުފޫޒުގެ ގަރާރު ބޭރު
ހޯދަން އެންގީ 2018 ގެ ކުރިން ދޫކުރި ފައިސާތައް
ފެނަކައިގެ މައްސަލަތަކުގައި 20 މިލިއަން ހޯދަންޖެހޭ