Roadha Mihaaru
ޝަރޫ ކުންފުނީގެ ވެރިއަކު ފުރުން މަނާކުރީ ރަނގަޅަށް

ޑޮލަރުގެ މައްސަލާގައި ޝަރޫ ކުންފުނީގެ އެއް ހިއްސާދާރެއްގެ ޕާސްޕޯޓް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓު

25 ޖެނުއަރީ 2017

އަމިއްލަ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސަސް އިން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކްތަކަށް ޑޮލަރު ނުލިބުނު މައްސަލާގައި ޝަރޫ ކުންފުނީގެ އެއް ހިއްސާދާރަކު ފުރުން މަނާކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަމިއްލަ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސަސް އިން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކްތަކަށް ޑޮލަރު ނުލިބުނު މައްސަލާގައި ޝަރޫ ކުންފުނީގެ އެއް ހިއްސާދާރަކު ފުރުން މަނާކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޝަރޫ ކުންފުނި މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ހޯދަން ފެނަކަ އިން އެ ކުންފުންޏަށް ފައިސާ ދިނުމުން ވެސް ޑޮލަރު ނުލިބޭ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސޮބާހް އަހުމަދާއި ޑިރެކްޓަރު މުހައްމަދު މުޝްތާގުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

އޭގެ ތެރެއިން މުޝްތާގުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ރަނގަޅު ކަމަށެވެ. އެކަމަކު އެ ހުކުމުގެ ތަފްސީލެއް ނުލިބެ އެވެ.

ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ދެ މީހުންގެ ޕާސްޕޯޓް ކިހާ މުއްދަތަކަށް ހިފަހައްޓަން ކަމެއް ސާފެއް ނުވެއެވެ. އަދި އެ އަމުރު ނެރުނީ ކޮން އިރަކު ކަމެއް ވެސް ސާފެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެ މައްސަލާގައި ފެނަކަ އިން ވަނީ ފައިސާ ހޯދަން ޝަރޫ ކުންފުންޏާ ދެކޮޅަށް މަދަނީ ދައުވާ ވެސް އުފުލައިފަ އެވެ. އަދި ޝަރޫ ކުންފުނިން ވަނީ، އެ ޑޮލަރު ނުދެވުނީ މޮރިޝަސް ކޮމާޝަލް ބޭންކުގެ އިހުމާލުން ކަމަށް ބުނެ އެ ބޭންކާ ދެކޮޅަށް 150 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފަ އެވެ.

ފެނަކައިގެ އިތުރުން ސްޓެލްކޯއަށް ދެ ލައްކަ ޑޮލަރު ހޯދަން ޝަރޫ އަށް ފައިސާ ދިނުމުން ޑޮލަރު ނުދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ވެސް މިހާރު އޮތީ ސިވިލް ކޯޓުގަ އެވެ.

ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމުގެ މުއާމަލާތް ޝަރޫ ކުންފުނިން ހިންގިއިރު، އެއީ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ވެސް ނެތް ކުންފުންޏެކެވެ. އެހެންވެ ޝަރޫ ކުންފުންޏާ މެދު ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.