Roadha Mihaaru

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކޮށްފި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

29 އެޕްރީލް 2025

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

އެ އަމުރު ބާތިލްކުރަން އަކްރަމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެއީ އެ މައްސަލަ އަކީ ދަށު ކޯޓަށް ހުށަހަޅައިގެން ބަހުސްކޮށް އަދި މުރާޖާ ކުރުމުގެ ފުރުސަތު އޮތް މައްސަލައަކަށް ވާތީ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

އެ ނިންމުން އަކްރަމްގެ ފަރާތުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ އަކްރަމްގެ ޕޯސްޕޯޓާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމި އެވެ.

މައްސަލައިގެ މިއަދު ހައި ކޯޓުން ކަނޑައެޅީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އަމުރު ބާތިލްކޮށް، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލަން ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވެސް ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ.

އަކްރަމްގެ ޕާސްޕޯޓް ފުރަތަމަ ހިފެހެއްޓީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 އިން ފެށިގެން އެއް މަސް ދުވަހަށެވެ. ނަމަވެސް، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މުއްދަތު އިތުރު އެއް މަސް ދުވަހަށް ދަންމާލައިފަ އެވެ.

އަކްރަމް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، މުއްދަތު އިތުރު ކޮށްފައިވަނީ އޭނާއާ ތަހުގީގުގައި އެއްވެސް ސުވާލެއް ވެސް ކުރުމެއް ނެތި އެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނެތް ނަމަވެސް، ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީ ގެންގުޅުނު މައްސަލައެއް ފަޅާއަރައި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ލިޔުންތައް ދިނީ ކުރީގެ ސަރުކާރުން ކަމަށް، އެ މައްސަލައިގައި ފުލުހުން ސުވާލުކުރި ހަ މީހަކު ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ބުނެފަ އެވެ.

އަކްރަމާއި އާރިފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށް އުފެއްދި ހާއްސަ ކޮމިޓީގައި ވެސް އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ދައުވާ ކުރަން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ކުރީގެ ސަރުކާރުގައި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ.