Roadha Mihaaru

ހައިކޯޓުން ޕާސްޕޯޓް ދޫކޮށްލާފައި ވަނިކޮށް އާ އަމުރެއްގެ ދަށުން އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް، ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

އާ އަމުރެއްގެ ދަށުން އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައި
ނާޒިމް ހަސަން
ނާޒިމް ހަސަން

03 ޖޫން 2025

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް، ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

އަކްރަމްގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

އެ އަމުރު ބާތިލްކުރަން އަކްރަމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެއީ އެ މައްސަލައަކީ ދަށު ކޯޓަށް ހުށަހަޅައިގެން ބަހުސްކޮށް އަދި މުރާޖާ ކުރުމުގެ ފުރުސަތު އޮތް މައްސަލައަކަށް ވާތީ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

އެ ނިންމުން އަކްރަމްގެ ފަރާތުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ އަކްރަމްގެ ޕޯސްޕޯޓާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމި އެވެ.

އެ މައްސަލާގައި ހައި ކޯޓުން އޭރު ނިންމާފައިވަނީ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އަމުރު ބާތިލްކޮށް، އަކްރަމްގެ ޕާސްޕޯޓް ދޫކޮށްލަން ހައި ކޯޓުން އޭރު އަމުރުކޮށްފައިވެ އެވެ.

ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ. ނަމަވެސް، ހައި ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކުރި ފަހުން ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އަކްރަމްގެ ޕާސްޕޯޓް 30 ދުވަހަށް ވަނީ ހިފަހައްޓައިފަ އެވެ.

އަކްރަމް ވަނީ އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމާފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖަހާ އުސޫލުން ކްރިމިނަލް ކޯޓުން އެހެން އަމުރެއް ނެރެ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކޮށްދޭން އެދެން އަކްރަމް ވަނީ އެދިވަޑައިގެންފަ އެވެ.

އެ ސިޓީގެ ޖަވާބުގައި ޕީޖީ އޮފީހުން ބުނެފައިވަނީ ހައި ކޯޓުން ބާތިލްކޮށްފައިވަނީ ވަކި އަމުރެއް ކަމަށެވެ. އަދި މިހާރު ދެމިއޮތް އަމުރާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ އަމުރު މުރާޖައާ ކުރަން ހުށަހެޅުމުގެ ފުރުސަތާއި ބާތިލް ކުރަން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އަކްރަމާއި އާރިފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށް އުފެއްދި ހާއްސަ ކޮމިޓީގައި ވެސް އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީން މިއަދު ވަނީ ފޮނުވައިފަ އެވެ.

ކުރީގެ ސަރުކާރުގައި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ.