Roadha Mihaaru
ފުރާވަރު ކުދިންނަށް އިންސްޓަ މެސެޖު ކޮންޓްރޯލްކުރަނީ

ބޮޑެތި މީހުން ފުރާވަރު ކުދިންނަށް މެސެޖު ފޮނުވަން ހުރަސްއަޅާ ފީޗާއެއް އިންސްޓަގްރާމަށް ގެންނަނީ

18 މާޗް 2021

އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރުގެ ކުދިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން އެ އުމުރުފުރާގެ ކުދިން ފޮލޯނުކުރާ ބޮޑެތި މީހުންގެ ފަރާތުން ޑައިރެކްޓް މެސެޖް ނުފޮނުވޭ ގޮތަށް ހަދަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރުގެ ކުދިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން އެ އުމުރުފުރާގެ ކުދިން ފޮލޯނުކުރާ ބޮޑެތި މީހުންގެ ފަރާތުން ޑައިރެކްޓް މެސެޖް ނުފޮނުވޭ ގޮތަށް ހަދަން ތައްޔާރުވެއްޖެ އެވެ.

އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ހިމެނޭ މި ފީޗާގައި، ކުޑަކުދިންނަށް "ފާރަލާ" ބޮޑެތި މީހުން ދެނަގަނެ، އެފަދަ މީހުންގެ ކިބައިން ފުރާވަރުގެ ކުދިން ރައްކާތެރިކޮށް ދޭނެ އެވެ. އެގޮތުން، ފޮލޯނުކުރާ ބޮޑު މީހެއްގެ އެކައުންޓަކުން އެއްވެސް ގޮތަކަށް ކުދިންނަށް މެސެޖް އަންނަ ކަމަށްވާ ނަމަ އެކަމުގެ ނޮޓިފިކޭޝަން ލިބޭނެ އެވެ.

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން މި މަހުގެ ތެރޭގައި އަލަށް ތައާރަފުކުރާ "ސޭފްޓީ ޕްރޮމްޕްޓްސް" ގެ ދަށުން އެފަދަ މީސްމީހުންގެ މައްސަަލަތައް ރިޕޯޓްކޮށް ބްލޮކްކުރުމުގެ އިހުތިޔާރު ވެސް އިންނާނެ އެވެ. އިންސްޓަގްރާމުން ބުނީ ފީޗާ އަކީ އަންނަ ކޮންމެ މެސެޖްތަކަށް ރިޕްލައިކުރުމުގެ ޕްރެޝަރު ފުރާވަރު ކުދިންގެ މެދުގައި ބޮޑުކަން ފާހަގަކުރެވޭތީ އެ މީހުން އަޕްލޯޑްކުރާ ފޮޓޯތަކާއި ވީޑިއޯ އަދި އެހެން މައުލޫމާތެއް ކަމަށް ވިޔަސް ހިއްސާކުރުމުގައި މިހާރަށް ވުރެ ފަރުވާތެރިވާން ހިތްވަރު ދިނުމެވެ.

އާ ފީޗާ އިން ފުރާވަރު ކުދިންގެ އެކައުންޓް ޕްރައިވެޓްކޮށް ބެހެއްޓުމަށް ވެސް ހިތްވަރުދޭނެ އެވެ. ނަމަވެސް އެ އުމުރުފުރާގެ ކުއްޖެއްގެ އެކައުންޓް ޕަބްލިކްކޮށްފި ނަމަ އެކަމުގެ ނޮޓިފިކޭޝަން ވެސް ދޭނެ އެވެ.

"މީގެ އެންމެ ބޮޑު ބޭނުމަކީ އިންސްޓަގްރާމް ބޭނުންކުރާ 18 އަހަރުން ދަށުގެ ކުދިންނަށް ރައްކާތެރިކަން އިތުރަށް ހޯދައި ދިނުން. އެހެންވީމާ އެ އުމުރުފުރާގެ ކުދިންނަށް މެސެޖްތަކާއި ފްރެންޑް ރިކްއެސްޓް މާ ގިނައިން ލިބި ޝައްކުކުރެވޭ ކަހަލަ ކަންތައްތަކެއް ހިނގާ ނަމަ އެކަމަށް ފާރަވެރިވެވޭނެ،" އިންސްޓަގްރާމުން ބުންޏެވެ.

އިންސްޓަގްރާމަކީ 13 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެއްޗެކެވެ. ނަމަވެސް އުމުރު އޮޅުވާލައިގެން އެކައުންޓްތައް ހުޅުވުމަކީ އާންމު ކަމެކެވެ.

"ސޭފްޓީ ޕްރޮމްޕްޓްސް" މި މަހު ބައެއް ގައުމުތަކަށް ލިބެން ފަށާނެ އެވެ. އަދި ވަރަށް އަވަހަށް ފީޗާ އެއްކޮށް އާންމުކުރާނެ އެވެ.