Roadha Mihaaru
ގޯޅިތައް ހިތްފަސޭހަ ތަނަކަށް ހަދަން ޗައިނާ އެހީވަނީ

މާލޭގެ ގޯޅިތަކެއް ރީތި ކުރުމަށް ޗައިނާ އިން ހަތް މިލިއަން ރުފިޔާ ދީފި

13 ނޮވެމްބަރ 2016

މާލޭގެ ހަތް ގޯޅިއަކާއި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ޗައިނާ ސަރުކާރުން ހައުސިން މިނިސްޓްރީ އަށް ހަތް މިލިއަން ރުފިޔާގެ ހިލޭ އެހީއެއް މިއަދު ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ހަތް ގޯޅިއަކާއި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ޗައިނާ ސަރުކާރުން ހައުސިން މިނިސްޓްރީ އަށް ހަތް މިލިއަން ރުފިޔާގެ ހިލޭ އެހީއެއް މިއަދު ދީފި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އާންމުން ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަ ކުރެވޭނެ ގޮތަށް ތަރައްގީ ކުރާ ގޯޅިތަކަކީ އުޅަނދުތައް ނުވަދެވޭ ގޮތަށް ދާދި ފަހުން ބަންދު ކުރި ގޯޅިތަކެވެ. މި މަޝްރޫއު ކުރިއަށް އޮތް ހަ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއު ފުރިހަމަކުރާ އިރު، މީހުންނަށް އިށީނދެވޭ ގޮތަށް ބެންޗުތައް ހަދައި ބައެއް ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ. އަދި އެ ގޯޅިތަކުގައި އުޅޭ މީހުންނާއި އެ ތަންތަނަށް ޒިޔާރަތް ކުރާ މީހުންނަށް ފޮތް ކިޔޭނެ ގޮތްތައް ވެސް ހަމަޖައްސާނެ އެވެ.

ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ގޯޅިތައް:

1- ގުލްއަލާ ގޯޅި

2- އެނބޫ ގޯޅި

3- ޝަހީދު އަލީ ގޯޅި

4- އަލަމާ ގޯޅި

5- ހަލަވެލި ގޯޅި

6- ފަރީދީ ގޯޅި

7- ފުލޫނިޔާ ގޯޅި

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގޯޅިތަކާއި ޕާކްގެ ޑިޒައިން ކުރުމުގެ ކުރިން، ގޯޅިތަކުގައި ދިރިއުޅޭ މީހުންގެ ލަފާ ހޯއްދެވި ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ތަކެތި ގެނެސް، އަންނަ މަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުންނެވެ. އެއީ މިނިސްޓަރު ވިދާޅުވި ގޮތުގައި ވީހާ ވެސް ހަރަދު ކުޑަ ކުރުމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން ދާދި ފަހުން ހެދި އިސްކަންދަރު މައިޒާނާއި ސުނާމީ ބިނާ މައިޒާނަކީ މާލޭގައި ދިރިއުޅޭ މީހުން ބަލައިގަތް ތަންތަން ކަމަށެވެ. އެހެންކަމުން މި ފަހަރުގެ މަޝްރޫއު ކުރިއަށް ދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރައްީ ކުރުމަށް ހަމަޖެހިފައިވާ ގޯޅިތަކުގެ ޗާޓެއް. - ފޮޓޯ: މިހާރު

ތަރައްީ ކުރުމަށް ހަމަޖެހިފައިވާ ގޯޅިތަކުގެ ޗާޓެއް. - ފޮޓޯ: މިހާރު

ރާއްޖޭގެ ރީތިކަން ފާހަގަ ކުރައްވައި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ފޫކާން ވިދާޅުވީ މާލެ އަށް އިތުރު ރީތިކަން ގެނެސްދޭނެ މި މަޝްރޫއަކީ މާލޭގައި ދިރިއުޅޭ މީހުންނާއި ޓޫރިސްޓުންނަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ. އަދި ހައުސިން މިނިސްޓަރު އިސް ނަންގަވައިގެން މާލޭގައި ދިރިއުޅޭ މީހުންނަށް ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން މާލޭގެ ރީތިކަން އިތުރަށް ދަމަހައްޓަން،" ވަން ފޫކާން ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު މުއިއްޒު އެވެ. މި އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ ސަފީރު ވަން ފޫކާން އެވެ.