Roadha Mihaaru
ކޯޓުން މައްސަލަ ނަގައި، ޕެވިލިއަން ސިބްކޯ އަށް!

ކޯޓުން މައްސަލަ ނަގައި، ރަސްފަންނު ޕެވިލިއަން އަނެއްކާވެސް ސިބްކޯ އަށް ދީފި

17 މާޗް 2021

މާފަންނުކޮޅުގައި، 2016ގައި ރަސްފަންނާ އެކު އެމްޑަބްލިޔުއެސްސީން ހެދި ޕެވިލިއަން އަނެއްކާވެސް ސިބްކޯ އަށް ދީފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މާފަންނުކޮޅުގައި، 2016ގައި ރަސްފަންނާ އެކު އެމްޑަބްލިޔުއެސްސީން ހެދި ޕެވިލިއަން އަނެއްކާވެސް ސިބްކޯ އަށް ދީފި އެވެ.

ސިބްކޯ އަށް އެތަން ހަވާލުކުރުމާ އެކު އެތަން ހުޅުވުމުގެ މަސައްކަތް މީގެ ދެތިން ދުވަސް ކުރިން ވަނީ ފަށައިފަ އެވެ. އިންޓަނޭޝަނަލް ފްރެންޗައިޒްއެއް ކަމަށްވާ ގްލޯރިޔާ ޖީންސާއި މޯޓީ މަހަލް އަދި ޗިކިން ރެސްޓޯރަންޓް ހިންގި ތިން ބުރީގެ އިމާރާތް ބަންދުކޮށްފައި ހުންނަތާ އެތައް އަހަރެއް ވީ އިރު އެތަން މިހާރު އޮތީ ގޮނޑަކަށް ބަދަލުވެފަ އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ކުރިން ވެސް އެތަން ހަވާލުކުރި ކުންފުންޏަށް އަލުން އެތަން ދެނީ އާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ އެތަން ރޯދައަށް ހުޅުވޭނެ ކަމަށް،" ޝާހު ވިދާޅުވި އެވެ.

މައްސަލަ ކޯޓުން ބޭރަށް!

މަޝްހޫރު ވިޔަފާރިވެރިޔާ ވީބީ މުހަންމަދު ޝަވީދުގެ ހިއްސާ އޮންނަ ކުންްފުންްޏަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕެވިލިއަން ކުއްޔަށް ދިނީ 19 އަހަރުގެ މުއްދަތަށް، މަހަކު 250،000ރ.ގެ ކުއްޔަކަށެވެ. އެކަމަކު އެތަން ހިންގި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުލި ދައްކާފައި ނުވާ ކަމަށް ވެ އެވެ. އެމްޑަބްލިޔުއެސްސީން އެތަން ހަދަން ހަތަރު މިލިއަން ރުފިޔާ ހޭދަކުރި އިރު، މުޅި ތަނަށް ޖުމްލަ އިންވެސްޓްމަންޓްގެ ގޮތުގައި 14 ވަރަކަށް މިލިއަން ރުފިޔާ އޮތީ ހޭދަވެފަ އެވެ.

ޕެވީލިއަންގައި ހަދާފައި ހުރި ރެސްޓޯރެންޓެއްގެ ތެރޭގައި ހުރި ކުނިތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕެވީލިއަންގައި ހަދާފައި ހުރި ރެސްޓޯރެންޓެއްގެ ތެރޭގައި ހުރި ކުނިތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިބްކޯ އަށް ނޯޓިސް ދިނީ އެތަނަށް ކުލީގެ އިތުރުން، އެޑްވާންސް ފައިސާ ވެސް ނުލިބިގެންނެވެ. ސިބްކޯ އެތަނުން ބޭރުކޮށް، އެމްޑަބްލިޔުއެސްސީން ވަނީ ފައިސާ ހޯދަން މައްސަލަ ކޯޓަށް ވެސް ހުށަޙަޅައިފަ އެވެ. ހަމައެއާ އެކު، އެމްޑަބްލިޔުއެސްސީން ނޯޓިސް ދިން މައްސަލަ ސިބްކޯ އިން ވެސް ކޯޓަށް ހުށަހެޅި އެވެ. މިއިން އެއްވެސް މައްސަލައެއް ކޯޓަކުން އަދި ނުނިމެ އެވެ.

ޝާހު ވިދާޅުވި ގޮތުގައި ޕެވިލިއަނާ ގުޅޭ މައްސަލަތައް ކޯޓުން ބޭރުކޮށް، ސިބްކޯއާ އެކު އެތަން ހިންގަން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިގެން"ނެވެ. އޭނާ ވިދާޅުވީ އެގޮތަށް ހަމަޖެއްސުމުގައި ކުންފުނީގެ ލީގަލް ޓީމުގެ އިތުރުން މި މައްސަލަ އަށް ބޭރުން ހޯދި ލީގަލް ކޮންސަލްޓަންޓްގެ ލަފާ ވެސް ހިމެނޭ ކަމަށެވެ.

"ލީގަލް ޓީމުގެ ވާހަކަތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އެ ކޭސް ކާމިޔާބުވާ ކަހަލަ ގޮތަކަށް ނޫން އޮތީ،" ޝާހު ވިދާޅުވި އެވެ.

"މިހާރު ވެސް މައްސަލަ އެހެން އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ. މީގައި އަޅުގަނޑުމެން ބެލިއިރު އަޅުގަނޑުމެންގެ، އެމްޑަބްލިޔުއެސްސީގެ މައްސަލަތަކެއް ވެސް އެބަ އޮތް. އެހެންވެ އަޅުގަނޑުމެން އެކި ގޮތްގޮތުން ވިސްނީ މައްސަލަ ހައްލުކޮށްފައި އެކަން އަލުން ފަށައިގެން ކުރިއަށް ދާން."

ޝާހު ވިދާޅުވި ގޮތުގައި އުންމީދުތަކަކާ އެކު ބޮޑު ހޭދައެއްކޮށްގެން ހެދި ތަން ވީރާނާ ވާން ވެސް ދޫކޮށްލެވޭކަށް ނެތެވެ.

ޕެވީލިއަނަށް އަރަން ހަދާފައި ހުރި ބްރިޖުގެ ތެރޭގައި ސިނގިރޭޓް ބަޓުތަކެއް އުކާލާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕެވީލިއަނަށް އަރަން ހަދާފައި ހުރި ބްރިޖުގެ ތެރޭގައި ސިނގިރޭޓް ބަޓުތަކެއް އުކާލާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެހެން ކަމެއް ވެސް އަޅުގަނޑު ފާހަގަކޮށްލާނަން. އެތަން އެހެން އޮންނާތީ ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކުގެ ކަންބޮޑުވުން ވެސް ވަރަށް ބޮޑު. އެއް ދުވަހަކު ގުޅައިފާނެ ފުލުހުން އެތާނގައި ގަވައިދާހިލާފު ކަންތައްތަކެއް ކުރާތީ. އަނެއް ދުވަހު ގުޅައިފާނެ ސިޓީ ކައުންސިލުން. އަނެއް ދުވަހަކު ގުޅައިފާނެ ރައީސް އޮފީހުން އެކަން އޮތް ހިސާބެއް ބަލަން،" ޝާހު ވިދާޅުވި އެވެ.

"އެހެންވީމަ އެތަނާ މެދު އޮތީ ގޮތެއް ނިންމަން ޖެހިފައި."

ކޯޓުން ބޭރުން މައްސަލަ ނިންމިއަސް، އެމްޑަބްލިޔުއެސްސީ އަށް އެއިން ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބިފައި ހުރި ގެއްލުން، މިސާލަކަށް ކުރިން ނުދައްކާ ހުރި ފައިސާ ވެސް އުސޫލެއްގެ ތެރެއިން ދައްކާ ގޮތަށް އެއްބަސްވެގެން އެތަން މި ހަވާލުކުރީ،" ޝާހު ވިދާޅުވި އެވެ.

އަލުން ހުޅުވާއިރު ފްރެންޗައިސްއެއް ނުހުންނާނެ

އެތަން އަލުން ހުޅުވާއިރު ބައިނަލްއަގުވާމީ ފްރެންޗައިސްތައް ނުހުންްނާނެ ކަމަށް ޝާހު ވިދާޅުވި އެވެ. އެކަމަކު މިހާރު ހަދާފައި އޮތް އެގްރިމެންޓް ބުނާ ގޮތުން، ވަކި މުއްދަތެއްގެ ފަހުން ފްރެންޗައިސްތައް އަލުން ގެންނަން ޖެހެ އެވެ.

"މިހާރު މި ބަލަނީ އެތަން އަވަހަށް ހުޅުވޭތޯ. މި ދުވަސްވަރުގެ ގޮތުން އަނެއްކާވެސް ފްރެންޗައިސްތަކެއް ގެނައުމަކީ ދަތި ކަމަކަށް ވާނެތީ އަޅުގަނޑުމެން އެއްބަސްވެފައި އޮންނާނީ ދުވަސްކޮޅެއް ފަހުން ފްރެންޗައިސްތައް ގެނަޔަސް މައްސަލައެއް ނެތް ކަމަށް،" ޝާހު ވިދާޅުވި އެވެ.

ޕެވިލިއަން: މިހާރު އޮތީ ވަރަށް ބޮޑަށް ވީރާނާ ވެފައި -- ފައިލް ފޮޓޯ: މިހާރު

ޕެވިލިއަން: މިހާރު އޮތީ ވަރަށް ބޮޑަށް ވީރާނާ ވެފައި -- ފައިލް ފޮޓޯ: މިހާރު

ސިބްކޯ އަށް ޕެވިލިއަން ދީފައި ވަނީ ކުރިން ވެސް އެގްރިމެންޓްކޮށްފައިވާ މުއްދަތަށް، 19 އަހަރަށް، ހަމަ އެ ކުލީގައި ކަމަށް ޝާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަން އަލުން ހުޅުވަން ކުރަން ޖެހޭ ހުރިހާ ހަރަދެއް ވެސް ކުރަން ޖެހޭނީ ސިބްކޯ އިންނެވެ.

ކުލި ދައްކަމުންް ނުދާ ބަޔަކާ އަލުން ހަވާލުކުރީ ކީއްވެގެންތޯ ދެންނެވުމުން ޝާހު ވިދާޅުވީ މައްސަލަ ހިނގާފައި އޮތް ގޮތް ބެލި އިރު އެމްޑަބްލިޔުއެސްސީގެ އިހުމާލުތަކެއް ވެސް އޮތް ކަމަށެވެ.

"ކުލި ނުދެއްކުނީ މިހެންވެގެންނޭ ސިބްކޯ އިން މި ބުނަނީ. އޭގެ ތެރޭގައި ފްރެންޗައިސްތަކެއް ގެންނަ އިރު ތަން ހުންނަން ޖެހޭ މިންގަނޑަށް ބޭނުންވާ ހުއްދަތައް އެމްޑަބްލިޔުއެސްސީގެ ތެރެއިން ނުލިބި ލަސްވެފައި ހުރުން ހިމެނޭ. އެހެންވެ އަޅުގަނޑުމެން ބެލިބެލުމުން މި މައްސަލަ އަޅުގަނޑުމެންގެ ކޮޅަށް ނިމުންް ދުރު. އަނެއްކޮޅުން މައްސަލަ ނިމޭނެ ދުވަހެއް ނޭނގެ. އެތަން ވީރާނާ ވަމުން ވެސް ދަނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޝާހު ދެއްވި އެއް ޔަގީން ކަމަކީ، ސިބްްކޯއާ ހަވާލުކުރި އިރު ނާޒާއިޒު އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިކަހަލަ ކަމެއް ހަވާލުކުރާ ދުވަސް ނޫންް އަނެއް ދުވަހު އޭސީސީ އަށް ކޮންމެވެސް ބަޔަކު ޝަކުވާ ކުރާނެކަން. އަދި އޭސީސީން އެކަން ބަލާނެ ކަން. އެހެންވެ، އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހުންނާނެ."