Roadha Mihaaru
ޕެވީލިއަން ހުސްކުރުން ފަސްކުރީ ރަނގަޅަށް: ހައި ކޯޓް

ޕެވީލިއަން ހުސްކުރުން މަޑުޖައްސާލަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި

03 އޮކްޓޯބަރ 2020

ރަސްފަންނުގައި ހަދާފައިވާ ޕެވީލިއަން ހުސްކުރުން ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރަސްފަންނުގައި ހަދާފައިވާ ޕެވީލިއަން ހުސްކުރުން ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިި އެވެ.

ކުރީގެ ރައީސް އަބްދުުﷲ ޔާމީންގެ ވެރިކަމުގައި ރަސްފަންނުގައި އެމްޑަބިލިއުއެސްސީ އިން ހެދި ޕެވީލިއަން އެ ކުންފުނިން ވަނީ ސިބްކޯ ޕްރައިވެޓް ލިމިޓެޑަށް އެތަން ކުއްޔަށް ދޫކޮޮށްފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑަބްލިއުއެސްސީ އިން ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން ސިބްކޯއަށް ނޯޓިސް ފޮނުވައިފަ އެވެ. އެ މައްސަލަ ސިބްކޯއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެތަން ހުސްކުރުން ފަސް ކުރުމުގެ ވަގުތީ އަމުރެއް އެ ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ނެރެފަ އެވެ.

އެ އަމުރު އެމްޑަބްލިއުއެސްސީ އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ މައްސަލަ ނިމެންދެން ތަން ހުސްކުރުން ފަސް ކުރުމުގެ ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ، އިއާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ސިބްކޯއަށް ލިބިގެން ހިނގައިދާނެ ކަމަށެވެ. އަދި އެތައް އަހަރަކަށް ކުއްޔަށް ދޫކޮށް، އެތައް ޚަރަދުތަކެއް ކުރި ތަނެއްގެ އެއްބަސްވުން ބާތިލްކުރި ގޮތުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެހެން ބަޔަކަށް އެތަން ބޭނުން ކުރުމުގެ ފުރުސަތު ދެވިއްޖެ ނަމަ އެއީ އިއާދަ ނުކުރެވޭނެ ގެއްލުމަކަށް ވެދާނެ ކަމަށް އެ ހުކުމުގައިިވެ އެވެ.

ހުކުމުގައިވާ ގޮތުން އެތަން ހުސްކުރުން ފަސް ކުރިޔަސް އަދި ނުކުރިޔަސް ދެ ފަރާތަށް ވެސް ގެއްލުންތަކެއް ކުރިމަތިވާނެ އެވެ. އެހެން ނަމަވެސް އެ އަމުރު ނެރެ ނުދީފި ނަމަ، ފަހުން ދަށު ކޯޓުން މައްސަލަ ނިމޭ ގޮތަކުން އެއްބަސްވުން ދަމަހައްޓަން ޖެހުނަސް، އެ އެއްބަސްވުން ތަންފީޒު ކުރަން ހުރަސް އެޅިގެން ހިނގައިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޕެވީލިއަން ހުސްކުރަން ދިން ނޯޓިހަށް އަމަލު ކުރުން ފަސްކުރަން ނެރުނު އަމުރު ރަނގަޅު ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހާތިލް ހިލްމީ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.

ޕެވީލިއަން ހުސްކުރަން އެމްޑަބްލިއުއެސްސީ އިން ދިން ނޯޓިހަށް ފަހު އެތަން ބޭނުން ނުކޮށް، ހުރެ ގޮނޑަކަށް ވަނީ ބަދަލުވެފަ އެވެ.