Roadha Mihaaru
ރަސްފަންނު ޕެވިލިއަން އަށް 4 ބްރޭންޑެއް ގެންނަނީ

ބައިނަލްއަގުވާމީ 4 ފްރެންޗައިސްއާ އެކު ރަސްފަންނު ޕެވިލިއަން ހުޅުވަނީ

11 މާޗް 2018

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާ ޕެވިލިއަން އަށް، ބައިނަލްއަގުވާމީ ހަތަރު ފްރެންޗައިސްއާ އެކު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާ ޕެވިލިއަން އަށް، ބައިނަލްއަގުވާމީ ހަތަރު ފްރެންޗައިސްއާ އެކު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޕެވިލިއަން ހިންގަން އެމްޑަބްލިއުއެސްސީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވައިލި ބިޑް ކާމިޔާބުކުރީ ސިބްކޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެވެ. އެ ތަން ހިންގާނެ ފަރާތެއް ހޯދަން އެމްޑަބްލިއުއެސްސީން ބިޑަށް ހުޅުވާލުމުން އެތަން ހިންގަން ބިޑް ކާމިޔާބުކުރީ ބްރަދާސް ކޭޓަރިން އެވެ.

ނަމަވެސް އެ ކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން ދެ ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިބްކޯގެ އިތުރުން ހުޅުމާލޭގައި ހުންނަ މެންހަޓަން ފިޝް މާކެޓް ރެސްޓޯރަންޓާއި ރާނބާ ރެސްޓޯރަންޓް ހިންގާ ސިލްވާ ސްޕޫން ޕްރައިވެޓް ލިމިޓެޑުން ވެސް ބިޑް ހުށަހެޅި އެވެ.

އެ ބިޑް ކާމިޔާބުކުރި ސިބްކޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ގާތްގަނޑަކަށް 900 މީހުންގެ ޖާގައިގެ ޕެވިލިއަން ހުޅުވާއިރު އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީ"އާ އެކު އިތުރު ތިން ބްރޭންޑެއްގެ ފްރެންޗައިސް ރެސްޓޯރަންޓްތަކެއް ހުންނާނެ ކަމަށެވެ. ގްލޯރިއާ ޖީންސް ކޮފީ ފިޔަވައި ދެން ހުންނާނީ ކޮން ބްރޭންޑްތަކެއްގެ ރެސްޓޯރަންޓްތަކެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

"ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އިއުލާން ކުރާނަން އެ ތަނަށް ގެންނަނީ ކޮން ބްރޭންޑްތަކެއްކަން. މި ބްރޭންޑްތަކެއް މީގެ ކުރިން ރާއްޖެ ގެނެސްފައެއް ނުވާނެ. މިއީ ރާއްޖެ އަށް މުޅިން އާ އިންޓަނޭޝަނަލް ބްރޭންޑްތަކެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެވިލިއަންގައި ހުޅުވާނީ ހަމައެކަނި ފާސްޓްފުޑް ބްރޭންޑްތަކެއް ނޫން ކަމަށެވެ. އޭގެ އިތުރުން ފައިން ޑައިނިން ރެސްޓޯރަންޓް ބްރޭންޑްތައް ވެސް ހުންނާނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

ރަސްފަންނުގައި ހަދާ ޕެވިލިއަން: ހަތަރު ފްރެންޗައިސް ބްރޭންޑާއެކު މިމަހު ފަހުކޮޅު އެތަން ހުޅުވާނެ ކަމަށް ބުނޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

ރަސްފަންނުގައި ހަދާ ޕެވިލިއަން: ހަތަރު ފްރެންޗައިސް ބްރޭންޑާއެކު މިމަހު ފަހުކޮޅު އެތަން ހުޅުވާނެ ކަމަށް ބުނޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި މަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމައި އެތަން ހުޅުވަން. މިހާރު އެހެރީ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ނިމިފައި،" އޭނާ ވިދާޅުވި އެވެ.

މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހަދާ އެ ތަނުގެ އެންމެ ތިރީ ބުރީގައި ކުރިން ހަދަން ނިންމާފައި އޮތީ ފަސް ފާހާނަ ހިމެނޭ ގޮތަށް، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި އާއްމުންނަށް އިށީނދެ ތިބެވޭނެ ޖާގައެކެވެ. އަދި އެ ތަނުގައި ލުއި ކާނާ ފަދަ ތަކެތި ވިއްކާ ފިހާރައެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ. ނަމަވެސް މިހާރު އެ ތަނުގެ ތިން ބުރީގައި ވެސް ހުންނަނީ ރެސްޓޯރަންޓެވެ.