Roadha Mihaaru
ރަސްފަންނުގެ ޕެވިލިއަން ހިންގަން ދެ ފަރާތެއް!

ރަސްފަންނުގެ ޕެވިލިއަން ހިންގަން ދެ ފަރާތަކުން ބިޑް ހުށަހަޅައިފި

06 ސެޕްޓެމްބަރ 2017

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ތަރައްގީކުރާ ޕެވިލިއަން ހިންގަން ދެ ފަރާތަކުން ބިޑް ހުށަހަޅައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ތަރައްގީކުރާ ޕެވިލިއަން ހިންގަން ދެ ފަރާތަކުން ބިޑް ހުށަހަޅައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެތަން ހިންގަން ބިޑަށް ހުޅުވާލުމުން 19 ފަރާތަކުން ޕްރީބިޑް މީޓިންގައި ބައިވެރިވެފައިވެ އެވެ. އަދި އޭގެ ތެރެއިން ބިޑް ހުށަހެޅީ މަޝްހޫރު މެންހަޓަން ފިޝް މާކެޓާއި ރާނބާ ރެސްޓޯރަންޓް ހިންގާ ސިލްވާ ސްޕޫން ޕްރައިވެޓް ލިމިޓެޑާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސިބްކޯ ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ ދެ ކުންފުނިން ބިޑް ހުށަހެޅިއިރު ސިލްވާ ސްޕޫން އިން ބިޑް ސެކިއުރިޓީއެއް ހުށަހަޅާފައެއްނުވެ އެވެ. އެކަމަކު އެ ބިޑް ބާތިލުކުރި ކަމެއް އަންގާފައެއްނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީއާ ސުވާލުކުރުމުން ބުނީ އެއްވެސް އަދި ބިޑެއް ކެންސަލް ކޮށްފައި ނުވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ކުންފުނިން ނުދިނެވެ.

އެ ކުންފުނިތަކަށް ބިޑް ހުށަހަޅަން މި މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ދިނުމަށްފަހު ކުއްލިއަކަށް އިއްޔެގެ ނިޔަލަށް ބިޑް ހުށަހަޅަން ޖެހުމުން ބައެއް ފަރާތްތަކުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.

އެ ކުންފުނިތަކުން ބުނީ ބިޑް ހުށަހަޅަން ޖެހޭ މުއްދަތު ކުރުކޮށް އެކަން އެންގީ ވަކި ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.

"ފުރަތަމަ ޕްރީބިޑް މީޓިން ބޭއްވުމަށް އިއުލާންކުރުމަށް ފަހު އަލުން ޕްރީބިޑް މީޓިން ބޭއްވިއިރު ބައިވެރިނުވާ ކުންފުނިތައް ހުރި. އަދި އޭގެ ފަހުން ބިޑް ހުށަހަޅަން ދިން މުއްދަތު ބަދަލުކުރިއިރު އޮތީ އީދާ ގުޅިގެން ސަރުކާރު ބަންދުވެފައި. އެހެންވުމުން ބޭންކް ގެރެންޓީ އިއްޔެ ނުލިބިގެން ގިނަ ބަޔަކަށް ބިޑް ހުށަހެޅޭ ގޮތެއް ނުވި،" އެ ބިޑްގައި ބައިވެރިވި ކުންފުންޏަކުން ބުންޏެވެ.

އެ ކުންފުނިން ބުނީ ބިޑާ އެކު ބޭންކް ގެރެންޓީ ހުށަހެޅީ އެންމެ ކުންފުންޏަކުން ކަމަށާއި ދެވަނަ ކުންފުނިން ބިޑް ހުށަހެޅީ ބޭންކް ގެރެންޓީ ނުލައި ކަމަށެވެ.

"ޕްރީ ބިޑް މީޓިންގައި އެމްޑަބްލިއުއެސްސީން ބުނި ބޭންކް ގެރެންޓީއެއް ހުށަހަޅަން ޖެހޭ ކަމަށް. އެހެން ބުނި ނަމަވެސް އެމްޑަބްލިއުއެސްސީން ދިން މުއްދަތުގެ ތެރޭގައި ބޭންކް ގެރެންޓީ އާއި އެއް އަހަރު ދުވަހު ބޭންކް ސްޓޭޓްމަންޓެއް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން،" ބިޑްގައި ބައިވެރިވި ކުންފުންޏަކުން ބުންޏެވެ.

އެ ކުންފުނިން ބުނީ ބިޑް ހުށަހަޅަން ޖެހޭ މުއްދަތު އަވަސްކުރުމަށްފަހު އެކަން އެންގީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ދުވަހުގެ ރެ އެވެ. އެހެންވެ ގިނަ ބަޔަކަށް އިއްޔެ ބޭންކުތައް ހުޅުވުނުއިރު ބޭންކް ގެރެންޓީއެއް ލިބޭ ގޮތްނުވި ކަމަށް ވެސް ބިޑްގައި ބައިވެރިވި ކުންފުނިން ބުންޏެވެ.

ޕެވިލިއަން ތަރައްގީކުރާ އެމްޑަބްލިއުއެސްސީން ބްރަދާސް ކޭޓަރިންއާ އެކު މިދިޔަ އޮކްޓޯބަރު 31ގައި ސޮއިކުރީ ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓް ބްރޭންޑުތައް ހިމެނޭ ގޮތަށް، ޕެވިލިއަން ތަރައްގީކޮށް ހިންގާ ގޮތަށެވެ. ދިހަ އަހަރު ދުވަހުގެ އެއްބަސްވުން އުވާލި ސަބަބެއް އެމްޑަބްލިއުއެސްސީން އާއި ބްރަދާސް ކޭޓަރިން އިން ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް އެތަން އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރަނީ މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ.

ދެ ބުރި އަށް ހަދާ ރަސްފަންނުގެ ޕެވިލިއަން ރޭނުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ރެސްޓޯރަންޓް އަދި ކެފޭތައް ހުންނަނީ ފުރަތަމަ ބުރީގަ އެވެ. އެންމެ ތިރީ ބުރީގައި ހަދަނީ ފަސް ފާހާނަ ހިމެނޭ ގޮތަށް، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި އާއްމުންނަށް އިށީނދެ ތިބެވޭނެ ޖާގައެކެވެ. އަދި އެ ތަނުގައި ލުއި ކާނާ ފަދަ ތަކެތި ވިއްކާ ފިހާރައެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.