Roadha Mihaaru
އޭކް ވިލަން ރިޓާންސް: އަރުޖުން ބޭނުންވާކަހަލަ ފިލްމެއް

އޭކް ވިލަން ރިޓާންސް: އަރުޖުން އެންމެ ބޭނުންވާ ކަހަލަ ފިލްމެއް

17 މާޗް 2021

"އޭކް ވިލަން ރިޓާންސް" އަކީ ކުޅެން އެންމެ ބޭނުންވާ ކަހަލަ ފިލްމެއް ކަމަށް އެކްޓަރު އަރުން ކަޕޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"އޭކް ވިލަން ރިޓާންސް" އަކީ ކުޅެން އެންމެ ބޭނުންވާ ކަހަލަ ފިލްމެއް ކަމަށް އެކްޓަރު އަރުން ކަޕޫރް ބުނެފި އެވެ.

މޯހިތު ސޫރީ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން މި މަހުގެ 1 ގައި ފަށާފައިވާ އިރު އަރުޖުން ފިލްމުގެ ކްރޫއާ ގުޅޭނީ އަންނަ މަހުގެ ތެރޭގަ އެވެ. އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ "އޭކް ވިލަން ރިޓާންސް" ގެ މަސައްކަތަށް ދެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ. އެއް ސަބަބަކީ 2017 ގެ "ހާފް ގާލްފްރެންޑް" އަށް ފަހު މޯހިތާ އަކު އަލުން މަސައްކަތްކުރަން ލިބުމެވެ.

"އަދި އެންމެ މުހިއްމު ސަބަބަކީ އޭކް ވިލަން ރިޓާންސް އަކީ އަހަރެން ކުޅެން އެންމެ ގަޔާވާ ޒާތުގެ ޖޯންރާގެ ފިލްމަކަށްވުން. މިއީ ވަރަށް ވަރުގަދަ މިސްޓްރީ އެކްޝަން ތުރިލާއެއް. ފިލްމު ބަލަމުންދާ އިރު ބެލުންތެރިން ތިބޭނީ އަސްލު ވާނުވާގައި،" އަރުޖުން ޕިންކްވިލާ އަށް ބުންޏެވެ. "މީގެ ކެރެކްޓާތައް ފެންނާނީ އެ މީހުން ދެން ކޮށްފާނެ ކަމެއް ބެލުންތެރިން ލަފާކޮށްލަން ވެސް ނޭނގޭނެ ކަހަލަ ގޮތަކަށް. ކޮންމެ ކެރެކްޓާ އަކީ ވަރަށް ޝޭޑްސް ގިނަ އަދި ރަނގަޅު މީހަކީ ކޮބައިތޯ ގޯސް މީހަކީ ކޮބައިތޯ ނޭނގޭ ކަހަލަ ކެރެކްޓާއެއް."

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ބްލެކް ކޮމެޑީ "ސަންދީޕް އޯރް ޕިންކީ ފަރާރު" ގެ ޕްރޮމޯޝަނަލްގައި މި ވަގުތު އުޅޭ އަރުޖުން ބުނީ އޭނާ "އޭކް ވިލަން ރިޓާން" ކްރޫއާ އަންނަ މަހުގެ ކުރީކޮޅު ގުޅޭނެ ކަމަށެވެ.

"ވަރަށް އުފާވޭ އަލުން މޯހިތާ އެކު މަސައްކަތްކުރެވޭތީ. މި ފިލްމުން ފުރުސަތު ލިބުނު ފަހުން އަހަރެން އެންމެ ބޮޑަށް އުންމީދުކުރާ ދުވަހަކީ ބެލުންތެރިންނަށް ސިނަމާގައި ފިލްމު ބަލާލަން ލިބި އޯޑިއަންސް އެއަށް ރިއެކްޓްކުރާނެ ގޮތެއް ބަލަން ލިބޭނެ ވަގުތަކަށް،" އަރުޖުން ބުންޏެވެ. "ޔަގީނުން ވެސް ބެލުންތެރިން ވަރަށް އުންމީދު ނުކުރާ ކަހަލަ ތަފާތު އަދި ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ފިލްމަކަށް އޭކް ވިލަން ރިޓާންސް ވާނެ."

އެކްތާ ކަޕޫރާއި ބުޝަން ކުމާރު ޕްރޮޑިއުސްކުރާ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ 11 ގަ އެވެ.

"އޭކް ވިލަން ރިޓާންސް" ގެ ކާސްޓްގައި ހިމެނީ އަރުޖުން އާއި ޖޯން އަބްރަހަމާއި ޑިޝާ ޕަޓާނީގެ އިތުރުން ތާރާ ސުތާރިއާ އެވެ. ތާރާ މި ވަގުތު އަންނަނީ ކޮވިޑް-19 އަށް ޕޮޒިޓިވްގެން ފަރުވާ ހޯދަމުންނެވެ.

"އޭކް ވިލަން ރިޓާންސް" އަކީ މޯހިތު 2014 ގައި ޝްރަދާ ކަޕޫރާއި ސިދާތު މަލްއުތުރާގެ އިތުރުން ރިދޭޝް ދޭޝްމުކާ އެކު ގެނެސްދިން "އޭކް ވިލަން" ގެ ސީކްއެލް އެވެ. މޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ރޮމޭންޓިކް އެކްޝަން ތުރިލާ "މަލަންގް" އެވެ.

"ޕާނިޕަތު" އާއި "2 ސްޓޭޓްސް" އަދި "އިޝަގްޒާދޭ" ފަދަ ފިލްމުތައް ކުޅުނު އަރުޖުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަރުދާރު އެންޑް ގްރޭންޑްސަން" އާއި "ބޫތު ޕޮލިސް" ހިމެނެ އެވެ.