Roadha Mihaaru
ބަލިވުމުގެ ޒިންމާ ނަގަން، އިސްތިއުފާއާ މެދު ނުވިސްނަން

ބަލިވުމުގެ ޒިންމާ ނަގަން، އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް: ގައުމީ ކޯޗު

03 ޖޫން 2016

އޭޝިއަން ކަޕް ޕްލޭ އޮފްގައި މިރޭ އަމިއްލަ ދަނޑުގައި ޔަމަން އަތުން 2-0 އިން ބަލިވި މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި ބަލިވުމުގެ ޒިންމާ ނަގާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނިއު ޒީލެންޑުގެ ރިކީ ހާބަޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭޝިއަން ކަޕް ޕްލޭ އޮފްގައި މިރޭ އަމިއްލަ ދަނޑުގައި ޔަމަން އަތުން 2-0 އިން ބަލިވި މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި ބަލިވުމުގެ ޒިންމާ ނަގާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނިއު ޒީލެންޑުގެ ރިކީ ހާބަޓް ބުނެފި އެވެ.

މިރޭގެ މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ޔަމަނުންނެވެ. އެ ޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު އެ ބޯޅަތައް ގޯލަށް ނުވަނީ ރާއްޖޭގެ ކީޕަރު އިމްރާން މުހައްމަދު ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

"ބަލިވުމުގެ ޒިންމާ އަހަރެން ނަގަން. ފެނުނީ ވަރަށް ދަށް ކުޅުމެއް. އެކަމަކު ލިބުނު ވަގުތާ ހުރިހާ ކަމަކަށް ބަލާފައި ހަމައެކަނި ކުޅުންތެރިން ގޯސްކުރާކަށެއް ނެތިން. ކުޅުންތެރިން ވެސް މަސައްކަތްކުރި،" ހާބަޓް ބުންޏެވެ.

މިއަދު ނެރުނު ފީފާ ރޭންކިންގައި ޔަމަނު އޮތީ ރާއްޖެ އަށް ވުރެން ހަތަރު ދަރަޖަ ފަހަތުގަ އެވެ. ޔަމަނު 178 ވަނަައިގައި އޮތްއިރު ރާއްޖެ އޮތީ 174 ވަނައިގަ އެވެ.

އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް، އެކަން ނިންމާނީ އެފްއޭއެމުން

ހާބަޓް ގައުމީ ޓީމާ ހަވާލުވި ފަހުން ކުޅުނު ތިން މުބާރާތުން ވެސް ކެޓީ ސެމީ ފައިނަލާ ހަމައިންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި ގްރޫޕްގެ ހަތަރު ވަނަ ދިޔައިރު، މާލޭގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ހަމައެކަނި ބޫޓާން އަތުން އެކަންޏެވެ. ހޮން ކޮންގެ އިތުރުން މިރޭ ޔަމަން އަތުން ވަނީ ބަލިވެފަ އެވެ.

ހާބަޓް ބުނީ އިސްތިއުފާ ދިނުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރަން ތައްޔާރަށް ހުރި ކަމަށެވެ.

"އިސްތިއުފާ ދޭން ޖެހޭ ކަމަށް ނުދެކެން. އެކަހަލަ ވިސްނުމެއް ނެތް. އަހަރެން މަގާމުގައި ބަހައްޓަން ގޮތެއް ނިންމާނީ އެފްއޭއެމުން. ކުރިމަގާ ގުޅޭގޮތުން އަހަރެން މިހިރީ މަޝްވަރާކުރަން ތައްޔާރަށް،" ހާބަޓް ބުންޏެވެ.

މެޗަށް ފަހު ސަޕޯޓަރުން ހާބަޓްގެ އިސްތިއުފާ އަށް ގޮވާފައިވާއިރު އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ގިނަ ކޯޗުންނަށް އެކަން ކުރިމަތިވާ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ސަޕޯޓަރުން އިސްތިއުފާ އަށް ގޮވުމަކުން އެއީ އާ ކަމެއް ނޫން. އެއީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އެކަން ހިނގާ. މިސާލަކަށް އެންމެ ފަހުން ޔުނައިޓެޑްގެ ކޯޗުކަމުގައި ވެން ހާލް ހުރިއިރު ވެސް އެކަން ފެނިއްޖެ. އެއީ ފުޓްބޯޅައިގައި ހިނގާ ކަމެއް،" ހާބަޓް ބުންޏެވެ.

"ތައްޔާރުވާން ފުރުސަތެއް ނުލިބޭ، ގިނަ ކަންތައްތަކެއް ބަދަލުކުރަންޖެހޭ"

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބެއް ބޭނުންނަމަ ދުރާލާ ތައްޔާރުވާން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ރަނގަޅު ރޭވުންތަކަކާ އެކު ކަމަށް ހާބަޓް ބުންޏެވެ.

"ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ތައްޔާރުނުވެ ސީދާ މެޗަށް ނުކުމެގެން ކާމިޔާބު ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ތަމްރީން ހަދަން މެޗުތަކެއް ކުޅެގެން ކުރި ހޯދޭނީ. ކޮންމެ ކޯޗެއް ހުއްޓަސް މި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްގެން ރަނގަޅު ހައްލެއް ހޯދައިގެން ކުރިއަށް ދެވޭނީ،" ހާބަޓް ބުންޏެވެ.

ހާބަޓް ބުނީ އޭނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ކުރިން ބޭނުންވާ ވަރަށް ތައްޔާރުވާން ފުރުސަތު ނުލިބޭ ކަމަށެވެ.

"ރާޢްޖެ ޓީމުގައި ކުރިން ހުރި ކޯޗަށް (ޕޮޕޯފް) އަށް ގަތަރު މެޗަށް ތައްޔާރުވާން ލިބުނު އެއް މަސް ދުވަސް. ރަނގަޅު މެޗުތަކެއް ވެސް ކުޅެން ލިބުނު. އެކަމު އަހަންނަށް އެއްވެސް މުބާރާތެއްގެ ކުރިން ތައްޔާރުވާން އެއް މަސް ނުލިބޭ. ސާފް ޗެމްޕިއަންޝިޕް، ބަންގުބަންދު އަދި ސާފް ގޭމްސްގައި ވެސް ދިޔައީ އެހެން،" ހާބަޓް ބުންޏެވެ.

ރާއްޖެ މީގެ ކުރިން ވަނީ 2007 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗުން 2-0 އިން ޔަމަން ބަލިކޮށްފަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ޔަމަން އަތުން ރާއްޖެ ބަލިވިއިރު، މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގުގެ މެޗު އަންނަ އަންގާރަ ދުވަހު އޮންނާނީ ގަތަރުގެ ދޯހާގަ އެވެ.