Roadha Mihaaru
ވަޒީރުންގެ މައްސަލަ ގެންނަން ޖެހެނީ އަޅުގަނޑާ ހަމައަށް

ވަޒީރެއްގެ އިތުބާރު ނެތިއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑާ ހަމައަށް ގެނައުން: ރައީސް

10 މާޗް 2021

ކެބިނެޓު ވަޒީރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ވެސް އިތުބާރު ގެއްލިއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ އެކަން އެމަނިކުފާނާ ހަމައަށް ގެންނެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކެބިނެޓު ވަޒީރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ވެސް އިތުބާރު ގެއްލިއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ އެކަން އެމަނިކުފާނާ ހަމައަށް ގެންނެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމަނިކުފާނުގެ ވަޒީރުންގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އިތުބާރު ނެގުމުގެ ވޯޓުތައް ކުރިއަށް ގެންދަނީ ރުހުމާ އެކުގައިތޯ "މިހާރު"ން ދެންނެވުމުން ރައީސް ވިދާޅުވީ ވަޒީރަކާ ގުޅޭ ގޮތުން ކަމެއް ފާހަގަވެއްޖެ ނަމަ އެކަމެއް ބައްލަވާނެ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ މެމްބަރަކަށް މައްސަލައެއް ފާހަގަވެއްޖެ ނަމަ ވެސް ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި މަޝްވަރާކޮށް ގޮތެއް ނިންމުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމަށް ވަޑައިގަތް އިރު ވެސް ވިދާޅުވި ގޮތަށް ވަޒީރަކު ފޭލްވެއްޖެ ކަމަށް ފެނިވަޑައިގެންފި ނަމަ އަމިއްލަފުޅަށް މަގާމުން ވަކިކުރައްވާނެ އެވެ. އެއީ، ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށާއި އަމިއްލަ މަސްލަހަތަށް ވުރެން ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ ކަން ވަޒީރުން ވެސް ގަބޫލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

ސިޔާސީ ޕާޓީ ހިމެނޭ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގަތް ރައީސްގެ ކެބިނެޓު އެކުލަވާލީ އެ ޕާޓީތައް ތަމްސީލްވާ ގޮތަށެވެ. މީގެތެރެއިން އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ވަޒީރުންގެ މައްސަލަތައް ފެންމަތިކޮށް، އިތުބާރު ނެތް ކަމުގެ ވޯޓު ނަގަނީ ކޯލިޝަން ރޫޅާލަން ކަމުގެ ތުހުމަތުތައް ކުރެ އެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފަށް ފާޑުކިއުން އަމާޒުވެ މަގާމުން ދުރުކުރުމުގެ ވޯޓާ ހަމައަށް ގޮސްފައި ވަނިކޮށް އިސްތިއުފާ ދެއްވީ އެވެ. އެމްއާރުއެމް ސްލޮޓެއްގައި ހައުސިން މިނިސްޓަރު ކަމުގައި ކުރިން ހުންނެވި އައިމިނަތު އާތިފާ އަށް ވެސް ޒިންމާ އަދާނުކުރެއްވޭ ކަމުގެ ތުހުމަތު އެމްޑީޕީގެ ޕީޖީ މެމްބަރުން ކުރެއްވި އެވެ. އެކަމަކު އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލު ހުރި ގޮތުންނެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅުމުން އެމްޑީޕީން ދެކޮޅު ހެދީ އެވެ. އެކަމަކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ނުރުހުން ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލަށް އަމާޒުކޮށް މީގެ ހަފުތާއެއްހާ ދުވަސްކުރިން އޭނާ މަގާމުން ވަނީ ވަކިކޮށްފަ އެވެ.

މަޖިލީހަށް މިހާރު އޮތީ އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ. އެމްޑީޕީ އާއި ޕީޕީއެމްގެ ވެސް ފާޑުކިއުން އަމާޒުކޮށްފައިވާ ޒަހާގެ މައްސަލަ ހުށަހެޅީ އިދިކޮޅު ކޯލިޝަނުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ވަޒީރެއްގެ މައްސަލައެއް ފާހަގަވެއްޖެ ނަމަ ނިޒާމުގެ ތެރެއިން ހައްލުކުރަން މަޝްވަރާކުރެވެން ޖެހެ އެވެ. މިއީ، އަލަށް ދިމާވި ކަމެއް ނޫން ކަމަށާއި 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމުގައި އޮތް އިރު ވެސް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޕާލަމެންޓްރީ ގްރޫޕުން ކިތަންމެ ފަހަރަކު ނިންމި ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި އޭރު ރައީސަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދެވެ. ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

"ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވޯޓު ނަގައިގެން [ވަޒީރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން] ނިންމި. ނަމަވެސް އެ ކަންތައްތައް އޭރު ހައްލުކުރީ އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ މަޝްވަރާކޮށްގެން އިންޓާނަލް ކަމެއްގެ ގޮތުގައި. ދެން ވެސް އެކަންތައްތައް ކުރިއަށް ގެންދަން ޖެހޭނީ އެގޮތަށް،" ރައީސް ވިދާޅުވި އެވެ.

"އެއީ އެންމެ ރަނގަޅު ގޮތަކީ. އެކި ޕާޓީތަކުގެ ވަޒީރުން ތިއްބެވި ނަމަވެސް ސަރުކާރަކީ އެއް ސަރުކާރެއް. ސަރުކާރު ދަމަހައްޓަން ކޯލިޝަންގައި ހިމެނޭ ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރަންވާނެ. އެއީ ރައްޔިތުން ނިންމާފައި އޮތް ނިންމުމެއް."

"މަޖިލީހަށް ވަޑައިގަތީ މަލީހް ބޭނުންވެގެން"

ޖޭޕީގެ ވަޒީރެއްގެ ގޮތުގައި ހުންނެވި މަލީހް މަގާމުން ދުރުކުރި އިރު އެއްޗެއް ވިދާޅު ނުވެ ހުންނެވީ ރައީސް ވެސް އެ ގޮތް ބޭނުންފުޅުވުމުންތޯ ދެންނެވުމުން ވިދާޅުވީ މަލީހްއާ މެދު މައްސަލަތަކެއް ހުށަހެޅުމުން، ޗީފް އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކުރައްވައި ވާހަކަ ދެއްކެވި ކަމަށެވެ. މަލީހް ބޭނުން ގޮތެއް އެއްސެވި ކަމަށާއި އޭނާ ބޭނުންވީ މަޖިލީހުގައި ދިފާއުވެވަޑައިގަތުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ، ވަޒީރުކަމުން ވަކިކުރަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށް މަލީހް ގަބޫލުކުރައްވާތީ ކަމަށް ވިދާޅުވި ކަމަށެވެ. މަޖިލީހުގައި އެ ވޯޓު ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މަލީހްގެ ވެސް އެދިވަޑައިގަތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ވަންޏާ، ވަކި ކުރަން ޖެހިއްޖެ ހާލަތެއްގައި އަޅުގަނޑު މިހާތަނަށް ވެސް އޮންނާނީ ކޮށްފައި. ދެން ވެސް ދިމާވެއްޖިއްޔާ އެކަން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަލީހުގެ މައްސަލަ އެމަނިކުފާނާ ހަމައަށް އައީ މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުން ސޮއިކުރެއްވުމަށް ފަހު އެވެ.