Roadha Mihaaru
އެވަޓަން ބަލިކޮށް ޗެލްސީ މަގާމު ދަމަހައްޓައިފި

އެވަޓަން ބަލިކޮށް ޗެލްސީ މަގާމު ދަމަހައްޓައިފި

09 މާޗް 2021

ލަންޑަން (މާޗް 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 2-0 އިން މޮޅުވެ ޗެލްސީ ލީގުގެ ހަތަރު ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ލަންޑަން (މާޗް 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 2-0 އިން މޮޅުވެ ޗެލްސީ ލީގުގެ ހަތަރު ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ރޭގެ މޮޅާ އެކު ޗެލްސީ ހަތަރު ވަނައިގައި އޮތީ 28 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ވެސްޓް ހޭމް އަށް 27 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.

ޗެލްސީ ދަނޑުގައި ރޭ ކުޅުުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ލީޑުނެގީ މެޗުގެ 31 ވަނަ މިނިޓްގައި އެވަޓަންގެ ބެން ގޮޑްފްރޭ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޗެލްސީގެ މާކޯސް އަލޮންސޯ ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ ކައި ހަވާޓްޒް ފޮނުވާލުމުން ގޯލަށް ވަނީ ގޮޑްފްރޭ ފައިގައި ޖެހިފަ އެވެ. ލީޑުފުޅާކުރަން އަލޮންސޯ ޖެހި ބޯޅަ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 65 ވަނަ މިނިޓްގަައި ޗެލްސީގެ ދެ ވަނަ ގޯލު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ޖޯޖީނިއޯ އެވެ. މިއީ ހަވާޓްޒް އަށް އޭރިއާތެރެއިން ޕިކްފޯޑް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރޭގެ މެޗުގައި ހަވާޓްޒް ޖެހި ގޯލެއް ބަަލައިނުގަންނަން ނިންމީ ލަނޑު ޖެހުމުގެ ކުރިން އޭނާ އަތުން ބޯޅަ ކޮންޓްރޯލް ކުރުމުންނެވެ. އިތުރު ގޯލެއް ޖަހަން ޗެލްސީގެ ޓިމޯ ވާނާ އާއި މޭސަން މައުންޓް އަދި އެންގޯލޯ ކާންޓޭ ފޮނުވާލި ޝޮޓްތައް ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

މި ނަތީޖާއާ އެކު މިދިޔަ ނޮވެމްބަރު މަހަށް ފަހު ލީގުގައި އެވަޓަން ވަނީ ރަށުންބޭރުގައި ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ. ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 11 މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ރޭ ލީޑްސް ޔުނައިޓެޑް ކޮޅަށް ވެސްޓް ހޭމްގެ ގޯލުތައް ޖެހީ ފުރަތަމަ ހާފުގެ އަށް މިނިޓް ތެރޭގަ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ވެސްޓް ހޭމް އަށް ލީޑުނަގައިދިނީ ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ޖެސޭ ލިންގާޑް އެވެ. އޭގެ ހަތް މިނިޓް ފަހުން ކްރެއިގް ޑޯސަން ވަނީ ވެސްޓް ހޭމްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.