13 ޑިސެމްބަރ 2020
ލަންޑަން (ޑިސެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ރަށުން ބޭރުގައި އެވަޓަން އަތުން 1-0 އިން ބަލިވެ 17 މެޗަށް ފަހު ޗެލްސީ ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ލަންޑަން (ޑިސެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ރަށުން ބޭރުގައި އެވަޓަން އަތުން 1-0 އިން ބަލިވެ 17 މެޗަށް ފަހު ޗެލްސީ ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރޭގެ މެޗުން މޮޅުވެގެން ޗެލްސީ އަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ބަލިވުމުން އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ޓޮޓެންހަމާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެލްސީ އަށް 12 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. މި ހަފްތާގެ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީ އަދި ފަހަތަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި 2000 މީހުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ ގިލްފީ ސިގަޑްސަން އެވެ. މިއީ މެޗުގެ 22 ވަނަ މިނިޓްގައި ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އޭރިއާ ތެރެއިން އެވަޓަންގެ ޑޮމިނިކް ކަލްވެޓް-ލެވިން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެވަޓަން އިން ލީޑުނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޗެލްސީގެ ރީސް ޖޭމްސް ވަނީ ނަތީޖާ ހަމަހަމަކުރަން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ.
ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ކުޅޭ އެވަޓަން އިން ލީޑުފުޅާކުރަން ކުރި މަސައްކަތް ކާމިޔާބުނުވީ ކީޕަރު މެންޑީގެ ހުށިޔާރުކަމުންނެވެ. ޗެލްސީން ދެ ވަނަ ހާފުގައި ބަދަލުތަކެއް ކޮށްގެން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެ ޓީމަށް ލަނޑެއް ޖަހައިދޭން އެންމެ ގާތަށް ޖެހިލީ މޭސަން މައުންޓް އެވެ. ހިލޭ ޖެހުމަކުން މައުންޓް ފޮނުވާލި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފައި ގޮހެވެ.
ޗެލްސީގެ ކީޕަރު މެންޑީ އެވަޓަންގެ ކަލްވެޓް-ލެވިން އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިއީ މި ފަހަރު ލީގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ބަލިވި ފަހުން ޗެލްސީ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ދާދި ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ މި ފަހަރުގެ ލީގުގެ ރޭހުގައި އެންމެ ކުރީގައި އުޅޭނީ ޗެލްސީ ކަމަށް ބުނެ އެ ޓީމުގެ ސްކޮޑަށް ތައުރީފުކޮށްފަ އެވެ. ރޭގެ މެޗަށް ފަހު ލަމްޕާޑް ބުނީ ކްލޮޕްގެ އެ ވާހަކަތަކަށް ތާއީދުކުރެވެން ނެތް ކަމަށާއި އެކުލަވާލެވިފައި އޮތް ވަރުގަދަ ޓީމެއް އަދި ޗެލްސީގައި ނެތް ކަމަށެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއްނުވި އެވެ. މެޗުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސިޓީގެ ރިޔާދު މާރޭޒާއި ކެވިން ޑިބްރޭނާ އަށެވެ. މާރޭޒް ޖެހި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި ނުކުތް ވަގުތު ޑިބްރޭނާ އެ ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ދެ ވަނަ ހާފްގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް އެ އެޓޭކުގައި ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް އޮފްސައިޑްވުމުން ފަހުން އެ ނިންމުން ބަދަލުކުރީ އެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ޓީމާ ހަވާލުވިތާ ދެ އަހަރު މި މަހަށް ހަމަވާއިރު، އޭނާ ބުނީ މިއީ އޭނާ އައި ފަހުން ސިޓީއާ ދެކޮޅަށް ޔުނައިޓެޑުން އެންމެ މޮޅު ކުޅުމެއް ދެއްކި މެޗު ކަމަށެވެ.
ސިޓީ ބަލިކޮށް ޔުނައިޓެޑަށް ހާއްސަ އުފަލެއް
އެވަޓަން އަތުން 10 ޕޮއިންޓް އުނިކޮށްފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޔުނައިޓެޑާއި ޗެލްސީ އެއްވަރުވެ، ސިޓީ ޕޮއިންޓަކާ ގާތަށް
ޗެލްސީ ބަލިކޮށް އާސެނަލަށް ހަމަނޭވައެއް
ޔުނައިޓެޑާއި ޗެލްސީ އެއްވަރު، ލިވަޕޫލް ދެ ވަނަ އަށް
އެވަަޓަން ކުރީގައި، ލީޑްސް އިން ސިޓީ ހިފަހައްޓައިފި
ފަހު ވަގުތު ޔުނައިޓެޑަށް މޮޅެއް، ޗެލްސީއަށް ޕޮއިންޓެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ރެކޯޑް މޮޅާ އެކު ލިވަޕޫލް މަގާމު ދަމަހައްޓައިފި