Roadha Mihaaru
ޗެލްސީ ބަލިކޮށް އާސެނަލަށް ހަމަނޭވައެއް

ޗެލްސީ ބަލިކޮށް އާސެނަލަށް ހަމަނޭވައެއް

27 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ 3-1 އިން ބަލިކޮށް، ފޯމު ގެއްލި ބޮޑު ޕްރެޝަރެއްގައި އޮތް އާސެނަލުން ހަމަޖެހުމެއް ހޯދައިފި އެވެ.

ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ 3-1 އިން ބަލިކޮށް، ފޯމު ގެއްލި ބޮޑު ޕްރެޝަރެއްގައި އޮތް އާސެނަލުން ހަމަޖެހުމެއް ހޯދައިފި އެވެ.

ލެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 2-2 އިން އެއްވަރުވުމާ އެކު ރޭ އެ ދެ ޓީމުން އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓާ އެކު އެެވެ. ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ އެވަޓަން ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 15 މެޗުން 29 ޕޮއިންޓް ހަމަކޮށްގެންނެެވެ. ތިން ވަނައިގައި އޮތް ލެސްޓާ އަށް 15 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޔުނައިޓެޑުގެ އޮތީ 14 މެޗުން 27 ޕޮއިންޓެވެ. ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވި މެންޗެސްޓާ ސިޓީ ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ،

މިދިޔަ މަހު އެއް ވަނަ ދުވަހުން ފެށިގެން ލީގުގެ މެޗަކުން މޮޅެއް ނުލިބި އޮތް އާސެނަލުން ރޭގެ މެޗަށް ނުކުތީ ތަފާތު ރޫހެއްގަ އެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނެގި އެވެ. ފުރަތަމަ ލަނޑު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އަލެކްސަންޑަ ލަކަޒޭޓް އެވެ. ހިލޭ ޖެހުމަކުން ދެ ވަނަ ގޯލު ޖެހީ ސަސްޕެންޝަނަށް ފަހު އެނބުރި އައި ގްރޭނިޓް ޝާކާ އެވެ. ދެ ވަނަ ހާފު ފަށައިގެން 11 މިނިޓް ތެރޭ ބުކާޔޯ ސަކާ ވަނީ އާސެނަލަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ޗެލްސީން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ ޓެމީ އަބްރަހަމް އެވެ. ޗެލްސީ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު ބާން ލޭނޯ ވަނީ މަތަކޮށްފަ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ހަގީގަތުގައި މިއީ ހުރިހާ ކުޅުންތެރިން އެކުގައި ކުރި މަސައްކަތުގެ ނަތީޖާއެއް ކަމަށާއި މި މޮޅަކީ އާސެނަލް ސަޕޯޓަރުން ވެސް ކެތްތެރިކަމާ އެކު ޓީމާ އެކު ތިބޭތީ އެ މީހުންނަށް ވެސް ދެވޭ ހަދިޔާއެއް ކަމަށެވެ. އުއްމީދަކީ މި ނަތީޖާ އިން އިތުބާރު ހޯދައި އާސެނަލްގެ ސީޒަން ރަނގަޅު ޓްރެކަށް ގެނައުމަށް ކަމަށް އޭނާ ބުންޏެވެ.

މާކަސް ރެޝްފޯޑްގެ ގޯލުން މެންޗެސްޓާ ޔުނައިޓެޑް ލީޑުނަގާފައިވަނިކޮށް ލެސްޓާގެ ހާވީ ބާންސް ވަނީ ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެޑިންސަން ކަވާނީ ދިން ބޯޅައަކުން ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް އަލުން ލީޑުނަގައިދިނެވެ. ޔުނައިޓެޑް މޮޅުވާން ދަނިކޮށް ލެސްޓާ އަށް އެއްވަރުކޮށްދިނީ ޖޭމީ ވާޑީ އެވެ. މި ނަތީޖާއާ އެކު ޔުނައިޓެޑުން މި ފަހަރުގެ ލީގުގައި ރަށުން ބޭރުގައި ދަމަހައްޓަމުން އައި 100 ޕަސެންޓްގެ ރެކޯޑަށް ވަނީ ނިމުމެއް އައިސްފަ އެވެ.

ސިޓީ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އެވެ. ދެ ވަނަ ހާފުގައި ސިޓީގެ ދެ ވަނަ ގޯލު ޖެހީ ސްޕެއިނުގެ ފޯވާޑް ފެރާން ޓޮރޭޒް އެވެ. ރެލިގޭޝަނުގައި އޮތް ޝެފީލްޑް ކޮޅަށް އެވަޓަންގެ ހަމައެކަނި ގޯލު ޖެހީ ގިލްފީ ސިގަޑްސަން އެވެ.