Roadha Mihaaru
މިއީ ހަޖަމު ކުރަން އުނދަގޫ ނަތީޖާއެއް: ޓުޗެލް

މިއީ ހަޖަމު ކުރަން އުނދަގޫ ނަތީޖާއެއް: ޓުޗެލް

17 ޑިސެމްބަރ 2021

ލަންޑަން (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އިން އަމިއްލަ ދަނޑުގައި އެވާޓަންއާ ދެކޮޅަށް ކުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނަގާލައި، މެޗު އެއްވަރުމުން ނަތީޖާ ހަޖަމުކުރަން އުނދަގޫ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އިން އަމިއްލަ ދަނޑުގައި އެވާޓަންއާ ދެކޮޅަށް ކުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނަގާލައި، މެޗު އެއްވަރުމުން ނަތީޖާ ހަޖަމުކުރަން އުނދަގޫ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީން ރޭ އެވަޓަންއާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. ޗެލްސީން މެޗަށް ނުކުތީ ކޮވިޑް ޖެހިގެން، ފޯވަޑް ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ އަދި ކެލަމް ހަޑްސަން އޮޑޯއި ޓީމުގައި ނުހިމަނަ އެވެ. އަދި ކޮވިޑް ޓެސްޓުގެ ނަތީޖާ ނުލިބޭތީވެ ކައި ހަވާޓްޒް ވެސް ޓީމުގައި ހިމަނައިފައެއް ނުވެ އެވެ.

ޗެލްސީން 80 ޕަސެންޓް ބޯލް ޕޮސެޝަން ހިފަހައްޓައި މުޅި މެޗު ކޮންޓްރޯލްކޮށް، ޖުމްލަ 23 ހަމަލާ ފޮނުވާލި ނަމަވެސް އެ ޓީމަށް ވަނީ ގޯލު ޖެހުމުގައި ދަތިތަކާ ކުރިމަތިވެފަ އެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނުއިރު، ޗެލްސީން ލީޑު ނެގީ 70 ވަނަ މިނިޓުގައި ރީސް ޖޭމްސްގެ އެހީތެރިކަމާ އެކު މޭސަން މައުންޓެވެ.

"އަހަރެމެން އެންމެ ގޯލެއް ޖަހަން ކުރި މަސައްކަތާއި، އެ ޓީމުން (ނަތީޖާ އެއްވަރު ކޮށްލަން) އެންމެ ގޯލެއް ޖަހަން ކުރި މަސައްކަތް ވަރަށް ތަފާތު، އެހެންވެ ހަޖަމުކުރަން ވެސް އުނދަގޫވޭ،" މެޗަށް ފަހު ޓުޗެލް ބުންޏެވެ.

"އަހަރެމެންގެ ޑިފެންސަށް އެއްވެސް ވަރަކަށް ޕްރެޝަރެއް ނާދޭ، ސެޓްޕީސް އަކުން ގޯލު ވަނީ. ޑިފެންސް މިހާ އާދައިގެ ގޮތަކަށް ކުޅެންޏާ ހަމައެކަނި އެކަމަށް އަހަންނަށް ވެސް ނުވިސްނޭނެ، އެމީހުން ގޯލު ޖެހީ ކުޅުމުގެ ތެރޭން އެއްވެސް ފުރުސަތެއް ނުހޯދައި ސެޓްޕީސް އަކުން."

އެވަޓަން އަށް މެޗުގައި މާ ނުރައްކާ ފުރުސަތުތަކެއް ނުހޯދުނު ނަމަވެސް ޗެލްސީ އަށް ލީޑު ހިފަހައްޓައިލެވުނީ އެންމެ ހަތަރު މިނިޓަށެވެ. އެންތަނީ ގޯޑޮން ހިލޭ ޖެހުމަކުން ހުރަސްކޮށްލި ބޯޅައެއްގައި ގޯލު ޖަހައި އެވަޓަން އަށް އެއްވަރު ކޮށްދިނީ ފާ ޕޯސްޓުގައި މުޅިން ހުހަށް ހުރި 19 އަހަރުގެ ޑިފެންޑަރު ޖަރަޑް ބްރެންޓްވެއިޓް އެވެ. މިއީ މި ސީޒަނުގައި އޭނާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

އެވަޓަންގެ ކޯޗު ރަފައެލް ބެނިތޭޒް ވަނީ، ރޭގެ މެޗުގައި ޗެލްސީން ފޮނުވާލި ހަމަލާތައް ދިފާއު ކުމުމުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ކީޕަރު ޖޯޑަން ޕިކްފޯޑަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"ޖޯޑަން ޕިކްފޯޑް ވަރަށް މޮޅު ސޭވްތަކެއް ކުރި، އެކަހަލަ ރަނގަޅު ގޯލްކީޕަރެއް ހުރުން އަހަރެމެންނަށް ވަރަށް މުހިއްމު،" ބެނިތޭޒް ބުންޏެވެ.

އަނިޔާ އާއި އެނޫންވެސް ސަބަބުތަކާ ހުރެ މިފަހުން ނަތީޖާ ވަރަށް ބޮޑަށް ދަށްވެފައިވާ އެވަޓަން، އެންމެ ފަހުން ލީގުގައި ކުޅުނު 11 މެޗުގެ ތެރޭން ހަތް މެޗުން ބަލިވެފައިވާއިރު، މޮޅުވީ ހަމައެކަނި އާސެނަލް އަތުންނެވެ. މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް މެޗު އެއްވަރުކުރި އެވެ.

ޗެލްސީ މި މެޗުން އެއްވަރުވުމާ އެކު އެ ޓީމަށް ވަނީ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެ ޕޮއިންޓަށް ގާތް ކުރަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. އެއްވަނައިގައި 41 ޕޮއިންޓާ އެކު ސިޓީ އޮތްއިރު ޓޭބަލްގެ ތިންވަނައިގައި ޗެލްސީ އޮތީ 37 ޕޮއިންޓް ހޯދައިގެންނެވެ.