Roadha Mihaaru
ކާޑޭޝަން އާއިލާ "ލުއި" ވިޔަފާރިއަކަށް

ކާޑޭޝަން އާއިލާ "ލުއި" ވިޔަފާރިއަކަށް

09 މާޗް 2021

މުޅިން ވެސް ސެލެބްރިޓީން ހިމެނޭ އެމެރިކާގެ މަޝްހޫރު ކާޑޭޝަން އާއިލާ އިން ތަފާތު ވިޔަފާރިއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޅިން ވެސް ސެލެބްރިޓީން ހިމެނޭ އެމެރިކާގެ މަޝްހޫރު ކާޑޭޝަން އާއިލާ އިން ތަފާތު ވިޔަފާރިއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިމް ކާޑޭޝަނާއި ކްލޯއީ އާއި ކޯޓްނީގެ އިތުރުން އެ މީހުންގެ މަންމަ ކްރިސް ޖެނާ އަދި ކައިލީ ޖެނާ ވެސް ހިއްސާވެގެން ފަށަން އުޅެނީ ގިފްޓް ކާޑް ބްރޭންޑެކެވެ. އެއަށް ދީފައިވާ ނަމަކީ "ކާޑޭޝަން ކާޑްސް" ކަމަށް ޓީއެމްޒީން ބުންޏެވެ.

"ކާޑޭޝަން ކާޑްސް" ގެ ދަށުން ގިފްޓް ކާޑްގެ އިތުރުން ސްކްރެޕް ބުކާއި ހަދިޔާ ބަންދުކުރާ ކަރުދާހާއި ކަލަންޑަރާއި ސްޓީކާތަކާއި ފޮޓޯ އަލްބަމާއި ޕޯސްޓްކާޑާއި ނޯޓްފޮތް ވެސް ނެރޭނެ އެވެ.

މީޑިއާތަކުން ބުނީ ވިޔަފާރި ރަޖިސްޓްރީކުރަން ވެސް މިހާރު ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށާއި ހުރިހާ ކަމެއް ފައިނަލްވުމުން ކާޑޭޝަން އާއިލާ އިން އެކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ.

އެ އާއިލާގެ މެމްބަރުންނަކީ މިހާރު ވެސް އެ މީހުންގެ އެކި ކަހަލަ ވިޔަފާރިތައް ހިންގަމުން އަންނަ ބައެކެވެ. އެގޮތުން މިއުޒިޝަން ކަންޔޭ ވެސްޓްގެ ގާތުން ވަރިވާން ހުށަހަޅާފައިވާ ކިމް އަކީ ކޭކޭޑަބްލިއު ބިއުޓީ އާއި ސްކިމްސްގެ ނަމުގައި ވިޔަފާރި ހިންގާ މީހެކެވެ. އަދި ކޯޓްނީ އަކީ "ޕޫޝް" ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ގެންގުޅޭ މީހެކެވެ. ކްލޯއީ އަކީ "ގުޑް އެމެރިކަންސް" ގެ ނަމުގައި އަމިއްލަަ ކްލޯތިން ލައިނެއް ގެންގުޅޭ މީހެކެވެ.

ކައިލީގެ ވިޔަފާރީގެ ތެރޭގައި ކައިލީ ކޮސްމެޓިކާއި ކައިލި ސްކިން ހިމެނެ އެވެ.