Roadha Mihaaru
ރޯދައަށް މުދަލުގެ އަގުބޮޑުވެދާނެ: ވިޔަފާރިވެރިން

ރޯދައަށް މުދަލުގެ އަގުބޮޑުވެދާނެ: ވިޔަފާރިވެރިން

09 މާޗް 2021

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ބައެއް ކާބޯތަކެތީގެ ޑިމާންޑު ވަރަށް ބޮޑަށް އުފުލެ އެވެ. މި އަހަރު ވެސް ގިނަ ފިހާރަތަކުން އަންނަނީ ރޯދައަށް ތައްޔާރުވުމަށްޓަކައި ސްޓޮކް ހުސްވިޔަ ނުދިނުމަށް އިތުރު ޝިޕްމެންޓްތައް ގެންނަމުންނެވެ،

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ބައެއް ކާބޯތަކެތީގެ ޑިމާންޑު ވަރަށް ބޮޑަށް އުފުލެ އެވެ. މި އަހަރު ވެސް ގިނަ ފިހާރަތަކުން އަންނަނީ ރޯދައަށް ތައްޔާރުވުމަށްޓަކައި ސްޓޮކް ހުސްވިޔަ ނުދިނުމަށް އިތުރު ޝިޕްމެންޓްތައް ގެންނަމުންނެވެ،

އަންނަ މަހު ރޯދަ މަސް ފަށާއިރު އާއްމުކޮށް ރައްޔިތުން ބޭނުންވާ ތަކެތި ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިން ދެ އެވެ. މީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި އާންމުކޮށް ކައްކަން ބޭނުންވާ ކާބޯތަކެއްޗާއި ދަޅުގައި ބަންދު ކޮށްފައި ހުންނަ ކާބޯތަކެއްޗާއި ޖޫހާއި ކަދުރު ހިމެނެ އެވެ.

އެކަމަކު މިތަކެތި ރާއްޖެ އަށް ގެނައުމުގައި މިހާރުވެސް ވިޔަފާރިވެރިންނަށް ދަތިތައް އެބަހުއްޓެވެ. މި ދަތިތަކުގެ ސަބަބުން ކުރިއަށް އޮތް ރޯދަ މަހު މުދަލުގެ އަގު އުފުލޭނެ ކަމަށް ވިޔަފާރިވެރިން ވަނީ ލަފާކޮށްފަ އެވެ. އޭގެ ތެރޭގައި ޑޮލަރުގެ ތާށި ކަމާއި މުދާ ހޯދުމުގައި ދިމާވާ ދަތިތައް ވެސް ހިމެނެ އެވެ.

މުދާ ގެނައުމުގައި ލަސްތަކެއް

އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނާތަކެއް ބަހައްޓައިފައި-- ފޮޓޯ: އަހުމަދު އަވްޝަން / މިހާރު

އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނާތަކެއް ބަހައްޓައިފައި-- ފޮޓޯ: އަހުމަދު އަވްޝަން / މިހާރު

ރާއްޖެއަށް މުދާ އެތެރެކުރާ ގިނަ ވިޔަފާރިވެރިން ބުނާގޮތުގައި ކުރިއާ އަޅާ ބަޅާއިރު މިހާރު މުދާ ލިބޭލެއް ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. ބައެއް ފަހަރު ޝިޕިން ލައިނާތަކުގެ ސަބަބުން މުދާ ލަސްވާ އިރު އަނެއް ބައިފަހަރު ޕޯޓުތަކުގައި މުދާ ތާށި ވުމުގެ ސަބަބުން ލަސްވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވީ ކުރިން މަހެއްގެ ތެރޭގައި ގެނެވޭ މުދާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވަންދެން ނުގެނެވި ލަސްވާ ކަމަށެވެ. ނަމަވެސް މީގެ ސަބަބުން ރޯދަ މަހު މުދާ ލިބުމުގައި ދަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން 30 ދުވަހުން ގެނެވޭ މުދާ، ބައެއް ޕޯޓުތަކުން ގެނެވޭއިރު މިހާރު 40-75 ދުވަސް އެބަ ނަގާ. މީގެ ސަބަބުން މި ދޭތެރެއިން ބާޒާރުގައި ކެރެޓާއި ލުނބޯ ފަދަ ތަކެތި ހުސްވެގެން ވެސް ދިޔަ. އެކަމަކު މި ރޯދަމަހު މިކަހަލަ ކަމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ކާބޯތަކެތި އެތެރެކުރާ ސަނީ އެންޓަޕްރައިސަސްގެ ވެރިޔާ އަބްދުﷲ ސައީދު ވިދާޅުވީ ބައެއް ތަކެތި ގެނައުމުގައި ލަސްތަކެއް ހުރުމުގެ ސަބަބުން ބާޒާރުގައި ޝޯޓޭޖެއް އުޅޭ ކަމަށެވެ. މީގެ ސަބަބުން ޑިމާންޑާ އެއްވަރަށް ތަކެތި ސަޕްލައި ނުކުރެވި، ތަކެތީގެ އަގު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވިގޮތުގައި މިވަގުތު ބާޒާރުގައި ބައެއް ތަކެތި ވިއްކާ އަގަކީ އެކަށީގެންވާ އަގަށް ވުރެ ބޮޑު އަގެކެވެ. ނަމަވެސް މިފަދަ ދަތިތަކުގެ ސަބަބުން އަގު ބޮޑުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ޑިސެމްބަރު މަހު ގެންނަން އުޅުނު މުދާ ވެސް އަދި ނުލިބޭ. ބައެއް ފަހަރު ކޮންޓެއިނާއެއް ނުލިބިގެން. އެ ނޫނީ ބޯޓުން ޖާގަ ނުލިބިގެން. މި ލަސްތަކާހުރެ ބައެއް ތަކެތި ބާޒާރުގައި މަދުވާނެ. މީގެ ސަބަބުން ވެސް އޭގެ އަގު ބޮޑުވޭ،" ސައީދު ވިދާޅުވި އެވެ.

ވިޔަފާރިވެރިންނަށް ޑޮލަރުގެ ދަތިކަން ވެސް އިންތިހާއަށް

ބީއެމްއެލްގެ މުވައްޒަފަކު ޑޮލަރު ގުނަނީ: ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހެނީ ބޭންކުން ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަމަށް ވިޔަފާރިވެރިން ބުނޭ.---މިހާރު ފޮޓޯ

ބީއެމްއެލްގެ މުވައްޒަފަކު ޑޮލަރު ގުނަނީ: ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހެނީ ބޭންކުން ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަމަށް ވިޔަފާރިވެރިން ބުނޭ.---މިހާރު ފޮޓޯ

މި ރޯދަ މަހު މުދާ ލިބުނަސް ތަކެތީގެ އަގު އުފުލޭނެ ކަމަށް "މިހާރު" އަށް މައުލޫމާތު ދިން ވިޔަފާރިވެރިން ލަފާކުރާ އަނެެއް ސަބަބަކީ ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެ ކުރާ ވިޔަފާރިވެރިއަކު ވިދާޅުވީ މުދާ ގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަށް ރިކުއެސްޓް ކުރުމުން ގިނަ ފަހަރު ދެނީ ކުޑަ އަދަދެއް ކަމަށެވެ. މީގެ ސަބަބުން ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ލަފާ ކުރެވެނީ މި ސަބަބާ ހުރެއެވެ. ނަމަވެސް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމުން ކުރިއަށް އޮތްތާނގައި ތަކެތީގެ އަގު ދަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހަފުތާ ތެރޭގައި ވެސް އަޅުގަނޑުމެން ބީއެމްއެލްގައި އެދުނީ 80،000 ޑޮލަރު ހޯދަން. އެކަމަކު ލިބުނީ އެންމެ 2000 ޑޮލަރު. މިހެން ހެދީމަ 90 ޕަސެންޓަށްވުރެ ބޮޑު އަދަދެއް އެބަ ގަންނަން ޖެހޭ އަގުބޮޑުކޮށް ކަޅު ބާޒާރުން. މިއީ ތަކެތީގެ އަގުބޮޑުވާ ސަބަބަކީ،" އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި އެއްވެސް ވިޔަފާރިވެރިއަކު ބޭނުމެއް ނުވޭ ތަކެތި އަގުބޮޑު ކުރާކަށް. އެކަމަކު ވިޔަފާރިއެއް ހިންގާނަމަ މިފަދަ ހާލަތްތަކުގެ ސަބަބުން އަގު ބޮޑު ކުރަން މަޖުބޫރުވޭ،"

ޑޮލަރުގެ އަގު އުފުލުމާ ގުޅިގެން މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން ގިނަ އަދަދެއްގެ މުދަލުގެ އަގު ވަނީ އުފުލިފަ އެވެ.

ހައްލު ހޯދޭނީ އެމްއެމްއޭ އާއި އެމްއެސްއެސް އަށް

މޯލްޑީވްސް މަނިޓަރީ އޮތޯރިޓީ އިމާރާތް: ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް އެމްއެމްއޭއިން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިޔަފާރިވެރިން ބުނޭ-- ފޮޓޯ: މިހާރު

މޯލްޑީވްސް މަނިޓަރީ އޮތޯރިޓީ އިމާރާތް: ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް އެމްއެމްއޭއިން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިޔަފާރިވެރިން ބުނޭ-- ފޮޓޯ: މިހާރު

ބާޒާރުގައި ތަކެތީގެ އަގު އުފުލުމަށް ދިމާވާ ކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ގިނަ ވިޔަފާރިވެރިން ބުނަނީ އެކަން ކުރެވޭނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަށް ކަމަށެވެ.

ސަނީ އެންޓަޕްރައިސަސްގެ ސައީދު ވިދާޅުވީ ޑޮލަރުގެ އަގު އުފުލެމުން އަންނަނީ އެމްއެމްއޭއިން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށެވެ. އެގޮތުން، ބޭންކުތަކުން ވިޔަފާރިވެރިންނަށް މަދުން ޑޮލަރު ދިނުމުގެ ސަބަބުން ކަޅު ބާޒާރު ބާރުގަދަވެ، ތަކެތީގެ އަގު އުފުލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮލަރުގެ އަގު ރަނގަޅު ކުރެވޭނީ އެމްއެމްއޭއަށް. ބޭންކުތަކުން 50-60 ޕަސެންޓާ ހަމައަށް ޑޮލަރު ލިބޭނަމަ ކަޅު ބާޒާރުން ޑޮލަރު ހޯދާކަށް ނުޖެހޭނެ. އޭރަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވިޔަސް ތަކެތީގެ އަގު ބޮޑެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މުދާ ގެނައުމުގައި ހުރި ދަތިތައް ހައްލު ކުރުމާ ގުޅޭގޮތުން ސައީދު ވިދާޅުވީ ރާއްޖޭގެ އަމިއްލަ ޝިޕިން ކުންފުންޏެއް އޮންނައިރު ލަސްވާ މުދާ އަވަސް ކޮށްދިނުމަށް އެ ކުންފުންޏަށް ވެސް އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަމަށެވެ.

ނަމަވެސް މި ދެ ތަނުން މިހާތަނަށް މި މައްސަލަތައް ހައްލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.