28 އޮކްޓޯބަރ 2021
އެއް ވިޔަފާރިވެރިޔަކު ސިފަ ކުރި ގޮތުގައި މިހާރު މިއޮތީ ރިހޭ ފައިމައްޗަށް ފޮއިވެއްޓިފަ އެވެ. ހަމަ އަގުގައި ޑޮލަރު ނުލިބި، ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ހެސް ކިޔާފައި މައްޗަށް ގޮސްފައި އޮއްވައި، ވިޔަފާރިވެރިންނަށް ވަނީ އެހެން ކަމެއް ކުރިމަތިވެފަ އެވެ. އެއީ ކޮންޓެއިނަރު އުފުލާ އަގުތައް އަތް ނުފޯރާ ހިސާބަށް މައްޗަށް ދިއުމެވެ.
އެއް ވިޔަފާރިވެރިޔަކު ސިފަ ކުރި ގޮތުގައި މިހާރު މިއޮތީ ރިހޭ ފައިމައްޗަށް ފޮއިވެއްޓިފަ އެވެ. ހަމަ އަގުގައި ޑޮލަރު ނުލިބި، ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ހެސް ކިޔާފައި މައްޗަށް ގޮސްފައި އޮއްވައި، ވިޔަފާރިވެރިންނަށް ވަނީ އެހެން ކަމެއް ކުރިމަތިވެފަ އެވެ. އެއީ ކޮންޓެއިނަރު އުފުލާ އަގުތައް އަތް ނުފޯރާ ހިސާބަށް މައްޗަށް ދިއުމެވެ.
"ކަންކަން ގޯސްވެފައި އޮތް ހިސާބަކީ މިއަދު އަޅުގަނޑުމެން ވާހަކަ ދައްކައިފީމޭ ބައެއް މުދާ ގެންނާނީތޯ ނުވަތަ ނުގެންނާނީތޯ ވެސް. މިއީ ދުވަހަކު ވެސް އަޅުގަނޑުމެން އުފެއްދި ސުވާލެއް ނޫން،" ހޯލްސޭލް އާއި ރީޓެއިލްކުރާ ބިޔަ ކުންފުންޏެއްގެ އިސް ވެރިޔަކު ވިދާޅުވި އެވެ.
މައުލޫއުގެ ގޮތުންނާއި ވިޔަފާރީގެ ސިއްރުތައް ހިމެނޭތީ، މި ރިޕޯޓަށް ވާހަކަ ދެއްކެވި އެއްވެސް ވިޔަފާރިއަކު ނަން ހާމަކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު، މުދަލުގެ އަގަށް، ޑޮލަރާ ގުޅިގެން އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކެވި އެވެ.
"އަންނަ ރޯދަމަހަށް ބޭނުންވާ ތަކެތީގެ ތެރެއިން އިއްޔެ މިދިނީ ޗައިނާގެ އެއް ކުންފުންޏަށް 10 ކޮންޓެއިނަރުގެ ސޯފާ. ސޯފާގެ އަގަކީ 90،000 ޑޮލަރު. މާލެއާ ހަމައަށް ގެންނަން 80،000 ޑޮލަރު،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
"ކުކުޅު މިހާރު ރާއްޖޭގައި މި ހުރީ ކުރިން 28ރ. އަށް ވިއްކި ކުކުޅު ކިލޯއެއް 48-50ރ. އަށް. އެއްގޮތަކަށް ވެސް ކުކުޅު ބޮޑުވެގެނެއް ނޫނޭ އަގު ބޮޑުވެގެން މި އުޅެނީ. ކުކުޅު މާލެއާ ހަމައަށް ގެންނަން ހިނގާ ހަރަދު ބޮޑުވެގެން މި އުޅެނީ. މެލޭޝިޔާ އިން އައިސްކްރީމް ކޮންޓެއިނަރެއް ގެންނަން ބެލިއިރު މީގެ ކުރިން 3،000 ޑޮލަރަށް ގެންނަ ކޮންޓެއިނަރު މިހާރު 8،000 ޑޮލަރަށް. ތުރުކީން ކުރިން 4،000 ޑޮލަރަށް ގެންނަ ކޮންޓެއިނަރެއްގެ އަގު މިހާރު ހުރީ 15،000 ޑޮލަރަށް."
ފްރައިޓަށް ވެސް އަގު ދައްކަން ޖެހެނީ ޑޮލަރުންނެވެ. އޭގެ ނަތީޖާ އަކީ، ކުރިން 10ރ. އަށް ވިއްކަމުން އައި އެއްޗަކަށް ގާތްގަނޑަކަށް 5ރ. އިތުރުވުމެވެ. ބައެއް ވިޔަފާރިވެރިން ވިދާޅުވި ގޮތުގައި ޑޮލަރާއި އެހެނިހެން ކަންތައްތަކާ ހެދި ކުރިއަށް އޮތް ދުވަސްތަކުގައި މުދަލުގެ އަގު އިންތިހާ އަށް މައްޗަށް އަރައިގެން ދާތަން ފެނުމަކީ ވަރަށް ގާތް ކަމެއް ކަމެކެވެ.
"މިސާލަކަށް އެއްޗެއްގެ އަގަކީ އެ ގަންނަން 100ރ. ކަމަށް ވަންޏާ އޭތި ރާއްޖެ ގެންނަން އެބަޖެހޭ 300ރ. ހަރަދުކުރަން. މިގޮތަށް މިހާރު ހުރިހާ މުދަލެއް ވެސް މި ހުރީ ގެންނަން ޖެހިފައި،" ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.
މުދާ
ރާއްޖެ އަކީ މުޅި ގައުމު އިމްޕޯޓަށް ބަރޯސާ ވެފައި އޮތް ގައުމަކަށް ވާތީ، ޑޮލަރަށް ބަރޯސާ ނުވެ ވިޔަފާރިތައް ހިންގޭކަށް ނެތެވެ. ވިޔަފާރިވެރިން ބުނާ ގޮތުން ބްލެކް މާކެޓުން ބޭނުންވަރަކަށް ޑޮލަރު ލިބެ އެވެ. އަދި އެމްއެމްއޭގައި ލިސްޓް ކޮށްފައިވާ ވަރަށް ބޮޑެތި ނުވަތަ "އޭ ކެޓަގަރީގެ" ކުންފުނިތަކަށް ބޭންކުތަކުން ވެސް ކޮންމެ ވެސް ވަރަކަށް ޑޮލަރު ސަޕްލައިކޮށްދެ އެވެ.
"އަޅުގަނޑުމެންނަކީ މަހަކަށް ދެ މިލިއަން ޑޮލަރު ބޭނުންވާ ބައެއް. ގާތްގަނޑަކަށް 30 ޕަސެންޓް ވަރު ބޭންކްތަކުން މި ފޯރުކޮށްދެނީ. ބާކީ ޖެހެނީ ބްލެކް މާކެޓުން ނަގަން،" ރާއްޖެ އަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
ރާއްޖެ އަށް މުދާ އެތެރެކުރާ ބޮޑެތި ބައެއް ކުންފުނިތަކުން ބުނާ ގޮތުގައި، ބްލެކް މާކެޓުން ބޮޑު އަގުގައި ޑޮލަރު ގަނެގެން ބާކީ ބޭންކްތަކުން ހޯދާ އިރު އެވްރެޖްކޮށް ޑޮލަރެއްގެ އަގު ޖެހިފައި ހުންނަނީ 16.90ރ. އަށެވެ.
ބާޒާރުމަތީގައި ބަޔަކު ޕިކަޕަކަށް މުދާ އަރުވަނީ: ކުރިއަށް އޮތް ދުވަސްތަކުގައި މުދަލުގެ އަގު އިތުރަށް އުފުލުމުގެ ފުރުސަތު ވަރަށް ބޮޑު -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
"އެއްވެސް ވިޔަފާރިވެރިޔަކު ހިޔެއް ނުވޭ ޝަކުވާކުރާނެހެނެއް ޑޮލަރު ނުލިބިގެނެއް. ޑޮލަރު ލިބޭ. ބައެއް ފަހަރު ބޭންކްތަކުން ވެސް އެ މީހުން ލާ ކޮމިޝަނެއް ލައިގެން ވެސް ޑޮލަރު ހަމަކޮށްދޭ. އެކަމަކު މައްސަލައަކީ ޑޮލަރުގެ އަގުތައް ބޮޑުވުން. އޭގެ ގެއްލުންް މި ވަނީ ރައްޔިތުންނަށް. އަޅުގަނޑުމެންނަށް ދިމާވާ މައްސަލައަކީ އެކި ފަހަރު އެކި އަގުތައް ޖަހަން ޖެހުން،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ކޮވިޑަށް ފަހު އައި ހީނަރުކަމުގައި ވަރަށް ގިނަ މުދަލުގެ އަގު ހުރީ މައްޗަށް ގޮސްފަ އެވެ. ރަސްމީ ހިސާބުތަކުން އިންފްލޭޝަން ބޮޑުތަނުން މައްޗަށް ގޮސްފައި ނުވިޔަސް، ވިޔަފާރިވެރިން ބުނާ ގޮތުން ކުރިން ސުޕަމާކެޓަކުން 1000ރ. އިން ކުރެވޭ ބާޒާރު މިހާރު 1،400-1،500ރ. އަށް ނޫނީ ނުކުރެވޭނެ އެވެ.
"ދުނިޔެ މިއޮތީ ފާޑަކަށް ހުއްޓިފައި. ރާއްޖޭގައި މުދަލުގެ ހަގީގީ އަގު ނުވެސް ފެނޭ. އޭގެ ސަބަބަކީ ވަރަށް ވާދަވެރި މާކެޓެއް އޮންނާތީ އަގު ބޮޑު ކުރަން ނުކެރޭތީ،"
"ދުނިޔެ މިއޮތީ ފާޑަކަށް ހުއްޓިފައި. ރާއްޖޭގައި މުދަލުގެ ހަގީގީ އަގު ނުވެސް ފެނޭ. އޭގެ ސަބަބަކީ ވަރަށް ވާދަވެރި މާކެޓެއް އޮންނާތީ އަގު ބޮޑު ކުރަން ނުކެރޭތީ،" އެއް ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.
"ކޮންޓެއިނަރުތައް މި ހުރީ ދުނިޔޭގެ އެކި ހިސާބުގައި ތާށިވެފައި. މުދާ އުފުލަން މި ޖެހެނީ ވާދަވެރިކަމުގައި ބޮޑު އަގު ހުށަހަޅައިގެން ބީލަން އުސޫލުން. ދެން ވިސްނާ މުދަލުގެ އަގު ބޮޑުވާނެވަރު."
ކޮވިޑާ ގުޅިގެން އައި ޑޮލަރުގެ ތާށި ކަމަށް އެމްއެމްއޭ އިން ވަނީ ބައެއް ފަސޭހަތައް ހަމަޖައްސައިދީފަ އެވެ. އާންމު ކާބޯތަކެތި އެތެރެކުރަން ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގައި ބޭންކުތަކުން ވެސް މުހިންމު ރޯލެއް ކުޅުނެވެ. އެކަމަކު އާދައިގެ ނުވަތަ މެދުފަންތީގެ ވިޔަފާރިވެރިންނާއި ގޭގޭގައިި ތިބެން އޮންލައިންކޮށް ވިޔަފާރިކުރަމުން އައި އެތައް ބަޔަކަށް ޑޮލަރުގެ ތާށިކަން ވެގެން ދިޔައީ އެ މީހުންގެ ވިޔަފާރި އަށް އައި ސުނާމީ އަކަަށެވެ.
ރާއްޖެއިން ބޭރުން އޮންލައިންކޮށް މުދާ ގެނެސްގެން އެތައް ބަޔަކު ދިރިއުޅުން ހަމަޖައްސަމުން އައިއިރު، ކާޑުތައް ލިމިޓް ކުރުމާއި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ކުދިކުދި މުދާ ގެނައުމުގައި އެތައް ބަޔަކަށް މައްސަލަތައް ކުރިމަތިވެ، ޝަކުވާ ކުރި އެވެ. ބައެއް މީހުންގެ އާމްދަނީ މުޅިން ހުއްޓުމަކަށް އައިސް، ބައެއް ވިޔަފާރިތަކުން އަތް ދޫކޮށްލި އެވެ.
ބޭންކްތަކުން އެގޮތަށް އެކަން ކުރި މައިގަނޑު އެއް ސަބަބަކީ ވެސް، އެމްއެމްއޭ އިން ހަމަޖައްސައިފައިވާ އެކްސްޗޭންޖް ރޭޓަށް ޑޮލަރެއްގެ އަގު ނުފެތޭތީ އެވެ. ޓޫރިޒަމް އިންތިހާ އަށް ދަށްވެ، ޑޮލަރު ލިބުން އިންތިހާ އަށް ތާށިވުމާ އެކު ކުޑަ އަގެއްގައި ޑޮލަރުގެ ޓްރާންސެކްޝަންތައް ހިންގުމަކީ އިގްތިސާދީ ގޮތުން ބަލާއިރު ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
"އޭގެ ގެއްލުން ހަގީގަތުގައި މިކުރީ އާންމުންނަށް. އެ މީހުން ބްލެކް މާކެޓުން ޑޮލަރު ގަނެގެން ވެސް އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ބަންދުވީ،" އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
"އެންމެ ޓޫރިސްޓަކު ވެސް ނައިސް ތިން ހަތަރު މަސްވީމަ ޑޮލަރުގެ މާކެޓް މުޅިން ބޮއްސުން ލައި، މުދަލާއި ހިދުމަތުގެ އަގުތަކަށް މިއޮތީ ވަރަށް ބޮޑު އެނގުމެއް ވެފައި. މިއީ އަޅުގަނޑުމެން އިބުރަތް ލިބެން ޖެހޭނެ ކަމެއް."
ރާއްޖޭގެ އިގްތިސާދާއި ވިޔަފާރީގެ ތެރޭގައި މިހާރު ފެންނަމުން މިދަނީ އާ ސަފުހާއެކެވެ. މިއީ އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން، ރާއްޖެ ކަހަލަ އެއް ސިނާއަތަކަށް ބަރޯސާ ވެފައިވާ ގައުމަކަށް ނަގައިދިން ވަރަށް ބޮޑު ފިލާވަޅެކެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި، އިމްޕޯޓަށް ބަރޯސާވުމާއި އެއް ސިނާއަތަކަށް މުޅި ގައުމު ދީލާލުމުގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާ "ނަމޫނާ ގައުމަކަށް" މި ގައުމު އެބަ ވެ އެވެ. އެކަން ހިދުމަތާއި މުދަލުގެ އަގުތަކުން މަޑުމަޑުން އެބަ ފެންނަމުން ދެ އެވެ.
ކޮންޓްރޯލެއް ނެތް، ޑޮލަރުގެ އަގު މައްޗަށް!
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
ފައިސާ މާރުކުރާ ތަންތަނުގައި ބިދޭސީންނަށް ނުތިބެވޭނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ޑޮލަރަށް ޖެހުން ހައްލު ކުރާނީ ކިހިނެއް؟
އިންފްލޭޝަން 7.5 ޕަސެންޓަށް އަރާނެ: ވޯލްޑް ބޭންކް
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ވެސް ވެއްޓިއްޖެ
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ