Roadha Mihaaru
އާސެނަލް އެއްވަރު، ލެސްޓާ ދެ ވަނަ އަށް

އާސެނަލް އެއްވަރު، ލެސްޓާ ދެ ވަނަ އަށް

07 މާޗް 2021

ލަންޑަން (މާޗް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން ބާންލީއާ 1-1 އިން އެއްވަރުވިއިރު، ފަހު ވަގުތު ބްރައިޓަން އަތުން 2-1 އިން މޮޅުވެ ލެސްޓާ ސިޓީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ލަންޑަން (މާޗް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން ބާންލީއާ 1-1 އިން އެއްވަރުވިއިރު، ފަހު ވަގުތު ބްރައިޓަން އަތުން 2-1 އިން މޮޅުވެ ލެސްޓާ ސިޓީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ލެސްޓާ ދެ ވަނަ އަށް އެރީ 28 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 27 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ލީގުގައި މިރޭ ޔުނައިޓެޑް ރަށުންބޭރުގައި ކުޅޭނީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ސިޓީ އެއް ވަނައިގައި އޮތީ 27 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ.

ބްރައިޓަން ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ އެޑަމް ލަލާނާ އެވެ. އަނިޔާގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ލެސްޓާ ފަހަތުން އަރައި މޮޅުވިއިރު، އެ ޓީމުން ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ލެސްޓާ އަށް އެއްވަރުކޮށްދިން ގޯލު މެޗުގެ 62 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކެލެޗީ އިހެނާޗޯ އެވެ. އަދި އެ ޓީމު މޮޅުކޮށްދިން ގޯލު މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ޑެނިއަލް އަމާޓޭ އެވެ.

ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ބްރައިޓަން ކަމަށާއި އެކަމަކު ލެސްޓާ އިން ދެ ވަނަ ހާފުގައި ދެއްކި ކުޅުމަށް ބަލާއިރު އެ ޓީމަށް މި މެޗުގެ ތިން ޕޮއިންޓް ހައްގުވާ ކަމަށެވެ.

އާސެނަލްގެ ޕެޕޭ (ވ) ކޮންޓްރޯލްކުރާ ބޯޅަ ބާންލީގެ ޕީޓާސް އަތުގައި ޖެހެނީ.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ޕެޕޭ (ވ) ކޮންޓްރޯލްކުރާ ބޯޅަ ބާންލީގެ ޕީޓާސް އަތުގައި ޖެހެނީ.-- ފޮޓޯ: އޭއެފްޕީ

ބާންލީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި އާސެނަލަށް ލީޑުނަގައިދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މެޗުގެ 39 ވަނަ މިނިޓްގައި ބާންލީން އެއްވަރުކުރި ގޯލު ޖެހީ ކްރިސް ވުޑް އެވެ. އާސެނަލްގެ ގްރޭނިޓް ޝާކާ ޖެހި ބޯޅައެއް ވުޑް ގައިގައި ޖެހިފައިވަނީ ގޯލަށެވެ.

އިތުރު ގޯލެއް ޖަހައި މެޗުން މޮޅުވާން އާސެނަލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އޭރިއާތެރެއިން ބާންލީގެ އެރިކް ޕިޓާސް އަތުގައި ބޯޅައިން ޖެހުމުން އާސެނަލުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ. މި ނިންމުމާ މެދު މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އާސެނަލް ލީގުގެ 10 ވަނައިގައި އޮތީ 27 މެޗުން 38 ޕޮއިންޓާ އެކު އެވެ.