Roadha Mihaaru
12 އަހަރަށް ފަހު ވެލެންސިއާ އެފްއޭ ކަޕް އުފުލާލައިިފި

12 އަހަރަށް ފަހު ވެލެންސިއާ އެފްއޭ ކަޕް އުފުލާލައިިފި

12 ނޮވެމްބަރ 2016

ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 އިން ކުރި ހޯދައި ކްލަބް ވެލެންސިއާ އިން 12 އަހަރަށް ފަހު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 އިން ކުރި ހޯދައި ކްލަބް ވެލެންސިއާ އިން 12 އަހަރަށް ފަހު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މިއީ އަށް އަހަރަށް ފަހު ވެލެންސިއާ އަށް ތަށްޓެއް ލިބުނު ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބުކުރީ 2004 ވަނަ އަހަރު އެވެ. މިއީ މި މުބާރާތް ވެލެންސިއާ އިން ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ.

އެފްއޭ ކަޕް ކާމިޔާބު ކުރުމާ އެކު ވެލެންސިއާ އަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ލިބިފަ އެވެ. ވެލެންސިއާގެ އިތުރުން ދެން އޭއެފްސީ ކަޕުން ޖާގަ ހޯދީ އުރީދޫ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ އެވެ.

މި މެޗަށް ނުކުތްއިރު މިފަހަރުގެ ސީޒަނުގައި މިހާތަނަށް ޓީސީން ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން ފޭވަރިޓަކަށްވެފައި އޮތީ އެ ޓީމެވެ. އެކަމަކު ވެލެންސިއާ އިން މިރޭ ވަނީ މި ފަހަރުގެ ސީޒަނުގައި އެ ޓީމުން ދެއްކި އެންމެ ރަނގަޅު ކުޅުމާ އެކު ޓީސީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ވެލެންސިއާ އިން ދިޔައީ ޓީސީ އަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ އަށް މިނިޓް ތެރޭ ވެލެންސިއާގެ ބިދޭސީ ކުޅުންތެރިޔާ ޗިންޒީ ކަކާ އަށް ވަނީ ލަނޑު ޖަހަން ހުސް ދެ ފުރުސަތެއް ލިބިފަ އެވެ. ފުރަތަމަ ހަމަލާ މެޗުގެ ފަސް ވަނަ މިނިޓްގައި ގޯލުގެ ހުރަސް ދަނޑި މަތިން ދިޔައިރު އޭގެ ތިން މިނިޓް ފަހުން ހަންސްލޭ އަވިލޯ ދިން ބޯޅައަކުން އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ކަކާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަަސް ދަނޑިއަށެވެ.

މެޗުގެ 11 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) ޓީސީ އަށް ލީޑު ނަގައިދިނުމާ ގާތަށް ޖެހިލި އެވެ. ވެލެންސިއާ އޭރިއާ ތެރެއިން ކުޅުންތެރިޔަކު ކައިރިން ނައްޓާލުމަށް ފަހު ސެންޓޭ ފޮނުވާލި ބޯޅަ ވެލެންސިއާ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.

ވެލެންސިއާ އަށް ލީޑު ނަގައިދިނީ މެޗުގެ 22 ވަނަ މިނިޓްގައި، ފަހަކަށް އައިސް އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން އަދުހަމް (ސަޑޭ) އެވެ. އަވިލޯ އަރިމަތިން ނަގައިދިން ބޯޅަ ސަޑޭ ވަނީ ބޮލުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. ސަޑޭ ވަނީ ލީގުގައި އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ.

ޓީސީގެ ދާދު (ކ) ހުއްޓުވަން ވެލެންސިއާގެ ބަކާ ޓެކްލްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ދާދު (ކ) ހުއްޓުވަން ވެލެންސިއާގެ ބަކާ ޓެކްލްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އިން ލީޑުނެގުމުން ޓީސީން ކުރިއަށް ޖެހިގެން އެޓޭކް ވަރުގަަދަ ކުރި އެވެ. އަދި ލަނޑު ޖަހަން ހުސް ދެ ފުރުސަތެއް ތަނަވަސްކުރި އެވެ. ވެލެންސިއާ އޭރިއާ ތެރެއިން ޓީސީގެ އަހުމަދު ނިޒާމް (ނިޒާމްބެ) އަށް ލިބުނު ދެ ފުރުސަތު ވެސް އޭނާ އަތުން ބޭކާރުވީ އެވެ. މެޗުގެ 27 ވަނަ މިނިޓްގައި ނިޒާމްބެ ފޮނުވާލި ފުރަތަމަ ހަމަލާ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ނިޒާމްބެ ފޮނުވާލި އަނެއް ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ޓީސީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފުމުގެ ނަތީޖާއަކަށްވީ ވެލެންސިއާ އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން ލީޑުފުޅާކުރުމެވެ. މެޗުގެ 38 ވަނަ މިނިޓްގައި ވެލެންސިއާގެ ދެ ވަނަ ލަނޑު ޖެހީ ހުސެއިން ނިހާން އެވެ. އޭނާ މި ލަނޑު ޖެހީ ޓީސީ އޭރިއާ ތެރެއިން އެ ޓީމުގެ އަހުމަދު ރިލްވާން (ރިލޭ) ދިން ބޯޅަައަކުންނެވެ.

ވެލެންސިއާ އިން ދެ ލަނޑުގެ ލީޑެއް ނެގުމުން ޓީސީން ވަނީ ނިޒާމްބެގެ ބަދަލުގައި ނާއިޒު ހަސަން (ދާދު) ކުޅެން އަރުވައިފަ އެވެ. ދާދު ކުޅެން އެރުވުމާ އެކު ޓީސީގެ ކުޅުން ރަނގަޅުވި އެވެ.

މެޗުގެ 40 ވަނަ މިނިޓްގައި ޓީސީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ނާފިއު (ކަޅޭ) އެވެ. ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުމަކުން އަކޫ ނަގައިދިން ބޯޅަ ޓީސީ ޑިފެންޑަރަކު ބޮލުގައި ޖެހިފައި އަމާޒުވީ ހުރަސް ދަނޑިއަށެވެ. އެ ބޯޅަ އަވަސްކޮށްލުމަށް ފަހު ޓީސީ ކުޅުންތެރިން އުފެއްދި ކައުންޓަ އެޓޭކްގައި ކަޅޭ މި ލަނޑު ޖެހީ ދާދު ދިން ބޯޅައަކުންނެވެ.

ދެ ވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނިޓްގައި ސަޑޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޓީސީގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ސަޑޭ މި ލަނޑު ޖެހީ ޓީސީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އާއި ކީޕަރު މުހައްމަދު އިމްރާން ކައިރިން ނައްޓާލުމަށް ފަހު އެވެ.

ވެލެންސިއާ ކުޅުންތެރިން އެ ޓީމުގެ ޓްރެއިނަރު އިސްމާއިލް އާސިފް (ކުޑަހީނާ) އުފުލާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ ކުޅުންތެރިން އެ ޓީމުގެ ޓްރެއިނަރު އިސްމާއިލް އާސިފް (ކުޑަހީނާ) އުފުލާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އިން ލީޑުފުޅާކުރުމާ އެކު ޓީސީން ވަނީ އެ ޓީމުގެ ފަހު ބަދަލެއްގެ ގޮތުގައި ލިލީ ބޭލުމަށް ފަހު ޔާމިން އިބްރާހިމް (ޔާމްބެ) ކުޅެން އަރުވައިފަ އެވެ. ޔާމްބެ ކުޅެން އެރުވުމާ އެކު ޓީސީން ކުޅުން ރަނގަޅުކުރި އެވެ.

މެޗުގެ 58 ވަނަ މިނިޓްގައި ޔާމްބެ މަތިން ހުސްކޮށްލާފައި ވެލެންސިއާ އޭރިއާ ތެރެއިން ކަޅޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ވެސް ކަޅޭ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. ދާދު އަރިމަތިން ތިރިތިރިން ނަގައިިދިން ބޯޅަ ވެލެންސިއާ އޭރިއާ ތެރެެއިން ކަޅޭ ފަޔަށް ރަނގަޅަށް ލައްވާލާ ގޮތެއްނުވި އެވެ.

މި ހާފްގައި ޓީސީގެ މެދުތެރެއިން ގިނަ ބޯޅަތަކެއް ގެއްލުނެވެ. މުޅި ސީޒަނުގައި ވެސް އޮގަނައިޒްކޮށް އޮތް ޓީސީގެ މިޑްފީލްޑް މިރޭ ފެނުނީ ދަށްކޮށެވެ. އޭގެ ފައިދާ ނަގައި ވެލެންސިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ފަހު 10 މިނިޓް ތެރޭގައި ޓީސީގެ ސެންޓޭ އަށް ވެސް ލަނޑު ޖަހަން ދެ ފުރުސަތެއް ލިބުނެވެ. ކަޅޭ ހުސްކޮށްލާފައި އޭރިއާ ތެރެއިން ސެންޓޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ. އަދި މެޗުގެ ފަހު މިނިޓްގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މި މެޗާ އެކު ވެލެންސިއާ ވަނީ ސީޒަން ނިމިފަ އެވެ. އެއީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުން ޕްރެޒިޑެންޓްސް ކަޕުން އެ ޓީމަށް ފުރުސަތު ގެއްލިފައިވާތީ އެވެ.