Roadha Mihaaru
އޭއެފްސީ ކަޕް ހޯސްޓްކުރަން ލިބުމަކީ ކާމިޔާބެއް: ޝާޒްލީ

އޭއެފްސީ ކަޕް މެޗުތައް ހޯސްޓްކުރަން ލިބުމަކީ ކާމިޔާބެއް: ޝާޒްލީ

04 މާޗް 2021

އިންޑިއާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކާ ވާދަކޮށް ރާއްޖެ އަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރާ ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރަން ލިބުމަކީ ކާމިޔާބެއް ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިންޑިއާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކާ ވާދަކޮށް ރާއްޖެ އަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރާ ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރަން ލިބުމަކީ ކާމިޔާބެއް ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ބާކީ މެޗުތައް ހޯސްޓްކުރަން ހުޅުވާލި ފުރުސަތުގައި ވެސް ރާއްޖޭން ވަނީ ބިޑް ކާމިޔާބުކޮށްފަ އެވެ. ފަހުން އޭއެފްސީން ނިންމީ އެ މުބާރާތް އެއްކޮށް ކެންސަލްކުރާށެވެ. މި ފަަހަރުގެ އޭއެފްސީ ކަޕްގެ މި ސަރަހައްދުގެ ގްރޫޕް މެޗުތައް ހޯސްޓްކުރަން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ބިޑް ކުރީ އިންޑިއާ އިންނެވެ. ރާއްޖޭން ފަހުން ބިޑް ކުރި ނަމަވެސް މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ހޯދީ އެވެ.

އެފްއޭއެމް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ "ލެޓްސް ޓޯކް ފުޓްބޯލް"ގެ މި ހަފްތާގެ ޝޯގައި ވާހަކަ ދައްކަމުން ޝާޒް ބުނީ އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބުން ކާމިޔާބަކަށްވާ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.

"ފުޓްބޯޅައިގައި ކާމިޔާބުތައް މި އިންނަނީ ހަމައެކަނި މުބާރާތް ކާމިޔާބުކުރުން އެކަންޏެއް ނޫން. މިހެން މުބާރާތްތައް ހޯސްޓްކުރުމުގެ ފުރުސަތު ހޯދުން ވެސް ހިމެނޭ ކާމިޔާބުގެ ތެރޭގައި. މިއީ އެފްއޭއެމުންނާއި ކްލަބްތަކުން ވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް އޭގެ ފަހަތުގައި ތިބެގެން ކޮށްފައިވާތީ ލިބޭ ފުރުސަތުތަކެއް،" ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު ޝާޒް ބުންޏެވެ.

"އެފްއޭއެމުން ވެސް ވަރަށް ގިނަ މަސައްކަތްކޮށްގެން ހަގީގަތުގައި މިވީ. އިންޑިއާ އާއި ބަންގްލަދޭޝް އޮންނައިރު އެ ގައުމުތަކުގެ ލީގު ރާއްޖެ އަށް ވުރެން ވަރުގަދަ އަދި ފެސިލިޓީސް އަށް ބަލާއިރު ރާއްޖެ އަށް ވުރެން ކުރީގައި އުޅޭނީ. އެހެން ނަމަވެސް ރާއްޖޭން ބިޑް ކާމިޔާބުކުރާނީ މީގެ ރަނގަޅު ކަންތައްތަކެއް ހުރީމަ،"

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޝާޒް ވާހަކަ ދައްކަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޝާޒް ވާހަކަ ދައްކަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

(ގްރޫޕް ޑީ)ގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިން ބުރުގައި އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އީގަލްސް އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރާނެ އެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާ ޓީމުތައް ކުޅޭ ކޮލިފައިން ބުރު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލޭގައި ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ މެއި މަހު 14 އިން 20 ވަނަ ދުވަހަށެވެ. އަންނަ މަހު ހަތް ވަނަ ދުވަހު ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށް އީގަލްސް ކުޅޭ ކޮލިފައިން މެޗު ކުޅޭ ގޮތަށް ހަމަޖެހުނީ ވެސް މާލޭގަ އެވެ. މި ފަހަރު ކޮލިފައިން ކުރިއަށްދަނީ އެއް ލެގަށެވެ.

ޝާޒް ބުނީ އަމިއްލަ ފަސްގަނޑުގައި މެޗުތައް ކުޅެން ޖެހުމުގެ ގިނަ ފައިދާތަކެއް އެބަހުރި ކަމަށާއި އީގަލްސް އާއި މާޒިޔާ އިން އެ އެޑްވާންޓޭޖް ނެގުން މުހިއްމު ކަމަށެވެ.

"ހަގީގަތުގައި ދެކަމެއް ފާހަގަކުރެވޭ. އެއް ކަމަކީ މިހާރުގެ ހާލަތުގެ ގޮތުން ޓްރެވަލް ކޮށް އެހެން ގައުމުތަކުގައި ތިބުން ފަސޭހައެއް ނުވާނެ. އެހެން އެކަން އޮއްވައި މުބާރާތުގެ ޕްރިލިމިނަރީ ބުރު ކުޅޭ މެޗު (އީގަލްސް މެޗު) ލިބުމަކީ ވަރަށް ބޮޑު ފަސޭހައެއް. އެޑްވާންޓޭޖް ނެގުން ވެސް މުހިއްމު. އީގަލްސް ވަރަށް ބޮޑަށް ތައްޔާރުވާނެ އެކަމަށް،" ޝާޒް ބުންޏެވެ.

މިދިޔަ ސީޒަނުގައި ޓީސީ ގޮވައިގެން އޭއެފްސީ ކަޕްގައި ކުޅުނު ޝާޒް އީގަލްސްއާ ހަވާލުވި ފަހުން ރަސްމީކޮށް މެޗެއް ނުކުޅެ އެވެ. އެއީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅިި ފިޔަވަޅާ އެއްގޮތަށް މިދިޔަ މަހު ތިން ވަނަ ދުވަހު ލީގު މެދުކަނޑާލާފައިވާތީ އެވެ. ހާއްސަ ގައިޑްލައިނެއްގެ ދަށުން ކްލަބްތަކުން މި ހަފްތާގައި ޕްރެކްޓީސް ފަށާފައިވާއިރު، ލީގު ފެށޭތޯ އެފްއޭއެމުން މަސައްކަތްކުރަނީ މި މަހު 21 ގަ އެވެ.