11 ނޮވެމްބަރ 2016
ކުޅިވަރުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ސަރުކާރުން މިރޭ ހަ ބޭފުޅަކަށް ދެއްވައިފި އެވެ.
ކުޅިވަރުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ސަރުކާރުން މިރޭ ހަ ބޭފުޅަކަށް ދެއްވައިފި އެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމީ އިނާމް ހާސިލްކުރެއްވި ބޭފުޅުންނަށް އިނާމް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
ކުޅިވަރުގެ ދާއިރާ އިން ގައުމީ އިނާމް ލިބިވަޑައިގަތް ބޭފުޅުންނަކީ ކުރީގެ ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އާއި ކުރީގެ ރެފްރީ އަހުމަދު އަބީރު އިސްމާއިލާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދާއި ބާސްކެޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒިލާލާއި ސްވިމިން ކޯޗު އަހުމަދު ޒުނޭޖް އަދި ޓެނިސް ކޯޗު އަހުމަދު އަކްރަމެވެ.
ރާއްޖޭގެ ގައުމީ މެރެތަން ދުވުމުގެ ރެކޯޑް އޮންނަ ކުޑަހުސެން އަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގަތީ ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުންނެވެ. ދެކުނު ކޮރެއާގެ ސޯލްގައި 1988 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖެ ދިދަ އުފުލެއްވި ކުޑަހުސެން ވަނީ އެ ގޭމްސްގެ އިތުރުން 1992 ވަނަ އަހަރު ސްޕެއިނުގެ ބާސެލޯނާގައި ބޭއްވި އޮލިމްޕިކްސްގައި ވެސް ރާއްޖެ ތަމްސީލްކުރައްވައިފަ އެވެ.
ދިގު ރާސްތާ ދުވުމުން ގައުމީ ފެންވަރުގެ އެތައް ވަނައެއް ހާސިލްކޮށްފައިވާ ކުޑަހުސެން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސްގެ މަގާމް ވެސް ފުރުއްވައިފަ އެވެ. ކުޅިވަރުގެ ދާއިރާ އިން ޕީއެޗްޑީ ނަންގަވާފައިވާ ކުޑަ ހުސެން ވަނީ ދުވުންތެރިން ތަމްރީންކުރުމުގެ އިތުރުން ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން މިހާރު ވެސް ގެންދަވަނީ އަމިއްލަ އެކަޑަމީ މެދުވެރިކޮށް ހާއްސަކޮށް ކުޑަކުދިންނަށް ތަމްރީން ދެއްވަމުންނެވެ.
ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަހުމަދު އަބީރު އިސްމާއިލް އަށް، ރައީސް ޔާމީން މިރޭ ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ގައުމީ އިނާމް ހާސިލްކުރެއްވި އަބީރަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ރެފްރީއެވެ. ނުވަދިހައިގެ ކުރީކޮޅުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް ރެފްރީކަން ކުރެއްވިއިރު، އަބީރު ވަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ގިނަ މެޗުތަކަށް އިންސާފު ކުރައްވައިފަ އެވެ. ފީފާ ބެޖް ހާސިލްކުރައްވާފައިވާ އަބީރަކީ ރެފްރީން ތަމްރީންކުރުމުގެ އިތުރުން ރެފްރީންގެ އިދާރީ ކަންކަން އިންތިޒާމްކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރި މުއީނާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން 13 ފަހަރު އަދި ޖުމްލަ 15 ފަހަރު ހޯދައިފަ އެވެ. މީގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރިހި މެޑަލް ހޯދައި އެނޫން ވެސް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި މުއީނާ ވަނީ ރާއްޖެ ތަމްސީލްކޮށްފަ އެވެ. ޓޭބަލް ޓެނިސް ކުޅުމުގެ އިތުރުން މުއީނާ އަންނަނީ ކޯޗެއްގެ ގޮތުގައި ކުޅުންތެރިން ތަމްރީންކުރުމުގެ މަސައްކަތް ވެސް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.
ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު މުއީނާ މުހައްމަދު އަށް، ރައީސް ޔާމީން މިރޭ ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ ރޮނގުން ގައުމީ އިނާމް ދެން ހާސިލްކުރި މުހައްމަދު ޒިލާލަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ދުވަހު ނޫސް "ހަވީރު" އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދައިފަ އެވެ. ވިކްޓަރީ އާއި ޓީރެކްސްގެ އިތުރުން ރެޑްލައިން ކްލަބާ އެކު ކްލަބް ލެވެލްގައި ގިނަ ގުނަ ކާމިޔާބީ ހޯދުމުގެ އިތުރުން ޒިލާލް ވަނީ ބައިނަލްއަގްވަމީ ގިނަ މުބާރާތްތަކެއްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. މީގެ އިތުރުން ވައިޑީޕީ އާއި ސްކޫލް ޓީމުތަކަށް ކޯޗުކޮށްދީ ކުޅުންތެރިން އުފެއްދުމުގައި ވެސް ޒިލާލް އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.
ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު މުހައްމަދު ޒިލާލް އަށް، ރައީސް ޔާމީން މިރޭ ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ގައުމީ އިނާމް ދެން ހާސިލްކުރެއްވި ދެ ބޭފުޅުން ކަމަށްވާ އަހުމަދު އަކްރަމާއި ސިފައިންގޭގެ ސާޖަންޓް އަހުމަދު ޒުނޭޖް ފާހަގަކުރެވެނީ ކޯޗިންގެ ދާއިރާ އިންނެވެ.
ޓެނިސް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކޯޗު ކަމަށްވާ އަކްރަމް ފާހަގަކުރެވެނީ ޓެނިހަށް ގިނަ ވަގުތުދީ މި ކުޅިވަރު ތަރައްގީކުރަން ވަރަށް ބުރަކޮށް މަސައްކަތްކުރާ ފަރާތެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ޖޫނިއާ ކުޅުންތެރިން ތަމްރީންކޮށް ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން އުފެއްދުމުގައި އޭނާ ވަނީ ފާއިތުވި އަހަރުތަކުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަހުމަދު އަކްރަމް އަށް، ރައީސް ޔާމީން މިރޭ ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސްވިމިން ކޯޗު ޒުނޭޖް އަންނަނީ ނުވަދިހައިގެ ކުރީކޮޅުން ފެށިގެން ސްވިމިން އިންސްޓްރަކްޓަރެއްގެ ގޮތުގައި އަދި ސްވިމިން ކޯޗެއްގެ ގޮތުގައި ދިވެހި ކުޅިވަރަށް ހިދުމަތްކުރަމުންނެވެ. ގިނަ އަދަދެއްގެ ކުދިންނަށް ފަތަން ދަސްކޮށްދީފައިވާ ޒުޖޭނަކީ ސްވިމިން އެސޯސިއޭޝަނުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ވެސް އިސް ކޯޗެކެވެ. އޭނާ އަކީ މި މަސައްކަތުގައި އެންމެ ގިނަ ދުވަސްވީ އެއް ކޯޗު ވެސް މެ އެވެ.
މިރޭގެ ޖަލްސާގައި ސަރުކާރުން ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ރޮނގުން ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ ހަފްސީ އަބްދުﷲ އަށް ވެސް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދީފަ އެވެ. ހަފްސީ ވަނީ ކުޅިވަރު ނޫސްވެރިއެެއްގެ ގޮތުގައި އަދި ކުޅިވަރުގެ ދާއިރާ އިން ޕްރޮގްރާމް އުފައްދައި އެ ރޮނގުން އަގުހުރި މަސައްކަތްތަކެއްކޮށްފަ އެވެ.
މިރޭގެ ޖަލްސާގައި ވަނީ ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ޖުމްލަ 26 ބޭފުޅަކަށް ދީފަ އެވެ.
ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަހުމަދު ޒުނޭޖް އަށް، ރައީސް ޔާމީން މިރޭ ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ގައުމީ އިނާމާއި ޝަރަފްވެރިކަމުގެ އިނާމު 26 ބޭފުޅަކަށް
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 117 މީހަކަށް ދީފި
ރައީސް ޔާމީން، ބަސްފުޅެއް ވިދާޅުނުވެ ހިމޭންވެއްޖެ!
އިސް ވެރިޔަކު ނެތުމުން މައުމޫން ފާޑުވިދާޅުވެއްޖެ
ރައީސް ޔާމީން: ބާރު ގަދަ، އެކަމަކު ވޯޓުން ވީ ބަލި!
ޖުމްހޫރިއްޔަތަށް 50، އެކަމަކު ހާއްސަ ކަމެއް ނެތް!
ވެރިކަމުގައި ވަނީ ރަސްކަމުގެ ސިފަޖެހިފައި: އިދިކޮޅު
ޝަރަފްވެރިކަމުގެ އިނާމް ދެ ބޭފުޅަކަށް ދީފި
"ސިޔާސީ ވާދަ ދާހިލީ ހަނގުރާމައަކަށް ވެގެން ނުވާނެ"
"ގައުމު ބިނާކުރުމަކީ ރައީސްގެ އެކަނި ޒިންމާއެއް ނޫން"