Roadha Mihaaru
ވެރިކަމުގައި ވަނީ ރަސްކަމުގެ ސިފަޖެހިފައި: އިދިކޮޅު

ޖުމްހޫރީ ދުވަސް އައިއިރު ވެރިކަމުގައި ވަނީ ރަސްކަމުގެ ސިފަ ޖެހިފައި: އިދިކޮޅު ކޯލިޝަން

12 ނޮވެމްބަރ 2017

ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރާ އިރު މިހާރު ރާއްޖޭގައި އޮތީ ރަސްކަމުގެ ސިފަ ޖެހިފައިވާ ވެރިކަމެއް ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރާ އިރު މިހާރު ރާއްޖޭގައި އޮތީ ރަސްކަމުގެ ސިފަ ޖެހިފައިވާ ވެރިކަމެއް ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން މ. ކުނޫޒުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި، ވިލިނގިލީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސައުދު ހުސެން ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ވެރިކަން ބޮޑަށް ސިފަ ކުރެވެނީ ރައްޔިތުން އަޅުވެތި ކުރާ ރަސްކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ސިޔާސީ މިނިވަންކަމާއި ފަރުދީ މިނިވަންކަން ރާއްޖޭގައި މިހާރު ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރޭ އިރު، ރައްޔިތުންގެ މަޖިލީހުގެ ދިހަ ދާއިރާއަކަށް ނިސްބަތްވާ 50،000 ރައްޔިތުންގެ އަޑު މި ވަނީ ކަނޑުވާލާފައި. މިއީ ރަސްކަމެއްގައި އަޅުވެތިކުރާ ގޮތް،" ސައުދު ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި ވަނީ ސިޔާސީ ވާދައިގެ ނަތީޖާއެއްގެ ގޮތުން ގައުމުގައި ދާހިލީ ހަނގުރާމައަކަށް ދާން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި ސިޔާސީ ވާދަވެރިކަން ރައީސް އެ ސިފަ ކުރެއްވީ ދާހިލީ ހަނގުރާމައެއްގެ ގޮތުގަ އެވެ. އަދި އެކަމާ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ.

ސައުދު ވިދާޅުވީ އިދިކޮޅު އެއްވެސް ހަރަކާތެއް ދާހިލީ ހަނގުރާމައެއްގެ ގޮތަށް ކުރިއަށް ނުގެންދާ ކަމަށާއި ގުޅިފައިވާ ހަތަރު ޕާޓީން ވެސް މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހުރި މިންވަރާއި ދައުލަތުގެ ހަޒާނާއިން އެތައް ބިލިޔަން ރުފިޔާ ގެއްލިފައިވާތައް ރައްޔިތުންނަށް ފެނެ އެވެ. އަދި އެކަންކަމާ ގުޅޭގޮތުން ސަރުކާރުން ޖަވާބުދާރީ ކުރުވައި، އެކަންކަން ދެން ނުހިނގާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް، ދާހިލީ ހަނގުރާމައެއްގެ ގޮތުގައި ސިފަ ކުރެއްވުމުން ކަންބޮޑުވާކަމަށް ސައުދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީ ކަންތައްތަކާ ގުޅޭގޮތުން ފުލުހުން އަމަލު ކުރަމުން ދާ ގޮތާ މެދު ވެސް ވަނީ ފާޑުކިޔާފަ އެވެ. ޕާޓީތަކުން ތުހުމަތު ކުރާގޮތުގައި ފުލުހުން އެ އަމަލުތައް ހިންގަނީ ވަރަށް ނާއިންސާފުވެރިކޮށް، ވަކި ކޮޅަކަށް ޖެހިގެންނެވެ.

ސައުދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެންމެ ފަހުން ރ. މަޑުއްވަރީގައި ޖަލްސާ ބޭއްވި އިރު، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަކޮށް ހެދި ކަމަށެވެ. އެކަމަކު އިދިކޮޅު މީހުން އެ ފަދަ އަމަލު ހިންގުމުން، އެކަމަށް ފުލުހުން ހުރަސް އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް ތާއީދު ކުރާ މީހުން އަޑު ގަދަކުރަން ނޫނީ ހަމަނުޖެހުމެއް ހިންގަން އުޅޭނަމަ އޭގެ އިންޓެލިޖަންސް މައުލޫމާތެއް ފުލުހުންނަކަށް ނުލިބޭ. އެކަމަކު އިދިކޮޅު މީހުން ކަމެއް ކުރާއިރު، ނުހިނގާކަންކަން ހިނގާކަމަށް ބަލައިގެން އެބަ ފިޔަވަޅު އަޅާ. ފުލުހުން ވެއްޖެ ސިޔާސީ މި ތަފާތުކުރުންތައް ހުއްޓާލަން،" ސައުދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފުތާ ބަންދުގައި ރ. މީދު އާއި މަޑުއްވަރީއަށް ގޮސް ރައްޔިތުންނާ ވަނީ ބައްދަލުކޮށްފަ އެވެ. އެ މީހުން ބުނާގޮތުގައި އެ ރަށްރަށުގެ ގިނަ މީހުން ސަރުކާރާ ދެކޮޅެވެ.