Roadha Mihaaru
ރައީސް ޔާމީން، ބަސްފުޅެއް ވިދާޅުނުވެ ހިމޭންވެއްޖެ!

ރައީސް ޔާމީން، ބަސްފުޅެއް ވިދާޅުނުވެ ހިމޭންވެއްޖެ!

12 ނޮވެމްބަރ 2018

ރިޔާސީ އިންތިޚާބުގެ ކުރިން، ގައުމީ ހުރިހާ މުނާސަބަތުތަކުގައި ވެސް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނާ މުޚާތަބުކުރައްވަ އެވެ. ބޭރުގެ ނުފޫޒުތަކަށް ޖާގަ ނުދިނުމާއި ގައުމީ މަސްލަހަތު އިސްކުރުމާއި މިނިވަން ގައުމެއްގެ ގޮތުގައި ހަމަޖެހުމާ އެކު ރާއްޖެ ބާއްވަން ބޭނުންފުޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވަ އެވެ. އެކަމަކު، މިދިޔަ ހުކުރުދުވަހު ފާހަގަކުރި ރާއްޖޭގެ 75 ވަނަ ގައުމީ ދުވަހާއި އިއްޔެ ފާހަގަކުރި ޖުމްހޫރީ 50 ގައި ވެސް ރައީސް ޔާމީންގެ ޚަބަރެއް ނުވެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންނާ މުޚާތަބު ކުރައްވައި ބަސްފުޅެއް ވިދާޅުނުވިއިރު، ރައީސް އޮފީހުން އެމަނިކުފާނުގެ ޚިތޯބެއް ވެސް ނުނެރެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު އަދި ހަމައެއް ނުވެ އެވެ. އަންނަ ހޮނިހިރުދުވަހާ ހަމައަށް ގައުމުގެ ރައީސަކީ އެމަނިކުފާނެވެ. އެހެންކަމުން އެމަނިކުފާނުގެ މައްޗަށް ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދެވި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރެއްވުމާ ހަމައަށް ރައީސްގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީނަށެވެ.

ގައުމީ އަދި ތާރީޚީ މުނާސަބަތުތަކާ ގުޅުވައި ރައީސްގެ ވިސްނުންފުޅު ވިދާޅުމަކީ ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލެކެވެ. އެކަމަކު ނިމިގެން ދިޔަ ދެ މުނާސަބަތުގައި ރައީސް ވާހަކަފުޅެއް ވިދާޅު ނުވުމުގެ އިތުރުން، މިފަހަރު، ޖުމްހޫރީ 50 ފާހަގަކުރީ ވެސް ކުލަ ފަނޑުކޮށެވެ. ހޯމް މިނިސްޓްރީން ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ސަރުކާރުގެ އިސް އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައި ނުގަތުމުން ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ރައީސް ޔާމީން: މިދިޔަ މަހުގެ 17 ގެ ފަހުން ސަރުކާރުގެ ރަސްމީ އެއްވެސް ހަރަކާތަކުން ނުފެނޭ.

ރައީސް ޔާމީން: މިދިޔަ މަހުގެ 17 ގެ ފަހުން ސަރުކާރުގެ ރަސްމީ އެއްވެސް ހަރަކާތަކުން ނުފެނޭ.

މުހިއްމު ދެ މުނާސަބަތެއް ދިޔައިރު، ރައީސް ޔާމީން ބަސްފުޅެއް ވިދާޅުނުވި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް މުއާޒް އަލީ ވާހަކައެއް ނުދެއްކެވި އެވެ.

ރައީސް ޔާމީން އެންމެ ފަހުން، ރައްޔިތުންނާ މުޚާތަބު ކުރެއްވީ ރިޔާސީ އިންތިޚާބުގައި މަކަރާއި އޮޅުވާލުން ހިމެނޭ ކަމަށް ވިދާޅުވެ، އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން މިދިޔަ މަހުގެ 17 ގަ އެވެ. ކޯޓުން ނިންމީ އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް އިންތިޚާބު ބާތިލްކުރެވެން ނެތް ކަމަށެވެ. އޭގެ ފަހުން ސަރުކާރުގެ ރަސްމީ އެއްވެސް ހަފުލާއެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އެކަމަކު މި މުއްދަތުގައި އަމިއްލަފުޅު ޕާޓީ، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތަކަށް ޕާޓީ އޮފީހަށް ވަޑައިގެންފައިވެ އެވެ. ކުއްލި ކޮންގްރެސްއަކުން ޕީޕީއެމްގެ ރައީސަކަށް އެމަނިކުފާނު އިންތިޚާބުކޮށް، އިދިކޮޅު ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތުމަށް ނިންމާފައިވީ ނަމަވެސް އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެކޮޅުހަދައިފަ އެވެ.

އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީގެ ރައީސްކަމުން ވަކިކުރި މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގަ އެވެ. ސިޔާސީ މިފަދަ މައްސަލަތަކެއްގެ ތެރޭގައި ހުންނެވުމަކީ، ރައްޔިތުންނާ މުޚާތަބުކުރައްވައި ބަސްފުޅެއް ވިދާޅުނުވި ސަބަބު ކަމަށް ވުން ވެސް އެކަށީގެންވެ އެވެ.