Roadha Mihaaru
ބައިޑަންގެ ކޯލެއް ސަލްމާނަށް: ހައްގުތަކުގެ މައްސަލަނެގި

ބައިޑަންގެ ފޯން ކޯލެއް ސައުދީ ރަސްގެފާނަށް: އިންސާނީ ހައްގުތަކުގެ މައްސަލަ ނެންގެވި

26 ފެބުރުއަރީ 2021

ވޮޝިންޓަން (ފެބްރުއަރީ 26) - އެމެރިކާގެ ރައީސް ޖޯ ބައިޑަން ސައުދީ ރަސްގެފާން ސަލްމާންއާ ފޯނުން ކުރެއްވި މަޝްވަރާތަކުގައި އެ ގައުމުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ނަންގަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 26) - އެމެރިކާގެ ރައީސް ޖޯ ބައިޑަން ސައުދީ ރަސްގެފާން ސަލްމާންއާ ފޯނުން ކުރެއްވި މަޝްވަރާތަކުގައި އެ ގައުމުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ނަންގަވައިފި އެވެ.

ވައިޓް ހައުސް އިން ބުނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ގާނޫނު ނެގެހެއްޓުމަށް އެމެރިކާ އިން ދޭ ސަމާލުކަން ސައުދީ ރަސްގެފާނުގެ ސަމާލު ކަމަށް ބައިޑަން ގެންނަވާފައިވާ ކަމަށެވެ.

ސައުދީ ރަސްގެފާނަށް ބައިޑަން ގުޅުއްވީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅޭ ގޮތުން އެމެރިކާ އިން ތައްޔާރު ކުރި ރިޕޯޓް ވިދާޅުވުމަށް ފަހު އެވެ. ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ވަނީ ސައުދީއާ އެކު ބޭއްވި ގާތް ގުޅުމާ އެކު އެ ރިޕޯޓް ނެރުމަށް ފަސް ޖެހިފަ އެވެ.

ރަސްގެފާނާ އެކު ކުރެއްވި މަޝްވަރާގައި ޚާޝުގްޖީގެ ރިޕޯޓާ ގުޅޭ ގޮތުން ބައިޑަން ވާހަކަ ދައްކަވައިފައި ނުވާ ކަމަށް ވައިޓް ހައުސް އިން ބުނެފައިވެ އެވެ. ނަމަވެސް ސައުދީގައި ބަންދުގައި ތިބި ބައެއް އެކްޓިވިސްޓުން ދާދި ފަހުން ދޫކޮށްލިކަން ބައިޑަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ސައުދީގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ލުޖައިން ހަތުލޫލް ވަނީ ތިން އަހަރަށް ފަހު މި މަހު ދޫކޮށްލައިފަ އެވެ. ނަމަވެސް ގައުމުން ބޭރަށް ދަތުރު ކުރުމަށާއި މީޑިއާ އަށް ވާހަކަ ދެެއްކުން އޭނާ އަށް ވަނީ މަނާކޮށްފަ އެވެ.

ވައިޓް ހައުސް އިން ބުނީ ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.