Roadha Mihaaru
ޕޮލެންޑުން ސީދާ ދަތުރުތައް ރާއްޖެއަށް!

ޕޮލެންޑުން ސީދާ ދަތުރުތައް ރާއްޖެއަށް!

21 ފެބުރުއަރީ 2021

ޕޮލެންޑްގެ ގައުމީ އެއާލައިން، ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕޮލެންޑްގެ ގައުމީ އެއާލައިން، ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ލޮޓް ޕޮލިޝް އެއާލައިން އިން ރާއްޖެ އަށް ދަތުރުތައް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު އެ އެއާލައިނުން އައި ޗާޓަޑް ފްލައިޓުން 294 ޕެސެންޖަރުން އައެވެ. އަންނަ މަހުގެ ނިޔަލަށް އެ އެއާލައިނުން ޗާޓަޑް ފަސް ދަތުރު ކުރަން މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި އޭޕްރީލް މަހު ވެސް އެއާލައިންގެ ދަތުރުތައް ކުރިއަށް ގެންދަން ޕްލޭންކޮށްފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ ލޮޓް ޕޮލިޝް އެއާލައިންގެ ދަތުރުތަކާ އެކު އެހެން މަންޒިލްތަކުން ރާއްޖެއަށް ޓޫރިސްޓުން އަންނަން މަގުފަހިވާނެ ކަމަށެވެ.

ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެއަށް ޗާޓަޑް ދަތުރުތައް ކުރަނީ ޓްރެވަލް އޭޖެންސީ ސަން އޯޝަން މޯލްޑިވްސް މެދުވެރިކޮށެވެ. އެ ޓްރެވަލް އޭޖެންސީގެ ސޭލްސް އެންޑް މާކެޓިންގެ މެނޭޖަރު ރަޝީދު އަބްދުﷲ ވިދާޅުވީ، މިދަތުރުތަކާ އެކު ޕޮލެންޑުން މަހެއްގެ މައްޗަށް އެއްހާހަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށެވެ.

"މިދަތުރުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޕޮލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި އިރު ޔޫރަޕަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ސަރަހައްދެކެވެ. އެގޮތުން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓުގައި ވެސް ގިނައީ ޔޫރަޕްގެ ގައުމުތަކެވެ.