Roadha Mihaaru
ކޮވިޑް ވެކްސިން ގެންނަން ސޮއިކުރި އަގެއް ހާމައެއްނުކުރި

ކޮވިޑް ވެކްސިން ގެންނަން ސޮއިކުރި އަގެއް ހާމައެއްނުކުރި

17 ފެބުރުއަރީ 2021

ކޮވިޑް-19 އިން ދިފާއުވާން ރާއްޖެއަށް ބޭނުންވާ ވެކްސިންގެ 700،000 ޑޯޒް ގެންނަން ސިންގަޕޫރު ކުންފުންޏާ ހަވާލުކުރި އަގު ހާމަކުރަން ހެލްތު މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ދިފާއުވާން ރާއްޖެއަށް ބޭނުންވާ ވެކްސިންގެ 700،000 ޑޯޒް ގެންނަން ސިންގަޕޫރު ކުންފުންޏާ ހަވާލުކުރި އަގު ހާމަކުރަން ހެލްތު މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މިިދިޔަ ހަފުތާގެ އަންގާރަ ދުވަހު "މިހާރު" ނޫހުން ހެލްތު މިނިސްޓްރީއަށް ހުށަހެޅި ފޯމުގައި އޮކްސްފަޑު ވެކްސިން ގެންނަން އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާ އެކު އެއްބަސްވުމުގައި ސޮއިކުރި އަގާއި އެއްބަސްވުމުގެ މުއްދަތު ސާފުކޮށްދިނުމަށް އެދިފައިވާނެ އެވެ.

އެކަމަށް ޖަވާބު ދެމުން ހެލްތު މިނިސްޓްރީން އިއްޔެ ބުނީ ވެކްސިން ގަންނަން ހަވާލުކުރި އަގާއި އެއްބަސްވުމުގެ ތަފްސީލަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް ދޫކުރެވެން ނެތް މައުލޫމާތެއް ކަމަށެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ "އެ މައުލޫމާތު ހޯދާފައިވަނީ، ހާމަނުކުރާނެ ކަމަށް އެއްބަސްވެގެން ކަމުގައި ވުމާ އެކު، އެ މައުލޫމާތުގައި އަންނަނިވި ސިފަތަކުން ސިފައެއް އެކުލެވިގެންވުން؛ (1) ވިޔަފާރީގެ ސިއްރެއް ހިމެނިގެންވުން، (2) އެ މައުލޫމާތު ހާމަކޮށްފި ނަމަ ތިން ވަނަ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ނުރަނގަޅު އަސަރު ފޯރާނެ ކަމަށް ވުން" އެވެ.

އެއްބަސްވުމުގައި މުއްދަތު ދީފައި ވަނީ ވެކްސިންގެ ހުރިހާ ޑޯޒެއް ރާއްޖެއަށް ސަޕްލައިކޮށް ނިމެންދެނެވެ. އެކަމަކު އެއްބަސްވުމުގެ ބައެއް މާއްދާތައް، އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް ދެމިގެންދާނެ ކަމަށް މިނިސްޓްރީީން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އެސްޓްރަޒެނެކާގެ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ސީދާ ލިބޭނެ ދުވަހެއް ނޭނގޭ އެވެ. އެކަމަކު އެއްބަސްވުމުގައިވާ ގޮތުން އެފަހަރަކު ފޮނުވާ ވެކްސިން ޝިޕްމަންޓަކަށް ބޭނުންވާ ވެކްސިންތައް ލިބި، އެ ޑެލިވާކުރަން ތައްޔާރުވުމުގެ 30 ދުވަހުގެ ކުރިން މިނިސްޓްރީއަށް އަންގަން ޖެހެ އެވެ.

އެއްބަޔަކު ދެކޭ ގޮތުގައި، ކޮވިޑުގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދޭން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ސަރުކާރުން ހެދި ބޮޑެތި ގޯސްތަކަށް ފަހު، ވެކްސިނަށް ކުރާ ހޭދަތަކުގެ މައުލޫމާތު ހިފެހެއްޓުމެއް ނެތި އަދި ދެ ފުށް ފެންނަ ގޮތަށް ހާމަކުރުން މުހިއްމެވެ.

ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސްއާ އެކު މިދިޔަ އަހަރު ސޮއިކޮށް އެޑްވާންސްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދިނެވެ. އޭގެ ތެރެއިން ގިނަ ވެންޓިލޭޓަރުތައް އަދި ވެސް ނުލިބެ އެވެ. އެކަމަކު ރާއްޖޭގެ ދެ ކުންފުންޏަކާ ހަވާލުކުރި 74 ވެންޓިލޭޓަރު ވަނީ ގެނެސްފަ އެވެ.