Roadha Mihaaru
ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީއަށް

ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި

15 ފެބުރުއަރީ 2021

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ފަނޑިޔާރު ހަސަން ސައީދުގެ މައްސަލައެއް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއޭސްސީ)އަށް އިއްޔެ ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ފަނޑިޔާރު ހަސަން ސައީދުގެ މައްސަލައެއް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއޭސްސީ)އަށް އިއްޔެ ހުށަހަޅައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރު ހަސަންގެ މައްސަލަ ޕީޖީން ހުށަހެޅީ އިއްޔެ ހަވީރު ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކުރީ އެ ބާވަތުގެ އަމުރު ނެރުމުގައި ކުރިން އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޓްރެވަލް ޑޮކިއުމެންޓެއްގައި ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދޭން ދައުލަތުން އެދުމުން ބޭނުން ގައުމަކަށް ވަޑައިގެންނެވޭ ގޮތަށް ޕާސްޕޯޓް ދޫކުރި މައްސަލަ ޕީޖީ އޮފީހުން އިއްޔެ ވަނީ ހައި ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ބޭނުން ގައުމަކަށް ދެވޭ ގޮތަށް ހަތަރު މަހަށް ކޯޓުން ދޫކޮށްލީ އޭނާ ދުބާއީ އަށް ނުވަތަ ޖަރުމަނަށް ދާން އެދި ހުށަހެޅުއްވުމުންނެވެ. ފިލާފާނެ ކަމުގެ ބިރު އޮތް މީހެއް ކަމަށް ދައުލަތުން ކޯޓުގައި ބުނުމުން ވެސް އެހާ ބޮޑު މިނިވަންކަމެއް އޭނާއަށް ދިން ސަބަބާ މެދު ދަނީ ކޯޓަށް ފާޑުކިޔަމުންނެވެ.

އަލީ ވަހީދުގެ ބައްޔަށް ރާއްޖެ އިން ވެސް ފަރުވާ ކުރެވޭނެ ކަމާއި އެހެންކަމުން އަލީ ވަހީދުގެ މަސްލަހަތު އިސްކޮށް ބޭރަށް ފޮނުވަން ނުޖެހޭ ކަމާއި ޕާސްޕޯޓުގެ ބަދަލުގައި ޓްރެވަލް ޑޮކިއުމެންޓެއް ދޫކުރަން ދައުލަތުން ހުށަހެޅުމުން އެ ކަންކަމަށް ފަނޑިޔާރު ހަސަން ސައީދު ރިއާޔަތް ކުރައްވާފައެއް ނުވެ އެވެ. ރާއްޖެ އިން އަލީ ވަހީދު ފުރާވަޑައިގަންނަވާ ހިސާބުން އަމުރު ތަންފީޒު ނުކުރެވޭނެ ކަން ވެސް އަޑުއެހުމުގައި ދައުލަތުން ފާހަގަކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ފަނޑިޔާރު ހަސަންގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއިރު، ފެމިލީ ކޯޓުގައި ކުރިމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވި ކަމުގެ ތުހުމަތު ވެސް އޭނާގެ ބޮލުގައި އެޅުނެވެ. އެ ތުހުމަތުތައް ބަލައި ޖޭއެސްސީން ތަހުގީގު ނިންމީ ފަނޑިޔާރުގެ މަގާމުން ވަކިކުރާށެވެ. އެކަމަކު ފަހުން އޭނާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހަމަޖެއްސެވީ އެވެ.