Roadha Mihaaru
ތައުލީމީ ހިދުމަތްތެރިޔާ ކެންދޫ އައްޔަބެ އަވަހާރަވެއްޖެ

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ކެންދޫ އައްޔަބެ އަވަހާރަވެއްޖެ

12 ފެބުރުއަރީ 2021

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެންމެ ގިނަ ދުވަސް ވީ ގުރުއާން ކްލާހުގެ ބާނީ އަލީި ހުސައިން (ކެންދޫ އައްޔަބެ) މިއަދު އަވަހާރަވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެންމެ ގިނަ ދުވަސް ވީ ގުރުއާން ކްލާހުގެ ބާނީ އަލީި ހުސައިން (ކެންދޫ އައްޔަބެ) މިއަދު އަވަހާރަވެއްޖެ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ކެންދޫގެ ނައިބުކަމާއި ރަށުގެ ތިން މަދަރުސާއެއްގެ ނާޒިރުކަން ކުރެއްވި އުމުރުން 84 އަހަރުގެ އައްޔަބެ އަވަހާރަވީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން ސިއްހީ ހާލުކޮޅު ގޯސްވެ، މާލޭގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

"މުސްކުޅި ބަލީގައި ފަހަކަށް އައިސް ވަރަށް ބޮޑަށް ބަލިވެ އުޅުއްވީ،" ކެންދޫ ކައުންސިލަރަކު ވިދާޅުވި އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެންމެ ގިނަ ދުވަސްވީ ގުރުއާން ކްލާސް ތޮލަބަތުއްނޫރު އުފައްދަވައި، ހިންގަން ފެއްޓެވީ އައްޔަބެގެ އުމުރުން ވިއްސަކަށް އަހަރުގައި މީގެ 50 އަހަރު ކުރިންނެވެ. އެތަން ރަޖިސްޓްރީ ކުރުމުގެ ކުރިން ވެސް 10 ވަރަކަށް އަހަރު ވަންދެން އޭނާ އެތައް ބަޔަކަށް ގުރުއާން އުނގަންނަވައި ދެއްވި އެވެ. އޭނާ ބެއްލެވުމުގެ ދަށުން އެތައް ސަތޭކަ ބަޔަކަށް ގުރުއާން އުނގަންނަވައި ދެއްވީ ގިނަ ދުވަސްތަކެއްވަންދެން ހިލޭ ސާބަހަށެވެ.

އައްޔަބެ 12 ބޭފުޅުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ވަކީލުންނާއި ޑޮކްޓަރުން ވެސް ހިމެނެ އެވެ. ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުު އަދި "މިހާރު" ނޫހުގެ ދީނީ ސަފްހާގެ ލިއުންތެރިޔާ ޑރ. ސައުދުﷲ އަލީ އާއި ދީނީ އިލްމުވެރިޔާ އަދި އިސްލާމިކް މިނިސްޓްރީގެ ނައިބް ނަސްރުﷲ އަލީ އަކީ ވެސް އައްޔަބެގެ ބޭފުޅުންނެވެ.

ތޮލަބަތުއްނޫރު ގުރުއާން ކްލާސް މިހާރު ހިންގަނީ އައްޔަބެގެ ބޭފުޅުންގެ ބެލުމުގެ ދަށުންނެވެ. އެ ކްލާހަށް 50 އަހަރު ފުރުނީ ޖޫން 14، 2017 ގަ އެވެ. އެ ދުވަހާ ގުޅުވައިގެން 50 ދަރިވަރަކު 50 ހަތިމްކުރި އެވެ.

އައްޔަބެގެ މައްޗަށް ކުރާ ކަށުނަމާދު މިއަދުގެ މަޣްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.