Roadha Mihaaru
އެސްޓްރަޒެނެކާ ވެކްސިން ރަނގަޅު: ޑަބްލިޔުއެޗްއޯ

އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން ޖަހަން ޑަބްލިޔުއެޗްއޯ އިން ލަފާ ދީފި

10 ފެބުރުއަރީ 2021

ކޮވިޑް-19 އާ ދެކޮޅަށް އޮކްސްފޯޑް/އެސްޓްރަޒެނެކާ އިން އުފެއްދި ވެކްސިން 18 އަހަރުންގެ މަތީގެ އެންމެންނަށް ވެސް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދެންމެ ލަފާ ދީފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކޮވިޑް-19 އާ ދެކޮޅަށް އޮކްސްފޯޑް/އެސްޓްރަޒެނެކާ އިން އުފެއްދި ވެކްސިން 18 އަހަރުންގެ މަތީގެ އެންމެންނަށް ވެސް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދެންމެ ލަފާ ދީފި އެވެ.

ޑަބްލިޔުއެޗްއޯގެ ޕްރެސް ކޮންފަރެންސްގައި ބުނީ މި ވެކްސިން ދޭން އެންމެ ރަނގަޅީ ފުރަތަމަ ޑޯޒަށް ފަހު ދެ ވަނަ ޑޯޒް 8-12 ހަފުތާ ފަހުން ދޭ ގޮތަށް ކަމަށެވެ.

ރާއްޖޭގައި ޖަހާ "ކޮވިޝީލްޑް" ވެކްސިނަކީ ވެސް އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ވެކްސިނެވެ. އެއީ އިންޑިއާގެ ސީރަމް އިންސްޓިއުޓްގައި އުފައްދައި މާކެޓްކުރާ ނަމެވެ.

އުމުރުން 18 އިން މަތީގެ އެންމެންނަށް ވެސް މި ވެކްސިން ދެވިދާނެ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައި މި ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި، އުމުރުން ދުވަސްވީ މީހުންނަށް މި ވެކްސިން ނުދޭން ނިންމާފައި ވަނިކޮށެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް މި ވެކްސިނުން ކުރާ އަސަރު ދެނެގަތުމަށް ބޭނުންވާ ޑޭޓާ އެ ގައުމުތަކަށް އެކަށީގެންވާ ވަރަށް ލިބިފައި ނެތުމުން ކަމަށް ބުނެ އެވެ. އަދި ދެކުނު އެފްރިކާ އިން ވަނީ އެ ގައުމުގައި މިހާރު އެންމެ ބޮޑަށް ފެތުރިފައިވާ ކޮރޯނާވައިރަސްގެ ވެރިއެންޓާ ދެކޮޅަށް އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިންގެ ބާރު ދަށް ކަމަށް ބުނެ މި ވެކްސިންގެ ބަދަލުގައި އެހެން ވެކްސިންތަކެއް ދޭން ނިންމައިފަ އެވެ.

"އުމުރުން 65 އަހަރުން ދަށުގެ އުމުރުފުރާތަކުގައި މި ވެކްސިންގެ އެފިކަސީ [ބަލިން ދިފާއުކޮށްދިނުމުގެ ބާރު] އިތުބާރުކުރެވޭ މިންވަރަކަށް އެބަ ހުރޭ. އެހެންވެ [65 އަހަރުން] މަތީ އުމުރުފުރާތަކުގައި ވެސް، ޒުވާނުންނާ މި ކަމުގައި ވަކި ތަފާތެއް ނުހުންނާނެ،" ޑަބްލިޔުއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަންގެ ޗެއާ، އަލެޚަންދްރޯ ކްރަވިއޯތޯ ވިދާޅުވި އެވެ.

ކްރަވިއޯތޯ ވިދާޅުވީ ކޮވިޑްގެ ދެކުނު އެފްރިކާ ވެެރިއެންޓްގައި ޒުވާން އުމުރުގެ މީހުންނަށް އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިން އެހާ ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ބުނެފައި ވިޔަސް އެ ވެރިއެންޓް ޖެހޭ މީހުންނަށް ބޮޑުވަރުވެ އެޑްމިޓްކުރަން ޖެހުމާއި ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު މި ވެކްސިނުން ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމުގެ ހަރުދަނާ ހެކި އެބަހުރި ކަމަށެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު މިއީ އެކި ވެރިއެންޓުގައި ފެތުރެމުންދާ ގައުމުތަކުގައި ވެސް ދޭން ރަނގަޅު ވެކްސިނެއް ކަމުގައި ކަނޑައެޅީ ކަމަށް ކްރަވިއޯތޯ ވިދާޅުވި އެވެ.

އެތައް ކުންފުންޏެއްގެ ވެކްސިން އެކި ގައުމުތަކުގައި ދެމުން އަންނަ އިރު އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިނަކީ ގެންގުޅެންޖެހޭ ފިނިހޫނުމިނާއި އެހެން ކަންކަމަށް ބަލައި، ވަސީލަތްތައް މަދު ގައުމުތަކުގައި ވެސް ގެންގުޅެން ފަސޭހަ ވެކްސިނެކެވެ. އެހެންވެ މި ވެކްސިނަށް އޮތް ޑިމާންޑް ވެސް ބޮޑެވެ. އިނގިރޭސި ވިލާތަކީ މި ވެކްސިން އެންމެ ފުރަތަމަ އެޕްރޫވްކޮށް އާންމުންނަށް ދޭން ފެށި ގައުމެވެ. އެ ގައުމުން ބުނެފައިވަނީ ވެކްސިނާ މެދު ޔަގީންކަން އެބަ އޮތް ކަމަށެވެ.