Roadha Mihaaru
އެކަކު ބަލިވުމުން އޮކްސްފޯޑް ވެކްސިނަށް މަޑުޖެހުމެއް

އެކަކު ބަލިވުމުން އޮކްސްފޯޑް ވެކްސިންގެ އަޖުމަބެލުން މަޑުޖައްސާލައިފި

09 ސެޕްޓެމްބަރ 2020

އަޖުމަބެލުމުގެ އެންމެ ފަހު މަރުހަލާ ކުރިއަށް ދަނިކޮށް، ވެކްސިން ދިން އެކަކު ބަލިވުމުން، އޮކްސްފޯޑް ވެކްސިންގެ ތަހުލީލުތައް ދުވަސްކޮޅަކަށް މަޑުޖައްސާލައިފި އެވެ.

އަޖުމަބެލުމުގެ އެންމެ ފަހު މަރުހަލާ ކުރިއަށް ދަނިކޮށް، ވެކްސިން ދިން އެކަކު ބަލިވުމުން، އޮކްސްފޯޑް ވެކްސިންގެ ތަހުލީލުތައް ދުވަސްކޮޅަކަށް މަޑުޖައްސާލައިފި އެވެ.

އާންމުކޮށް ބޭނުންކުރަން ހުއްދަދިނުމުގެ ކުރިން ހަދަން ޖެހޭ އެންމެ ފަހުގެ އަޖުމަބެލުމުގައި އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފެއްދުމުގެ މައި ކުންފުންޏެއް ކަމަށްވާ އަސްޓްރަޒެނެކާގެ ވެކްސިން ދިން އެކަކު، ގޮތް ނޭނގޭ ގޮތަކަށް ބަލިވުމުން މެދުކަނޑާލީ، އާންމު އުސޫލުން، މިނިވަން ތަހުގީގެއް ހިންގުމަށެވެ.

މިއީ މި ވެކްސިންގެ ތަހުލީލުތައް މި ގޮތަށް މެދުކަނޑާލި ދެ ވަނަ ފަހަރެވެ. އެކަމަކު މިއީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ނޫން ކަން އަންގައިދޭ ނިންމުމެއް ނޫނެވެ. މިއީ ވެކްސިނެއްގެ އަޖުމަބެލުން ކުރިއަށް ގެންދާ އިރު އާންމު އުސޫލުން ކުރަން ޖެހޭ ކަމެކެވެ. ވެކްސިން ދިން މީހަކު، ގޮތް ނޭނގޭ ގޮތަކަށް ބަލިވެއްޖެ ނަމަ، މިނިވަން ބަޔަކު ލައްވާ އެކަން ބަލައި، އޭގެ ހަގީގަތް ދެނެގަނެ އެވެ. އޮކްްސްފޯޑް ވެކްސިންގެ އަޖުމަބެލުން އަނެއްކާ ފަށާނީ، މިނިވަން ބަޔަކު އެ ބަލިމީހާގެ މައްސަަލަ ބެލުމަށް ފަހު އެވެ.

އަސްޓްރަޒެނެކާ އިން ބުނި ގޮތުގައި މިއީ އާންމުކޮށް ކުރާ ކަމެކެވެ. ޓެސްޓް މެދުކަނޑާލަން ޖެހުނީ މިހާތަނަށް އަދި "ގޮތް ނޭނގޭ ގޮތަކަށް އެކަކު ބަލިވުމުން" ކަމަށް ވެސް ބުންޏެވެ.

އޮކްސްފޯޑްގެ މި ވެކްސިންގެ ފަހު މަރުހަލާ ކުރިއަށް ގެންދަނީ އިނގިރޭސި ވިލާތާއި އެމެރިކާ އާއި ބްރެޒިލް އަދި ސައުތު އެފްރިކާގެ 30،000 މީހުން ބޭނުންކޮށްގެންނެވެ.

ފުރަތަމަ ފޭހާއި ދެ ވަނަ ފޭސް ކާމިޔާބުވުމުން މިއީ ކޮވިޑް-19އާ ދެކޮޅަށް އެންމެ އުއްމީދީ އެއް ވެކްސިނެވެ. އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ލިބެންވާ އިރަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގައި މިހާރު ގެންދަނީ މި ވެކްސިން ގިނަ އަދަދަކަށް އުފައްދަމުން ވެސް މެ އެވެ.

މި ވެކްސިންގެ ޓެސްޓްތައް ކުރިއަށް ގެންދާ ހުރިހާ ސެންޓަރުކަން ވެސް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. ދެން އަލުން ފަށާނީ ބަލިވި މީހާގެ މައްސަލައިގެ ހަގީގަތް ދެނެގަނެ، ކަމާ ބެހޭ ރަސްމީ ފަރާތްތަކުން ހުއްދަ ލިބުމުންނެވެ.

"ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށްގެން އަޖުމަބެލުން ކުރިއަށް ގެންދާ އިރު ކޮންމެވެސް ގޮތަކުން ބަލިވުން ފަދަ ކަންކަން ހިނގާނެ. އެހެން ވެއްޖެ ނަމަ މިނިވަން ބަޔަކު ވަރަށް ރަނގަޅަށް އެކަން ބަލާނެ،" އޮކްސްފޯޑް ޔުނިވަސިޓީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ޓެސްޓްތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަލުން ފަށާނެ އެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ޖައްސާ ކޮވިޑް-19 ދުނިޔެއަށް ފެތުރޭލެއް އަވަސްކަމުން، އިގުތިސާދީ ގޮތުން މުޅި ދުނިޔެ ވެސް މިހާރު ގެންދަނީ ވަރަށް ބޮޑު ވެއްޓުމެއް ތަޖުރިބާކުރަމުންނެވެ. އެހެންކަމުން ވެކްސިނެއް އުފެއްދުމުގެ މަަސައްކަތް، އެތައް ޔުނިވަސިޓީއަކާއި ބޭސް އުފައްދާ ކުންފުނިތަކުން އަންނަނީ ކުރަމުންނެވެ. ބައްޔަކާ ދެކޮޅަށް މިހާ އަވަހަށް ވެކްސިނެއް އުފެއްދުމުގެ ވާދަވެރިކަން މީގެ ކުރިން އެއްވެސް އިރެއްގައި އުފެދިފައެއް ނުވެ އެވެ.

ކިތައްމެ އަވަހަކަށް މަސައްކަތް ކުރިއަށް ދިޔަކަމަށް ވިޔަސް އެއްވެސް ގޮތަކުން އޭގެ ރައްކާތެރިކަން ކުޑަނުކުރާނެކަމުގެ ޔަގީންކަން ކޮވިޑް-19 ވެކްސިން އުފެއްދުމުގައި ހަރަކާތްތެރިވާ ނުވަ ފަރާތަކުން އިއްޔެ ވަނީ ދީފަ އެވެ. އެގޮތުން ސައިންސާއި އެތިކަލްގެ ހުރިހާ ކަމެއް ދަމަހައްޓާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ނޮވެމްބަރު 3ގެ ކުރިން ވެކްސިނެއް ލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން، ވެކްސިންގެ ރައްކާތެރިކަމަށް ވުރެ އޭގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުމުގެ ކަންބޮޑުވުން އުފެދުނެވެ. އެހެންކަމުން އިސް ނުވަ ފަރާތެއްގެ އެ ޔަގީންކަން ލިބުމަކީ، ގިނަ ބަޔަކަށް އޮތް ހިތްހަމަޖެހުމެކެވެ. އަސްޓްރަޒެނެކާ އަކީ އެ ޔަގީންކަން ދިން އެއް ކުންފުންޏެވެ. އުއްމީދީ އެހެން ވެކްސިނެއް ތައްޔާރުކުރަމުން އަންނަ މޮޑާނާ އާއި ޖޯންސަން އެންޑް ޖޯންސަން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ކުންފުނިތަކުން ބުނީ އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދޭނީ އާންމުންގެ ސިއްހީ ރައްކާތެރިކަމަށް ކަމަށެވެ.

މި ކުންފުނިތަކުން އެގޮތަށް އެއްބަސްވީ، ތިން ވަނަ ފޭސް މުޅިން ނުނިމުނަސް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދެވިދާނެކަމުގެ އިޝާރާތެއް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދިނުމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗުއޯ އިން ބުނާ ގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް ގާތްގަނޑަކަށް 180 ވެކްސިނެއް ގެންދަނީ އީޖާދުކުރަމުންނެވެ. އެކަމަކު އެއިން އެއްވެސް ވެކްސިނެއްގެ ތިން ވަނަ މަރުހަލާގެ އަޖުމަބެލުން އަދި ނުނިމެ އެވެ.