Roadha Mihaaru
ކޮވިޑް ވެކްސިންގެ އިތުރު 5،000 ޑޯޒް ލިބިއްޖެ

ކޮވިޑް ވެކްސިންގެ އިތުރު 5،000 ޑޯޒް ލިބިއްޖެ

10 ފެބުރުއަރީ 2021

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެއަށް އިތުރު 5،000 ޑޯޒް ވެކްސިން މިއަދު ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެއަށް އިތުރު 5،000 ޑޯޒް ވެކްސިން މިއަދު ލިބިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ އިތުރު 5،000 ޑޯޒް ލިބިފައިވާ ކަމަށެވެ. އެކަމަކު އެ ވެކްސިންގެ ތަފްސީލެއް ނުދެއްވަ އެވެ.

މި މަހުގެ ތެރޭގައި އިތުރު ވެކްސިންތަކެއް ރާއްޖެ ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒް އަޅުގަނޑުމެންނަށް ލިބޭނެ ކަމުގެ އުއްމީދުގައި މި ވަގުތު މި ތިބީ. އެކަމަށް މަސައްކަތްތަކެއް ހުރީ ކުރެވިފައި،" ވާޗުއަލްކޮށް ބޭއްވި ކޮންފަރެންސްގައި މަބްރޫކް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ ހައިސިއްޔަތުން ބޭއްވެވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި މަބްރޫކް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނުގެ ހައިސިއްޔަތުން ބޭއްވެވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި މަބްރޫކް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ވަނީ ކޮވިޑް ވެކްސިން ދޭން ފަށައިފަ އެވެ. މި ވަގުތު ބޭނުންކުރަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި ހަދާ "ކޮވިޝީލްޑް" ވެކްސިނެވެ. އެއީ އޮކްސްފޯޑް ޔުނިވާސިޓީ އަދި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާ ވެކްސިންނާ އެއް ފޯމިއުލާއަށެވެ.

ބަލިން ރައްކާތެރިވުމަށް ރާއްޖެއަށް އިންޑިއާއިން 100،000 ޑޯޒް ވެކްސިން ހަދިޔާކޮށްފައި ވެ އެވެ. އޭގެ އިތުރުން އެސްޓްރާޒެނެކާ ކުންފުނިން، އިތުރު 700،000 ވެކްސިން ގަންނަން ސަރުކާރުން ނިންމައި ސޮއިކޮށްފައި ވެ އެވެ. ޗައިނާއިން ވެސް، އެ ގައުމުގައި އުފައްދާފައިވާ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކުރަން ނިންމާފައި ވެ އެވެ. މީގެ ކުރިން، އަމިއްލަ ފަރާތަކުން ވަނީ ޗައިނާ ވެކްސިންގެ 5،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ދެ މަސް ތެރޭ އެންމެންނަށް ވެކްސިން ހަމަވާނެ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ "ކޮވެކްސް" ފެސިލިޓީގެ ދަށުން މި މަހުގެ މެދެއްހާ ތަނުގައި ވެކްސިން ލިބޭއިރު އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏަކުން ގަންނަ 700،000 ޑޯޒު އަންނަ މަހު ލިބޭނެ އެވެ.