Roadha Mihaaru
ކެންސަރު ދުވަހު ސަންޖޭގެ ތަޖުރިބާ ކިޔައިދީފި

ކެންސަރު ދުވަހު ސަންޖޭގެ ތަޖުރިބާ ކިޔައިދީފި

09 ފެބުރުއަރީ 2021

މިދިޔަ އަހަރު ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ބަލިން ސަލާމަތްވެ، އާންމު ދިރިއުޅުމަކަށް އަލުން އާދެވުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށް ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ބަލިން ސަލާމަތްވެ، އާންމު ދިރިއުޅުމަކަށް އަލުން އާދެވުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށް ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.

މި މަހުގެ 4 ގައި ފާހަގަކުރި މި އަހަރުގެ ކެންސަރު ދުވަހާ ގުޅިގެން އިންޑިއާގައި ބޭއްވި ވާޗުއަލް ކޮންފަރެންސް "ކެންސާ އަޕް ޓު ޑޭޓް: ކެންސަ ކެއާ އެޑްވާންސެސް އިން އަ ކޮވިޑް-19 ރިއަލިޓީ" ގައި ވާހަކަ ދައްކަމުން، 61 އަހަރުގެ އެކްޓަރު ބުނީ ކެންސަރުގެ ޝިކާރައަކަށްވިކަން އެނގުނު ވަގުތަކީ ވަރަށް ވެސް ހިތްދަތިވެ މީހާ މުޅިން މާޔޫސްކޮށްލި ވަގުތެއް ކަމަށެވެ.

ކެންސަރު ޖެހުނު ވާހަކަ ސަންޖޭ އިންޑިއާގެ މީޑިއާތަކަށް ތިލަވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ. ބަލިޖެހުނުކަން އެނގުމާ އެކު އޭނާ ފަރުވާ ހޯދަން ފަށައި ބަލިން އެއްކޮށް ފަސޭހަވިކަން އިއުލާންކުރީ އޮކްޓޯބަރު މަހުގެ 21 ގަ އެވެ.

އެ ތަޖުރިބާގެ ވާހަކަ ހިއްސާކުރަމުން ސަންޖޭ ބުނީ ފަރުވާ ހޯދަން ފެށި އިރު ޑޮކްޓަރުން ދީފައި އޮތީ ފުރާނަ ސަލާމަތްވާނެކަމުގެ 50 ޕަސަންޓް ގެރެންޓީ ކަމަށެވެ. ސަބަބަކީ އޭނާގެ ހާލަތު އޭރު އޮތީ ސްޓޭޖް ހަތަރެއްގައި ކަމަށްވުމެވެ.

"އޮތީ ފިފްޓީ ފިފްޓީގެ ޗާންސެއްކަން ޑޮކްޓަރުން ވިދާޅުވީމަ ވަރަށް އަސަރުކުރި. އެކަމަކު އެއާ އެކު ވަރަށް ބޮޑު ހިތްވަރެއް ވެސް ލިބި، ފަރުވާ ވީހާ ވެސް އަވަސްކުރަން ބޭނުންވި. އަހަރެން ބުނާނީ ފަރުވާ އެހާ ބޮޑަށް އަވަސްކުރީމައޭ އަހަރަން ބަލިން ސަލާމަތްވުމުގެ ނަސީބު ލިބުނީ،" މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލުން ފަރުވާ ހޯދި ސަންޖޭ ބުންޏެވެ.

އޭނާ ބުނީ ކެންސަރުގެ ޝިކާރަކަށްވާ މީހުންނަށް ދޭން ވެސް އޮތް މެސެޖަކީ ވެސް ފަރުވާ ލަސްނުކުރާށޭ އެވެ.

"ކެންސަރުގެ ޝިކާރައަކަށްވުމަކީ ހަމަ ވަރަށް ހިތްދަތިކުރުވާނެ ކަމެއް. އެކަމަކު މީގައި ބަލަންވީ ކަމުގެ ޕޮޒިޓިވް ސައިޑަށް. އަހަރެންގެ ކޭސްގައި ޑޮކްޓަރުން ވިދާޅުވި ވާހަކަތަކަށް ބަލާ އިރު ފުރާނަ ސަލާމަތްވެދާނެކަމުގެ އުންމީދު އެއްކޮށް ގެއްލޭ ވަރުގެ ކަންކަން ވެސް އެބަހުރި ފާހަގަކުރެވިފައި،" ސަންޖޭ ބުންޏެވެ. "އެކަމަކު އަހަރެން ބައްޔާ ކުރިމަތިލީ ވަރަށް ޕޮޒިޓިވްކޮށް. އަނެއްކޮޅުން އާއިލާ އާއި ގާތް ރައްޓެހިންނާއި ސަޕޯޓަރުންގެ ހެޔޮދުއާ އަހަންނަށް މެދުކެނޑުމެއް ނެތި ލިބެމުން ދިޔަ."

ސަންޖޭ އަށް ކެންސަރު ޖެހުނު ވާހަކައާ އެކު އޭނާގެ ފިލްމީ ކެރިއަރަށް ދެން ވާނެ ގޮތަކާ ދޭތެރޭ ވެސް ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ. އޭނާ މަސައްކަތް ފަށާފައި ހުރި ފިލްމުތަކެއް ހުރުމުން އޭގެ ވާހަކަތައް މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވުނެވެ. ނަމަވެސް ސަންޖޭ ވަނީ ފަރުވާކުރަމުންނާއި އަދި ފަރުވާ އަށް ފަހު މަސައްކަތް ފަށާފައި ހުރި ހުރިހާ ފިލްމެއްގެ މަސައްކަތް މިހާރު ނިންމައިފަ އެވެ.

އޭގެ ތެރޭގައި ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕްރިތުވީރާޖް" އާއި އެ ސްޓޫޑިއޯގެ "ޝަމްޝޭރާ" ގެ އިތުރުން އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ހިމެނެ އެވެ.

ސަންޖޭގެ ދެ ފިލްމެއް މިދިޔަ އަހަރު ޑިޖިޓަލްކޮށް ޕްރިމިއާކުރި އެވެ. އެއީ "ސަޅަކް 2" އާއި "ތޯރްބާޒް" އެވެ.