Roadha Mihaaru
ސަންޖޭ ވަރަށް ހިކިފައި!

ކެންސަަރަށް ފަރުވާ ހޯދާ ސަންޖޭ ދަތު ވަރަށް ހިކިފައި!

05 އޮކްޓޯބަރ 2020

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ފުއްޕާމޭގެ ކެންސަރަށް ފަަރުވާ ހޯދަން ފެށުމާ އެކު ވަރަށް ބޮޑަށް ހިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ފުއްޕާމޭގެ ކެންސަރަށް ފަަރުވާ ހޯދަން ފެށުމާ އެކު ވަރަށް ބޮޑަށް ހިކިއްޖެ އެވެ.

އަންހެނުން މާންޔަތާ ދަތު އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ސަންޖޭގެ ފޮޓޯތަކުން ވެސް އޭނާ ވަރަށް ހިކިކަން ފާހަގަކުރެވުނަސް، މި ހަފުތާގައި ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެހެން ފޮޓޯއަކުން ފޭނުންގެ މެދުގައި ވަނީ ކަންބޮޑުވުންތަކެއް ވެސް އުފެދިފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު މަންޔަތާއާ އެކު ދަރިންނާ ބަައްދަލުކުރަން ދުބާއީ އަށް ކުރި ދަތުރަށް ފަހު، އެނބުރި އިންޑިއާ އަށް ދާން ފުރަން ގޮސް އެއާޕޯޓްގައި ފޭނަކާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު އޭގައި ފެންނަނީ ސަންޖޭ ވަރަށް "ބަލިކޮށެވެ." މީހާ ވަރަށް ބޮޑަށް ހިކިފައި ހުރި އިރު މޫނުމަތީގައި ވެސް މާ ބޮޑު އުފާވެރި ކަމެއް ނެތެވެ. އަދި އެ ފޮޓޯ އިން، 61 އަހަރުގެ އެކްޓަރު ފެންނަނީ ވަރަށް އަނަރޫފަކޮށެވެ.

ސަންޖޭ އަށް ފުއްޕާމޭގެ ކެންސަރު ޖެހުނުކަން އޮގަސްޓް މަހުގެ ކުރީކޮޅު އިއުލާންކުރި އިރު، މިހާރު ފެންނަ ގޮތާ އޭނާ ވަރަށް ތަފާތެވެ. އޭރު އެހާ ހިއްކެއް ވެސް ނޫނެވެ.

ސަންޖޭ ދުބާއީ އަށް 10 ވަރަކަށް ދުވަހަށް ދިޔައީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގައި ކީމޯތެރަޕީ ފަރުވާގެ ފުރަތަމަ މަރުހަލާ ވެސް ނިންމާލައި، ފަރުވާގެ ދެވަނަ މަރުހަލާ ފެށުމަށް ފަހު އެވެ. ރިޕޯޓްތައް ބުނާގޮތުން ސަންޖޭ ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގަ އެވެ. މުމްބާއީގައި ފަރުވާ ހޯދުމަށް ފަހު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާ އިތުރު ފަރުވާ އަށް އެމެރިކާ އަށް ވެސް ދާން ހަމަޖެހިފައިވެ އެވެ.

ކެންސަރަށް ފަރުވާ ހޯދި ނަމަވެސް ސަންޖޭ ފިލްމީ މަސައްކަތްތަކާ ދުރެއް ނުވެ އެވެ. އެގޮތުން ދުބާއީ އަށް ދިޔައީ އޭނާ ކުޅެން ފަށާފައި އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" ގެ ޝޫޓިންގެ ބާކީ ހުރި މަސައްކަތްތައް ވެސް ނިންމާލައިފަ އެވެ. ދެން ސަންޖޭ ފަށާނީ އެ ސްޓޫޑިއޯ އިން އަކްޝޭ ކުމާރާ އެކު ހަދާ "ޕްރިތުވީރާޖް" ގެ ޝޫޓިން އެވެ.