Roadha Mihaaru
ސަންޖޭ ބަލިވި އިރު ފަސް ފިލްމެއް ނުނިމި

ސަންޖޭ ދަތު ބަލިވި އިރު ފަސް ފިލްމެއް ނުނިމި

17 އޯގަސްޓް 2020

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ވާއިރު އޭނާ ފަސް ފިލްމެއްގެ މަސައްކަތް ފުރިހަމަކުރަން އެބަ އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އުމުރުން 61 އަހަރުގެ އެކްޓަރު މި ވަގުތު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގަ އެވެ. އަދި ވަރަށް އަވަހަށް ފަރުވާ އަށް އެމެރިކާ އަށް ފުރާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ވާއިރު އޭނާ ފަސް ފިލްމެއްގެ މަސައްކަތް ފުރިހަމަކުރަން އެބަ އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އުމުރުން 61 އަހަރުގެ އެކްޓަރު މި ވަގުތު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގަ އެވެ. އަދި ވަރަށް އަވަހަށް ފަރުވާ އަށް އެމެރިކާ އަށް ފުރާނެ އެވެ.

ސަންޖޭ އަށް ކެންސަރު ޖެހުނުކަން މިދިޔަ ހަފުތާގައި ކަށަވަރުވީ އޭނާގެ އާ ފިލްމު "ސަޅަކް 2" މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމައި، އޭގެ ޕްރޮމޯޝަންތައް ވެސް ފަށާފައި ވަނިކޮށެވެ. އެކަމަކު ބައްޔާ ހެދި އޭނާ ޕްރޮމޯޝަނަލް އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިއެއް ނުވާނެ އެވެ.

ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނެގިކަން ވެސް ސަންޖޭ ވަނީ މިދިޔަ ހަފުތާގައި ހާމަކޮށްފަ އެވެ. ކުއްލި ގޮތަކަށް ސަންޖޭ ބަލި އިރުވެ އިރު މަސައްކަތް އެއްކޮށް ނިންމައި ނުލެވި އޮތް ފަސް ފިލްމެއް އޭނާގެ އަތުގައި އެބައޮތެވެ. އޭގެ ތެރެއިން ދެ ފިލްމަކީ ޑިޖިޓަލްކޮށް ޕްރިމިއާކުރާ ދެ ފިލްމެކެވެ. އެއީ ޝޫޓިން ނިމި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ތޯޒްބާޒް" އާއި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.

އަޖޭ ދޭވްގަން ލީޑް ރޯލު ކުޅެފައިވާ "ބޫޖް" އަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އަދި ތާރީހެއް އިއުލާންނުކުރާ އިރު މީގެ ޑަބިން ފަދަ މަސައްކަތްތައް ބާކީ އެބަހުއްޓެވެ. "ތޯރްބާޒް" އަކީ ނެޓްފްލިކްސް އިން ސްޓްރީންކުރާނެ ފިލްމެކެވެ.

އެ ދެ ފިލްމުގެ އިތުރުން ސަންޖޭގެ އަތުގައި އޮތް އަނެއް ތިން ފިލްމަކީ ލޮކްޑައުންއާ ހެދި ޝޫޓިން ހުއްޓުމަކަށް އައި ތިން ފިލްމެކެވެ. މީގެ ތެރެއިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" އަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ކުރިމަތިލާން ނުޖެހުނު ނަމަ މިދިޔަ މަހުގެ 31 ގައި ރިލީޒްކޮށްފައި އޮންނާނެކެވެ. އެކަމަކު ލޮކްޑައުންއާ އެކު އޭގެ މަސައްކަތް ހުއްޓުނު އިރު އަދި ބާކީ ޝޫޓިންގެ ބައިތަކެއް އެބަހުއްޓެވެ.

ރަންބީރް ކަޕޫރާއި ވާނީ ކަޕޫރް ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާނެ "ޝަމްޝޭރާ" އަކީ ސަންޖޭ 2012 ގައި ކުޅުނު "އަގްނީޕަތު" ގެ ޑައިރެކްޓަރު ކަރަން މަލްއުތުރާ ޑައިރެކްޓްކުރާ އެކްޝަން-އެޑްވެންޗާ ފިލްމެކެވެ. ސަންޖޭ މިދިޔަ ހަފުތާގައި އެޑްމިޓްކުރީ "ޝަމްޝޭރާ" ގެ ޝޫޓިން އަލުން އެ ހަފުތާގައި ފަށަން ވެސް ނިންމާފައި ވަނިކޮށެވެ.

ސަންޖޭ ޝޫޓްކުރަން ޖެހޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" އަކީ ވެސް ވައިއާރްއެފްގެ ފިލްމެކެވެ. މީގެ މަސައްކަތް ލޮކްޑައުންގެ ކުރިން އޮތީ ފަށައިފަ އެވެ. އެކަމަކު އޭރު ސަންޖޭ ކްރޫއަކާ ނުގުޅެ އެވެ. އެހެންވެ އޭނާގެ މަސައްކަތް ކުރިއަށް އޮތީ އެވެ.

ދެހާސް ސަތާރައިގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުކުރާ "ޕްރިތުވީރާޖް" ގެ ޝޫޓިން އަލުން ފަށަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ފަހަރުގައި ސަންޖޭގެ ބަދަލުގައި އެހެން އެކްޓަރަކު ފިލްމަށް ނަގައިފާނެ އެވެ. އޭނާގެ ފަރުވާ އަށް ވާނެ ގޮތަކާއި އެކަމަށް ނަގާނީ ކިހާ ދުވަހެއްކަން ވެސް ކަށަވަރުނުވާތީ ސަންޖޭ ހިމަނައިގެން "ޕްރިތުވީރާޖް" ހަދަން މަޑުކުރާ ނަމަ އަކްޝޭގެ ތާވަލުތަކަށް ވެސް ވަރަށް ބޮޑު ބުރުލެއް އަރާނެ އެވެ. އެހެންވެ ނޫސްތަކުން ބުނާގޮތުގައި ވައިއާރްއެފުން މިހާރު ވެސް އަންނަނީ ސަންޖޭއާ އެކު ފިލްމު ކުރިއަށް ގެންދާނީތޯ ވިސްނަމުންނެވެ.

ސަންޖޭ މަސައްކަތް ފަށާފައި އޮތް އަނެއް ފިލްމަކީ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އެވެ. މި ފިލްމުގެ މާ ގިނަ މަސައްކަތެއް ނެތަސް ޝޫޓިންގައި އަދި ބާކީ މަންޒަރުކޮޅެއް އެބަހުއްޓެވެ. "ކޭޖީއެފް" ގެ ޓީމުން ބުނެފައިވާ ގޮތުގައި ސަންޖޭގެ ފަރުވާ އަށް ނަގާނެ ކަމަށް ބެލެވެނީ ތިން މަހެއްހާ ދުވަސް ކަމަށްވާތީ އެ މީހުން އޭނާ އެނބުރި އަންނަންދެން މަޑުކުރާނެ އެވެ.

އެ ފިލްމުގެ އެކްޒެކެޓިވް ޕްރޮޑިއުސަރު ކާތިކް ގައުޅާ މީޑިއާތަކަށް ބުނީ ސަންޖޭގެ މަންޒަރުތަކުގެ ތެރެއިން ބާކީ އޮތީ ތިން ދުވަހުގެ ޝޫޓިން ކަމަށެވެ. އެހެންވެ އޭނާ ފަރުވާ އަށް ފަހު އަންނަންދެން މަޑުކުރާނެ ކަމަށް ބުންޏެވެ. "ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ގައި ގެނެސްދިން "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކްއެލް އެވެ. ކަންނާޑާ އެކްޓަރު ޔާޝް ބަތަލުގެ ރޯލް ކުޅޭ ފިލްމުގައި ސަންޖޭ ފެނިގެންދާނީ އަދީރާ ކިޔާ ވިލަންއެއްގެ ރޯލުންނެވެ. ފިލްމުގެ ޓީމުން ދާދި ފަހުން ވަނީ އޭނާގެ ފަސްޓްލުކް ވެސް ދައްކާލައިފަ އެވެ. މި ފިލްމުގެ ކާސްޓްގައި ރަވީނާ ޓަންޑަން ވެސް ހިމެނެ އެވެ.

"ކޭޖީއެފް: ޗެޕްޓާ 2" އަކީ އޮކްޓޯބަރު ފަހުކޮޅު ސިނަމާތަކަށް ގެނެވޭނެ ކަމަށް ލަފާކޮށްފައި އޮތް ފިލްމެކެވެ. އެކަމަކު އެ ފުރުސަތެއް މިހާރަކު ނެތެވެ.

ސަންޖޭ ބަލިވުމާ އެކު އޭނާގެ އަންހެނުން މަންޔަތާ ދަތު ކުރި ޓްވީޓެއްގައި ވަނީ ފިރިމީހާ އަކީ އަބަދު ވެސް ދަތި އުނދަގޫ ހާލަތްތައް ތަޖުރިބާކޮށްފައިވާ މީހެއް ކަމަށް ބުނެފަ އެވެ. އަދި މިއީ ވެސް އެފަދަ ހާލަތެއް ކަމަށާއި އެކަމަކު ސަންޖޭ އަކީ ކަންކަމާ ކެތްތެރިކަމާ އެކު ކުރިމަތިލައި ކާމިޔާބު ހޯދާ މީހެއް ކަމަށް ބުނެފައިވެ އެވެ. އެހެންވެ ބަލިން ވެސް ފަސޭހަވެގެން އޭނާ އެނބުރި ވަރަށް އަވަހަށް އަންނާނެ ކަމަށް މާންޔަޔާ ބުންޏެވެ.