Roadha Mihaaru
ގިނަ ޝަރީއަތްތައް ކެންސަލްވީ އިދާރީ މައްސަލަތަކާ ހެދި

ކްރިމިނަލް ކޯޓުގެ ގިނަ އަޑުއެހުންތައް ކެންސަލްވީ އިދާރީ ސަބަބު ހެދި

07 ފެބުރުއަރީ 2021

ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރު ކެންސަލްވި އަޑުއެހުންތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަކަށް ވުރެ ގިނަ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބުތަކާ ހެދި ކަމަށް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރު ކެންސަލްވި އަޑުއެހުންތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަކަށް ވުރެ ގިނަ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބުތަކާ ހެދި ކަމަށް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު 1، 2019 އިން މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ކްރިމިނަލް ކޯޓުން ބާއްވަން ތާވަލްކުރީ 7،850 އަޑުއެހުމެވެ. އޭގެ ތެރެއިން 4،424 މައްސަލަ އެކި އެކި ސަބަބުތަކާ ހެދި ކެންސަލްވި އެވެ. ހިސާބުތަކުގައިވާ ގޮތުން އޭގެ ތެރެއިން 2،502 މައްސަލަ ކެންސަލްކުރަން ޖެހުނީ އިދާރީ ސަބަބުތަކާ ހެދި އެވެ.

ކްރިމިނަލް ކޯޓުގެ 2020 ވަނަަ އަހަރުގެ ތަފާސްހިސާބު

ކްރިމިނަލް ކޯޓުގެ 2020 ވަނަަ އަހަރުގެ ތަފާސްހިސާބު

ކްރިމިނަލް ކޯޓުން ދެވަނަ އަށް އެންމެ ގިނަ އަޑުއެހުން ކެންސަލްކުރީ ދައުވާ ލިބޭ ފަރާތާ ގުޅުންހުރި ސަބަބުތަކާ ހެދި އެވެ. އެކަމަކު އެއީ އިދާރީ މައްސަލަތަކުގެ ސަބަބުން ކެންސަލްކުރި އަޑުއެހުންތަކުގެ އަދަދާ އަޅާބަލާއިރު މަދު އަދަދެކެވެ. ދައުވާ ލިބޭ މީހުންނާ ގުޅުންހުރި ސަބަބުތަކުން ކެންސަލްވީ 510 މައްސަލަ އެވެ. ތިން ވަނައަށް އެންމެ ގިނަ މައްސަލަ ކެންސަލްކުރަން ޖެހުނީ ދިފާއީ ވަކީލުންނާ ގުޅުންހުރި ސަބަބުތަކާ ހެދި އެވެ. އެއީ 364 މައްސަލަ އެވެ.

ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް

ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް

ކްރިިމިނަލް ކޯޓުން މިދިޔަ އަހަރު ތާވަލްްކުރި އަޑުއެހުންތަކުގެ ތެރެއިން 323 މައްސަލައެއް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅުން ހުރި މައްސަލަތަކުގައި ކެންސަލް ކުރަން ޖެހުނެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅުންހުރި ކަންތަތަކާ ހެދި 312 މައްސަލައެއް ކެންސަލް ކުރަން ޖެހުނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކްރިމިނަލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅީ 985 މައްސަލަ އެވެ. ކުރިން ހުށަހަޅާފައިވާ މައްސަލަތަކާއި އެކު އެކޯޓުގައި ނުނިމި ހުރި މައްސަލައިގެ ޖުމްލައަކީ 1711 އެވެ. އެ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ޖުމްލައަކީ 2،238 އެވެ. އެ ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ހިމެނޭ 248 މީހަކު ބަންދުގައި އެބަތިބި ކަމަށް ވެސް ޑީޖޭއޭއިން އާއްމުކުރި ހިސާބުތަކުން ދައްކަ އެވެ.