Roadha Mihaaru
ލީކުކޮށްލީ ތަހުގީގަށް ނެގި ސައްހަ ބަޔާންތަކެއް: ޕޮލިސް

ލީކުކޮށްލީ ސައްހަ ބަޔާންތަކެއް، ފިޔަވަޅު އަޅާނަން: ޕޮލިސް

02 މެއި 2018

ސޯޝަލް މީޑިއާގައި ލީކުކޮށްލައިގެން އުޅެނީ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ނެގި ސައްހަ ބަޔާންތަކެއް ކަމަށާއި އެ ބަޔާންތައް އާއްމުކުރި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސޯޝަލް މީޑިއާގައި ލީކުކޮށްލައިގެން އުޅެނީ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ނެގި ސައްހަ ބަޔާންތަކެއް ކަމަށާއި އެ ބަޔާންތައް އާއްމުކުރި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލީކުކޮށްލި ބަޔާންތަކުގެ ތެރޭގައި، ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަމަލު ކުރެއްވި ގޮތާއި ބައެއް ގާޒީންނަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ހެކިބަސް ދީފައިވާ ބަޔާންތައް ހިމެނެ އެވެ. އަދި، އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު، އަހްމަދު އަރީފް އަމަލު ކުރެއްވި ގޮތާ ގުޅޭ ގޮތުން ފުލުހުންގެ އިސް ވެރިން ދެއްވި ކަަމަށް ބުނާ ބަޔާންތަކެއް ވެސް ހިމެނެ އެވެ.

ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ނުދީ، އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވީ ތަހުގީގަށް ނެގި ބަޔާންތައް ލީކުކޮށްލި މައްސަލަ ވަރަށް ސީރިއަސްކޮށް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ބަޔާންތައް ލީކުކޮށްލީ، ފެބުރުއަރީ 1ގެ އަމުރާ ގުޅިގެން ތުހުމަތުކުރެވޭ ނުފޫޒުގަދަ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމަކީ މި މައްސަލައިގައި ކުރިމަތިކުރެވޭ، ބައެއް ނުފޫޒު ފަދަ ފަރާތްތަކުން އެ ބޭފުޅުންގެ ނުފޫޒު ބޭނުންކޮށްގެން ހިންގަވާފައިވާ ވަރަށް ހުތުރު އަދި ދަށު ދަރަޖައިގެ އަމަލެއް ކަން އަޅުގަނޑު ފާހަގަކޮށްލަން،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަހުގީގަށް ފަހު، އެކަން ކުރި ބައެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ އެވެ.

މި ބަޔާންތައް އާއްމުވެފައި މިވަނީ، މައްސަަލަ ބޮޑުވި ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައި ވަނިކޮށެވެ. ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އެ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

މިކަން ފާހަގަކުރައްވައި ޝިފާން ވިދާޅުވީ ފެބުރުއަރީ 1 ގެ އަމުރާ ގުޅިގެން ބައެއް ބޭފުޅުންގެ ޝަރީއަތް ފަށާފައިވާއިރު، ރިޝްވަތު ދީގެން ޝަރީއަތަށް ނުފޫޒު ފޯރުވަން އެކި ސިފަސިފައިގައި މީގެކުރިން ވެސް ނުފޫޒު ފޯރުވަމުންދާ ކަން ފުލުހުންނަށް އެނގޭ ކަމަށެވެ. މިއީ، ފުލުހުންނާއި ޝަރުއީ ނިޒާމްގެ އިތުބާރު ގެއްލުވާލައި ގާނޫނީ ނިޒާމަށް ދަތިކުރަން ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން، މިފަދަ އެއްވެސް އަމަލަކުން ފުލުހުންގެ ސާބިތުކަމަށް، އަދި އަޒުމަކަށް ބަދަލެއް ނާންނާނެ،" ޝިފާން ވިދާޅުވި އެވެ.

ލީކުކޮށްލި ބަޔާންތަކުގެ ތެރޭގައި، ބައެއް ފަނޑިޔާރުންނާއި ފުލުހުންގެ އިސް ވެރިންތަކެއްގެ "ބަޔާން" ހިމެނެ އެވެ. ބައެއް ބަޔާންތަކުގައިވާ ގޮތުން، ވަކި ގޮތަކަށް ހުކުމްތައް ނެރެން ގާޒީންނަށް ނުފޫޒު ފޯރުވާފައިވެ އެވެ.