Roadha Mihaaru
މިއަހަރު ޖީޑީޕީ 34 ޕަސެންޓް ކުރިއަރާނެ: އަމީރު

މިއަހަރު ޖީޑީޕީ 34 ޕަސެންޓް ކުރިއަރާނެ: އަމީރު

05 ފެބުރުއަރީ 2021

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އައި ބޮޑު ހުއްޓުމަށް ފަހު މިހާރު ޓޫރިޒަމަށް އަންނަމުންދާ އުންމީދީ ކުރިއެރުންތަކާ އެކު މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަަމުގެ ނިސްބަތް 34 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އައި ބޮޑު ހުއްޓުމަށް ފަހު މިހާރު ޓޫރިޒަމަށް އަންނަމުންދާ އުންމީދީ ކުރިއެރުންތަކާ އެކު މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަަމުގެ ނިސްބަތް 34 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އަމީރު ވިދާޅުވީ މިދިޔަ އަހަރު ކޮވިޑާ ހެދި އިގްތިސާދު އަޑިއަޅާލި ނަމަވެސް މި އަހަރަށް އިގްތިސާދީ ގޮތުން ކުރައްވާ އުންމީދު ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އެވްރެޖުކޮށް 3،000 ޓޫރިސްޓުން ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ކަމަށާއި ނަމަވެސް އޭޕްރީލް ހިސާބަށްދާ އިރު ޗައިނާ އާއި ޔޫރަޕްގެ ގައުމުތައް ހުޅުވައިލުމުން ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 5،000 އަށް އިތުރުވާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި ލަފާކުރަނީ 2021 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ގާތްގަނޑަކަށް 34 ޕަސެންޓަށް ކުރިއަރައިދާނެ ކަމަށް. މިއަހަރު ވެގެންދާނީ އުންމީދީ އަހަރަކަށް،" އޭނާ ވިދާޅުވި އެވެ

ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް ދަސްވީ އިގްތިސާދާއި ސިއްހީ ކަންކަމާ އޮތް ގުޅުން ކަމަށާއި އިގްތިސާދު ހަމަ މަގަށް އެޅުވެން އޮތީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވިގެން ކަމަށް އަމީރު ވިދާޅުވި އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ފަހު އިގްތިސާދު ކުރިއަރުވަން މަސައްކަތްކުރަމުން އަންނައިރު އެންމެ ބޮޑު އިސްކަމެއް ދެނީ ބަލިން އަރައިގަތުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އަމީރު ވިދާޅުވީ ބަޖެޓު ތަންފީޒުކުރުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ލަފާކުރި އާމްދަނީ ނުލިބުން ކަމަށެވެ. އޭނާ ވިދާޅުވީ މި ސަބަބާ ހެދި ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތް ނަމަވެސް އިތުރު ލޯނާއި މާލީ އެހީތައް ބޭރުން ހޯދަން ޖެހުނު ކަމަށެވެ. އަމީރު ވިދާޅުވީ މިދިޔަ އަހަރު 530 މިލިއަން ޑޮލަރު މާލީ އެކި އިދާރާތަކުން ސަރުކާރުން ހޯދި ކަމަށެވެ.

މިދިޔަ އަހަރު އިގްތިސާދަށް އައި ލޮޅުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިގްތިސާދު ކޮޅަށްޖެހުމަށްޓަކައި މަސައްކަތްކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލުނު 17،700 މީހުންނަށް 260 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް 580 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިސްކްސް އިން މިދިޔަ އަހަރު ނެރުނު ދެ ވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ރާއްޖޭގެ ކުއާޓާލީ ޖީޑީޕީ 51 ޕަސެންޓު ދަށަށް ދިޔަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުއާޓާލީ ޖީޑީޕީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 54 ޕަސެންޓުން ދަށަށް ދިޔަ އެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ލަފާކޮށްފައިވަނީ ކޮވިޑްގެ ސަބަބުން ނިސްބަތުން އެންމެ ބޮޑަށް ގެއްލުންވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ.